އާދައިގެ ސިވިލް ސާވަންޓުން ރޯދަމަހުވެސް މުސާރަ ހޯދަން, ގުދާރު ބިންދައިގެން ވަޒީފާ އަދާކުރަން ޖެހޭރި އިރު, މެމްބަރުން މުޅި ރޯދަމަހު ޗުއްޓީއަށް! 80 ހާސް ރުފިޔާގެ މުސާރަ ހަލާލެއް ނުވާނެ!

ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، މަޖިލީހުގެ ދައުރު ކުރުކޮށްލަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރުން އަބްދުﷲ ރިފާއު ހުށަހަޅުއްވައިފި އެވެ.
ރިފާއު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ކޮންމެ އަހަރަކު އޮންނަ މަޖިލީހުގެ ތިން ދައުރުގެ މުއްދަތު ކަނޑައަޅަން ވަނީ ހުށަހަޅުއްވާފަ އެވެ.
އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ޖެނުއަރީ މަހު ފަށާ ހަމަ އެ މަހުން ނިންމަން ރިފާއު ވަނީ ހުށަހަޅުއްވާފަ އެވެ. މަޖިލީހުގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން ފުރަތަމަ ދައުރު ފެށެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދައުރު ނިމެނީ މެއި މަހު އެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ޖޫން 1، އިން އޮގަސްޓު 15، އަށެވެ. ތިންވަނަ ދައުރު ހިނގަނީ އޮކްޓޯބަރު 1، އިން ނޮވެމްބަރު 30، އަށެވެ. ރިފާއު ހުށަހެޅުއްވި އިސްލާހުގައި ދެވަނަ ދައުރު ހިނގަނީ އެޕްރީލް 1، އިން ޖުލައި 31، އަށެވެ. ތިންވަނަ ދައުރު ހިނގަނީ ސެޕްޓެމްބަރު 1، އިން ނޮވެމްބަރު 30، އަށެވެ.
މިގޮތަށް އިސްލާހު ގެނައި ނަމަވެސް މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މި ހިނގާ ފެބްރުއަރީގެ ނިޔަލަށް ކަމަށްވެސް ރިފާއުގެ މައްސަލާގައި ހުށަހަޅުއްވާފައިވެ އެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް މި އިސްލާހު އޭނާ ހުށަހެޅުއްވީ ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް މެމްބަރުން ޗުއްޓީއަށް ދިއުމުގެ މަގުސަދުގައިކަމަށް ވަނީ ކަށަވަރު ވެފައެވެ.
އެހެންނަމަވެސް އާދައިގެ ސިވިލް ސާވަންޓުން ރޯދަމަހުވެސް މުސާރަ ހޯދަން, ގުދާރު ބިންދައިގެން ވަޒީފާއަށް ނިކުންނަން ޖެހޭއިރު, ބޮޑު މުސާރަ ނަގައިގެން ތިބޭ މެމްބަރުން އެމީހުން އަމަލުކުރަންޖެހޭ އުސޫލަށް އަމިއްލައަށް ބަދަލު ގެނެސް, މުޅި ރޯދަމަސް ޗުއްޓީގައި ތިބޭގޮތަށް ހެދުމަށް މިވަނީ ނިންމާފައެވެ.
މިސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މިމަޖިލިހުގެ މެމްބަރުން ބޮޑު މުސާރަ ނަގައިގެން އަމިއްލައަށް ޗުއްޓީއަށް ދިއުމަށް މަޖިލިސް ގަވާއިދަށް ބަދަލު ގެނައުމަށް ހުށަހެޅުމުން އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސުޕަރ މެޖޯރިޓީއަށް އަމާޒު ވެފައެވެ.
އަދި ކުޑަ މުސާރާގައި މަސައްކަތް ކުރަމުންދާ އާދައިގެން ސިވިލް ސާވަންޓުންނަށް މުސާރަ ހަލާލު ވުމަށް މުޅި ރޯދަމަހު މަސައްކަތު ނިކުތުން ލާޒިމްވާއިރު, މަޖިލިސް މެމްބަރުން މުޅި ރޯދަމަހު ޗުއްޓީގަ ތިބެގެން މުސާރަ ހަލާލު ނުވާނެކަމަށް ބުނެ ގިނަބަޔަކު ދަނީ ސުޕަރ މެޖޯރިޓީގެ މި ބޭއިންސާފަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ