ޖިނާއީ އަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރެވޭނެ ކަންކަން ދެނެގަތުމަށްޓަކައި "އަންލޮކިންގ ޖަސްޓިސް" ގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ބަންޑާރަނައިބުގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސް ގައެވެ.
އޭޖީއޯ އިން ބުނީ މި ބައްދަލުވުމަކީ، އިނގިރޭސި ހައިކޮމިޝަނުގެ ފަރާތުން ޓެޓްރާ ޓެކް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްއިން، ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ހޯދުންތަކާއި، އެ ހޯދުންތަކުގެ އަލީގައި ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސްޓޭކްހޯލްޑަރުންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު ދެއްކެވި ވާހަކަފުޅުގައި، ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދެމެހެއްޓެނިވި، ވަށާޖެހޭ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ފާހަގަކުރައްވާފައިވެއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އާއި ބަންޑާރަނައިބު އަޙްމަދު އުޝާމް، ބައްދަލުވުމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި ވާހަކަ ދައްކަވާފައިވެއެވެ. ބަންޑާރަނައިބުގެ ވާހަކައިގައި، ޖިނާޢީ ޢަދުލުގެ ނިޒާމާގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ޝަރީޢަތްތައް ލަސްވުމާގުޅޭ ކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
އަދި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން އިތުރަށް ހަލުވިކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި މުޢާމަލާތްކޮށް މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ޖިނާޢީ ޢަދުލުގެ ނިޒާމާމެދު ސްޓޭކްހޯލްޑަރުންގެ ތަޞައްވުރާއި، ޖުޑީޝަލް ލީޑާޝިޕްއާއި، މި ނިޒާމާއި ޑިޖިޓައިޒޭޝަނާހުރި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިސްވެރިން ހިމެނޭހެން ތިން ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައި ވެއެވެ.
މި ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ބައިވެރިވެޑަގެންފައިވެއެވެ. މީގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި، ގާޒީންނާއި، ޕީޖީއޯ އާއި އޭޖީއޯގެ ވަކީލުންގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ބާ ކައުންސިލުން ވެސް ބަިއވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ