ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސަކަށް އިތުރު ދައުރަކަށް ލަތީފް އިންތިހާބުކޮށްފި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސަކަށް އިތުރު ދައުރަކަށް ލަތީފް އިންތިހާބުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ދައުރަށް މިހާރު ވެސް އެ މަގާމު ފުރަމުން އަންނަ މުހައްމަދު ލަތީފް އިންތިހާބުކޮށްފި އެވެ.
ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް ލަތީފް އިންތިހާބުވެވަޑައިގެންނެވިއިރު، މިއީ މި މަގާމާ އޭނާ ހަވާލުވާނެ ތިން ވަނަ ފަހަރެވެ.
ލަތީފް، އެންމެ ފުރަތަމަ ވޮލީ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ 2016 އަހަރު އެވެ. އެ އަހަރުން ފެށިގެން 2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ރަނޭ، މިދިޔަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހު އިސްތިއުފާ ދިނުމުން، އޭނާގެ ދައުރުގެ ބާކީ އޮތް އަހަރަށް ލަތީފް އިންތިހާބުވީ، މިދިޔަ އަހަރު އެވެ.
ލަތީފް އާއި އޭނާގެ ޓީމު، ރޭ އިންތިހާބުކުރި، އެ ލީޑަޝިޕްގެ ހަތަރު އަހަރުގެ ދައުރު ފަށާނީ އޭޕްރީލް އެއް ވަނަ ދުވަހު އެވެ.
ރޭ ބޭއްވި ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް
ވޮލީ އެސޯސިއޭޝަނުގެ އިންތިހާބުގައި، ވޯޓު ލެވޭ 13 މެމްބަރުންގެ ތެރެއިން 11 މެމްބަރުން ވޯޓު ލައިގެން، ހޮވި 15 މެމްބަރުންގެ އެކްސްކޯގައި ހިމެނެނީ ކުރިން ވެސް އެ މަގާމުތަކުގައި ތިބި ގިނަ ފަރާތްތަކެވެ.
އެ ގޮތުން، ލަތީފާ އެކު އިންތިހާބުވި، ލީޑަޝިޕް ޓީމުގައި، ސީނިއާ ނައިބު ރައީސަކީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މީގެ އިތުރުން، ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް ޝިޔާމް އަލީ އާއި އަލީ ލަތީފް، ނައިބު ރައީސް އިދާރީ އަކަށް އިއްޒަތު ވަހީދު އަދި ނައިބު ރައީސް އަންހެން މަގާމަށް އިންތިހާބުވީ، އާއިދާ އަބްދުލް ހަކީމް އެވެ.
ހިންގާ ކޮމިޓީ މެންބަރުންގެ ގޮތުގައި، ޕޮލިސް ކްލަބްގެ ކޯޗު، ފަތުހުﷲ ވަހީދު، ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރި، ސޮފްވާން އަހުމަދު، ގައުމީ ފިިރިހެން ޓީމުގެ ކޯޗު، މުހައްމަދު ޝަރަފްގެ އިތުރުން، މުހައްމަދު ފަހުމީ، އަހުމަދު ނަޝީދު އަދި އަންހެން މެމްބަރެއްގެ ގޮތުގައި، އައިޝަތު ފަތީނަތު ހިމެނެ އެވެ.
މީގެ އިތުރުން، ދެން ހިންގާ ކޮމިޓީ އަށް ހަޒާންދާރުގެ ގޮތުގައި، މިދިޔަ ލީޑަޝިޕްގައި ވެސް މަސައްކަތްކުރި، މުހައްމަދު ރާމިޒް އިންތިހާބުކުރިއިރު، ދެން ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވީ، ކުރިން ވެސް އެ މަގާމު އަދާކުރަމުން އައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވި، މުހައްމަދު ސައީދު އެވެ.
މިދިޔަ އަހަރު، ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ފުރުސަތު ދެއްވީ، އެ އެސޯސިއޭޝަންގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށް މުުހުލަތެއް ދީފަ އެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަކޮށްފައިނުވާއިރު، ވޮލީ އެސޯސިއޭޝަންގެ އޮޑިޓާ ގުޅޭ ހުރިހާ ކަމެއް އަދިވެސް އެއްކޮށް ނިމިފައިނުވެ އެވެ.
އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އިން މިހާރު ވެސް އޮތީ ވޮލީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި ބައެއް ކަންތައްތަކަށް ބަދަލުގެންނަން ލަފާދީފައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ