'ގެދޮރުވެރިޔާ' ސްކީމުން ފުލެޓު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންގެ އަތުން އެ ފުލެޓުތައް އަތުލާ ނަމަ އެކަން ކުރެވޭނީ ކޯޓު މެދުވެރިކޮށް ކަމަށް ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރާށެވެ. އެހެންވެ، އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށެވެ.
ބުނީ ކީކޭ؟ - ފަހި ޔޫނިއަންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އަލީ ހުސެއިން ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ ސްކީމުން ފުލެޓު ލިބޭ މީހުން އޮތީ ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރާއި ފުލެޓް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 15 ނޮވެމްބަރު 2023ގައި ހުޅުވާލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އާންމުކޮށްފައިވާ އުސޫލަށް ބަލާ އިރު، ފުލެޓު އެއްބަސްވުން ހެދުމާ އެކު، އެ ފްލެޓުތަކުގެ ހައްގުވެރި ފަރާތްތަކަށްވާނީ، ފުލެޓު އެއްބަސްވުމުގައި ސޮއިކުރި މީހުން ކަމަށާއި އެއީ ނިމިފައިވާ މުއާމަލާތެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އެ އުސޫލުގެ ހަވަނަ ނަންބަރުގައި ބުނަނީ:
ފުލެޓު ލިބޭ ފަރާތާއި ފުލެޓް ރަސްމީކޮށް ހަވާލުކުރާނީ މި ސްކީމް ހިންގާ ފަރާތަކުން ކަނޑައަޅާ ފަރާތަކާއި ފުލެޓު ލިބޭ ފަރާތަކާ ދެމެދު ވެވޭ އެގްރީމެންޓަކުން ކަމަށް
"މި [4000 ފުލެޓުގެ] މުއާމަލާތަކީ ހަގީގަތުގައި ނިމިފައި އޮތް މުއާމަލާތެއް. 4000 ފުލެޓު އެވަނީ 4000 މީހުންނާ ހަވާލުކޮށް ނިމިފައި. އެއީ އުސޫލުގައި ބުނާގޮތުން އެގްރީމެންޓް ވެވޭ ހިސާބުން ފުލެޓު އެއޮތީ ހަވާލުކުރެވިފައި." އަލީ ހުސެއިން ވިދާޅުވި އެވެ.
ކޮންކްރެކްޓާ ބެހޭ ގާނޫނަށް ބަލާ އިރު ވެސް، އީޖާބާއި ގަބޫލު ހިންގުމުން އެއްބަސްވުމެއް އުފަންވާނެކަން އެނގޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ހައްގެއް އުފަންވާނެ ކަމަށާއި، އެއީ ރޫޅާލެވޭނެ ހައްގެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ގާނޫނީ ގޮތުން އެ ފުލެޓު ހައްގުވާ ފަރާތާ ހަވާލުކުރުމަށް ފަހު އެ ފުލެޓު އަނބުރާ ސަރުކާރަށް އަތުލެވޭނެ ހަމައެކަނި ގޮތަކީ ކޯޓަށް ގޮސްގެން. ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ގޮތަކަށް މި ފުލެޓުތަކެއް ހަގީގަތުގައި ސަރުކާރަށް އަތެއް ނުލެވޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފުލެޓުތައް މިހާރު އޮންނަންވާނީ ހަވާލުކޮށް ނިމިފައި ކަމަށާއި އެކަން ނުވެ އޮތީ މި ސަރުކާރުގެ ސަބަބުން ކަމަށެވެ. އެ ފުލެޓުތައް ހަވާލުނުކޮށް، އެކަމާ ހުރަސް އަޅާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ފުލެޓުތައް ހަވާލު ކުރުން ލަސްވާ މައްސަލައިގައި ފަހި ޔޫނިއަނުން މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކޮށް ވެސް ކަންބޮޑުވުންތައް ހިއްސާކުރި އެވެ. އެ ބައްދަލުވުމުގައި ވެސް ފަހި ޔޫނިއަންއިން ވަނީ މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 3778 މީހުންނާއެކު ފުލެޓު އެއްބަސްވުމުގައި އޭރު ސޮއިކޮށްފައިވާ ކަން ފާހަގަކޮށްފަ އެވެ.
4000 ފުލެޓު އޮތީ ދީފައި؛ އާ ލިސްޓަކަށް ފްލެޓުދޭ ނަމަ އެކަން ކުރެވޭނީ ކޯޓް މެދުވެރިކޮށް: ފަހި ޔޫނިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ