'ދިރާގު ރަށު އެކްސްޕޯ' ފަށައިފި

ރާއްޖޭގައި ރަށްރަށުގައި ހުރި ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށް ބާއްވާ 'ދިރާގު ރަށު އެކްސްޕޯ' މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދި ޓްރެވަލް ގާއިޒް އިން އިންތިޒާމްކޮށްގެން ބާއްވާ 'ދިރާގު ރަށު އެކްސްޕޯ' ފެށީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ތަފްސީލް - މި އެކްސްޕޯގެ މަގުސަދަކީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ރަށު ކައުންސިލްތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.
އެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކާލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދިނުމަކީ ވެސް މި އެކްސްޕޯގެ ބޭނުމެކެވެ.
ބުނީ ކީކޭ؟ - "ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަށް ވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.   
"މި އެކްސްޕޯގެ އެހީގައި، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކާލަން ފުރުސަތު ލިބި، ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާ އާންމުންނާ ގުޅުވައިދެވިގެންދާނެ."
ދިރާގަކީ ޓޫރިޒަމްގެ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ޓޫރިޒަމް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ