ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުން: އުއްތަމަފަނޑިޔާރު

ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. 
އުއްތަމަފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ 7 މެޖިސްޓްރޭޓް ކޯޓަކަށް އައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި، ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޤާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ގޮތަށް ޢަދުލުވެރިކަމާއިއެކު މަސައްކަތް ކުރެވިގެން ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއީ ފަނޑިޔާރުންގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއްކަން ވެސް ފާހަގަކުރެއްވިއެވެ.
"މީ އަޅުގަނޑުމެން ފަނޑިޔާރުންގެ މައްޗަށްއޮތް ވަރަށް ބޮޑު ވާޖިބެއް، ވަރަށް ބޮޑު މައްސޫލިޔަތެއް، އަޅުގަނޑުމެން މިކުރި ހުވަޔާ އެއްގޮތަށް ﷲ ސުބަހާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މިކަން ކުރުންމަތީ ދެމިތިބެން ޖެހޭނެ،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
މީގެއިތުރުން، އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ އެއްފަރާތަކީ މެޖިސްޓްރޭޓުންނެވެ. އެހެންކަމުން، އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ވިސްނުންތެރިކަމާއި އިހުސާންތެރިކަން ހުންނަންވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އަދި މެޖިސްޓްރޭޓުންގެ މަސައްކަތުގައި ވިސްނުންތެރިކަމާއި އިހުސާންތެރިކަން ނެތި މަސައްކަތް ކުރާނަމަ، އޭގެ ސަބަބުން ނިކުމެދާނެ މައްސަލަތަކަށް ވިސްނުމުގެ މުހިންމުކަން ވެސް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ