އެޕިސޯޑް 13
އަންގާރަ ދުވަހުގެ ބަޔާ ގުޅޭ
"އަހަރެން މި އުޅެނީ މީހަކާ އިންނަން،" ސާއިރާ ބުންޏެވެ. ކުއްލިއަކަށް ހަމްދޫން ތެދުވި އެވެ.
"މަންމާ!" ހަމްދޫނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
"ދަރިފުޅާ! އިހަށް މަޑުކޮށްބަލަ،" ހަމްދޫން ހިނގައިގަތުމުން ސާއިރާ ބުންޏެވެ.
"ސާއިރާ އެކަމާ ހާސްނުވޭ. މަންމަ އޭނައަށް ވިސްނައިދޭނަން. މަންމަ ތިކަމާ ގަބޫލު. ކޮން ނަމެއް ކިޔާ ކާކާ ދަރިފުޅު އިންނަނީ؟" ހަރީރާ ބުންޏެވެ.
"މަބުރޫކުބޭބެ،" ހުދާ ބުންޏެވެ. "އަހަރެންނަށް ކުރިން ވެސް އެކަހަލަ ޝައްކެއް ވި. އެކަމަކު މިއަދު މި ޔަގީންވީ."
"ދަރިފުޅު އެކަމާ ގަބޫލުތަ؟" ހުދާ ގާތުގައި ސާއިރާ އަހައިލި އެވެ.
"ކީއްވެ ގަބޫލު ނުވާންވީ؟" ހިނިތުންވެލަމުން ހުދާ ބުންޏެވެ. ސާއިރާ ފުން ނޭވައެއް ބޭރުކޮށްލި އެވެ. ހަމަޖެހުމުގެ ނޭވައެކެވެ.
މަބުރޫކު އިނީ ކެބިންގަ އެވެ. އެތެރެއަށް ވަދެގެން އައީ ނަޝީދެވެ. އޭނަގެ މޫނުމަތިން ރުޅިވެރިކަމެއް ނުފެނެ އެވެ. އޭނާ ވަންނަން ހުއްދަ ދިނީ ވެސް މަބުރޫކެވެ. ވާހަކައެއް ދައްކާލަން ބުނުމުންނެވެ.
"މަބުރޫކަށް އެނގޭތަ ސާއިރާގެ ގޮތް؟" ނަޝީދު އަހައިލި އެވެ.
"ވަރަށް ރަނގަޅަށް،" މަބުރޫކު ބުންޏެވެ.
"އަދި ނޭނގެނީ. އެނގިއްޖިއްޔާ ތި ކައިވެންޏެއް ނުކުރާނެ. ތި ކުރަން އުޅެނީ މޮޔަ ކަމެއް އިނގޭ،" ނަޝީދު ބުންޏެވެ.
"ތިކަން ސަމާލުކަމަށް ގެނައީތީ ޝުކުރިއްޔާ. އެކަމަކު ނަޝީދު އެކަމާ އެހާ ބޮޑަށް ނުވިސްނާ،" މަބުރޫކު ވާހަކަ ދެއްކީ މަޑުމަޑުންނެވެ. މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ.
"މަބުރޫކު ލަދެއް ނުގަނޭތަ އެހާ ބޮޑެތި ދަރިން ތިބި މީހަކާ އިންނަން ތި އުޅެނީ،" މަލާމާތުގެ ރާގެއްގައި ނަޝީދު ބުންޏެވެ.
"ސާއިރާގެ ވާހަކަ ނަޝީދުގެ ދުލުން އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. އެ ނޫން ވާހަކައެއް އޮތިއްޔާ ބުނޭ. އެހެން ނޫނީ އެ ހުރީ ވަން ދޮރު. އެންމެ ރަނގަޅު ނުކުމެގެން ދިޔަޔަސް."
ނަޝީދު ގޮނޑިން ތެދުވި އެވެ. އަދި މަބުރޫކުއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މަބުރޫކު އިތުރު އެއްޗެއް ނުބުނުމުން ނުކުމެގެން ދިޔަ އެވެ. ކާރުގައި އިން އިރު ވެސް ނަޝީދު ވިސްނަމުން ދިޔައީ މަބުރޫ ދެއްކި ވާހަކައާ މެދުގަ އެވެ.
ނަޝީދު ގެއަށް ވަން އިރު ރީޓާ އިނީ ފޯނުގަ އެވެ. ނަޝީދު ފެނުމުން ރީޓާ ވަރަށް އަވަސް އަވަހަށް ފޯނު ބޭއްވި އެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ނަޝީދަށް އެކަން ފާހަގަ ކުރެވުނެވެ.
"މަންމަތަ؟ އަހަރެން ވާހަކަ ދައްކާލަން ވެސް ދިން ނަމަ،" ނަޝީދު ނޫން ގޮތަކަށް ބުންޏެވެ. ކައިވެނި ކުރި ފަހުން ރީޓާ ވަޒީފާއިން ކެނޑުނެވެ. ގިނައިން އުޅެނީ ބޭރުގަ އެވެ. ނަޝީދު ގެއަށް އަންނަ އިރު ގޭގައި އުޅެނީ މަދު ފަހަރަކު އެވެ. ގޭގައި އުޅޭ މެއިޑް ގާތު އަހާލުމުން ވީ ތަނެއް ނޭނގޭ ކަމުގައި ބުނެ އެވެ. ސެލޫންތަކަށް ދިޔުމާއި އަގު ބޮޑެތި ރެސްޓޯރެންޓްތަކަށް ދިޔުމަކީ ރީޓާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އަގު ބޮޑެތި ގަހަނާ ގަތުމާއި ބޭރު ގައުމުތަކަށް ރައްޓެހިންނާ އެކުގައި ދިޔުމަކީ ވެސް ރީޓާ އުޅޭ އުޅުމެކެވެ. އެ ކަންކަމާ ނަޝީދެއް ޝަކުވާއެއް ނުކުރެ އެވެ. ނަމަވެސް އެއީ އޭނާ އެހާ ރުހޭ އުޅުމެއް ނޫނެވެ. އެ ވާހަކަ ދައްކަން ވެސް ކިތަންމެ ފަހަރަކު އުޅެފި އެވެ. އަޅާނުލަނީ އެވެ.
"މަންމަ އުޅެނީ ވަރަށް ބިޒީކޮށް،" އިނގިރޭސިން ރީޓާ ބުންޏެވެ.
"އެހެންތަ؟ ކޮން ކަމެއްގައި އެހާ ބިޒީކޮށް އުޅެނީ؟" ނަޝީދުގެ ސުވާލެއް ހުހެއް ނުވި އެވެ.
"ބޭބެގެ ކައިވެނި ކަންތަކާ. ފައިސާކޮޅެއް ވެސް ބޭނުންވޭ،" ރީޓާ ބުންޏެވެ.
"މީގެ ދެ ދުވަސް ކުރިން ދިނީމެއްނު؟"
"އެ ހުސްވެއްޖެ،" ރީޓާ ސޯފާއިން ތެދުވަމުން ބުންޏެވެ.
"އެހާ ބައިވަރު ފައިސާ ކޮން ކަމެއް ކޮށްގެން ހުސްވީ؟" ނަޝީދު ހައިރާންވެފައި އެހި އެވެ.
"ދެން އަހަރެން ގަންނަހާ އެއްޗެއްގެ ބިލް ނަޝީދަށް ދޭން ޖެހޭތަ؟" ރީޓާ ބުންޏެވެ. "މިހާރު އެއްޗެހި ވަރަށް އަގު ބޮޑެއްނު."
"އާނ. އެކަމަކު އެއް ފަހަރާ އެހާ ގިނައިން ވީމަ ހަމަ ސުވާލު ކޮށްލެވުނީ" ނަޝީދު ބުންޏެވެ. ރީޓާ އެއްޗެއް ނުބުނެ ބޭރަށް ނުކުމެގެން ދިޔައެވެ.
"ކޮންތާކަށް ތި ދަނީ؟"
"ދެން އަޅެ އަހަރެން ދާހާ ތަނެއް ވެސް ބަލަން ޖެހޭތަ؟" ފޫހިވެފައި ރީޓާ ބުންޏެވެ. ނަޝީދު އިތުރު އެއްޗެއް އަހަން ވާ އިރަށް ރީޓާ ނުކުމެގެން ދިޔަ އެވެ.
ނަޝީދު ހުރީ މެންދުރު ވެސް ނުކަ އެވެ. އެ ވަރު ވެސް ރީޓާ އަހާނުލަ އެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހަނީ އެވެ. އޮފީސް ނިމިގެން ނަޝީދަށް އާންމުކޮށް އާދެވޭ ގަޑިއަކީ ނުވައެއް ޖަހާ އިރެވެ. އެކަމަކު އެރޭ އަވަހަށް އައީ ދެ މީހުން އެކުގައި ކެއުމަކަށް ދާން ވެގެންނެވެ. ކޮޓަރިއަށް ވަދެ ފަޅުވެފައިވާ ތަނަށް ނަޒަރު ހިންގާލި އެވެ. އެތަންމިތަނުގައި ދާ ވެފައި ހުރި އަންނައުނުތައް އޮތެވެ. ތަރުތީބެއް ނެތި އެނދުމަތީގައި ބާލީސްތައް އޮތެވެ. ރޫ އަރާފައިވާ ބެޑްޝީޓް ބަދަލު ކުރި ދުވަހެއް ހަނދާނެއް ނެތެވެ. ގޭގައި މެއިޑެއް އުޅުނު ނަމަވެސް ކޮޓަރި ތެރޭގެ ކަންކަން ކުރަން ޖެހޭނީ ރީޓާ އެވެ. އެއީ ނަޝީދު ގަބޫލު ކުރާ ގޮތެވެ. ކަރުގައި އޮތް ޓައީ ނަގާފައި މޭޒުމަތީ ބޭއްވި އެވެ. އަދި އެނދުގައި ހުރަހަށް އޮށޯވެލި އެވެ. އެ ވަގުތު ކުއްލިއަކަށް ހަނދާންވީ ސާއިރާ މަތިންނެވެ. ގޭގައި އޭނަ އުޅޭ ނަމަ މި ވަގުތު ވެސް ސާއިރާ އުޅޭނީ ނަޝީދު ގާތުގަ އެވެ. ލަހުން ގެއަށް އައުމުން ޝަކުވާއެއް ނުކުރާނެ އެވެ. މީރު ކާއެއްޗެހި ހަދާފައި ކާން ދޭނެ އެވެ. ކޮޓަރިތެރެ ތަރުތީބު ވާނެ އެވެ. އެތަންމިތަނުގައި އެއްޗެހިތައް އުކާފައެއް ނުހުންނާނެ އެވެ.
އެރޭ ރީޓާ ނިދަން އައީ ވަރަށް ދަންވި ފަހުންނެވެ. ނަޝީދު ނިދާހާ އިރު ކޮށްފަ އެވެ. ރީޓާ ފާހާނާއަށް ވަދެ ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތެވެ. ފޯނާ ކުޅެލާފައި ނިދޭތޯ އޮތެވެ. ނުނިދާ ލޯ ކުޑަ ކޮށްގެން އޮތް ނަޝީދަށް ރީޓާ ފޯނުގައި ޖެހި ޕާސްވޯޑް ފެނުނެވެ. ރީޓާ ނިދުމުން އޭނަގެ ފޯނު ނަޝީދު ނެގި އެވެ. ކުރަން ބޭނުން ނުވިޔަސް އެއީ ކުރަން ޖެހޭ ކަމެކޭ ނަޝީދު ހިތަށް އެރި އެވެ. ފޯނު ބަލަމުން ގޮސް ނަންބަރެއް ފެނުނެވެ. ހިތެއް ޖަހާފައި ސޭވްކޮށްފައި އިން ނަމުގެ ފަހަތުގައި ދެ ނަންބަރު އިނެވެ. އެއް ނަންބަރަކީ އިޓަލީ ނަންބަރެކެވެ. އަނެއް ނަންބަރަކީ ދިރާގު ނަންބަރެކެވެ. ގިނައިން ވާހަކަ ދައްކާފައި ހުރީ އިޓަލީ ބަހުންނެވެ. ނަޝީދަށް އެ ބަސް ކޮންމެވެސް ވަރަކަށް އެނގެ އެވެ. ދައްކާފައި ހުރީ ފައިސާގެ ވާހަކަ އާއި ލޯބީގެ ވާހަކަ އެވެ. ނަޝީދު ބޮލަށް އެނބުރުން އަރައިގަތެވެ. ނަމަވެސް ނުވެއްޓެ އެވެ. މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ރީޓާއާ ދިމާލަށް ބަލާލާފައި އޭނަގެ ފޯނު އޮތް ތަނުގައި ބޭއްވި އެވެ. އަދި ބޭރަށް ނުކުތެވެ. ސޯފާގައި އިނދެފައި ނަންބަރަކަށް ގުޅާލިއެވެ.
"އަހަރެން މި ބުނާ ނަންބަރެއްގެ މައުލޫމާތު ހޯދާލަބަލަ،" ފަހުދަށް ގުޅާފައި ނަޝީދު ބުންޏެވެ.
"މި ގަޑީގައި؟" ފަހުދު އަހައިލި އެވެ.
"އާނ. ހަމަ މި ވަގުތު،" ނަޝީދު ބުންޏެވެ. ފަހުދު ޗޮކެއް ކަނޑާލާފައި ފޯނު ބޭއްވި އެވެ.
ހަރީރާ އިނީ ހަމްދޫންއާ ވާހަކަ ދައްކާށެވެ. ހަރީރާ ވިސްނާދެމުން ދިޔައީ ސާއިރާއަށް ވެސް ބައިވެރިއަކު ބޭނުންވާނެކަމެވެ. އެކި ގޮތްގޮތަށް ހަރީރާ ވިސްނާދެމުން ދިޔަ އެވެ.
"ދަރިފުޅާ! މަންމަ ކިހާ އެކަނިވާނެ ހަޔާތުގެ ބައިވެރިއެއް ނެތިއްޔާ؟ އަބަދަކު ދަރިންނެއް ނުތިބޭނެ ކައިރީގައެއް. މާމަ ހީކުރީ ދަރިފުޅު ތިއީ ވަރަށް ވިސްނޭ ކުއްޖެއް ކަމަށް،" ހަރީރާ ބުންޏެވެ.
"އެކަމަކު މީހުން ކިހާ އެއްޗެއްސެއް ކިޔާނެ؟"
"ކާކު އެއްޗެއް ކިޔާނީ؟ އެހެން ނޫނަސް މަންމަ މުސްކުޅި ވެގެން އެހާ ދުވަސްވީއެއް ނޫނެއްނު. މަންމަ ވެސް ބޭނުންވާނެ އެހީތެރިއެއް. އަނެއްކާ އެ މަބުރޫކު އެއީ ނުލާހިކު ރަނގަޅު މީހެއް. ވަރަށް މުއްސަނދި މީހެއް. އެކަމަކު ކިބުރުވެރިކަމެއް ނުހުންނާނެ،" ހަރީރާ ބުންޏެވެ. އެ ވަގުތު އެ ތަނަށް ސާއިރާ އަ އެވެ.
"ދަރިފުޅާ!" ސާއިރާ ބުންޏެވެ. ހަމްދޫނަށް ހަރީރާ ދެއްކި ވާހަކަ ގަބޫލު ކުރެވުނު ކަމެއް އެ ދެމައިންނަކަށް ވެސް ނޭނގެ އެވެ. ހަމްދޫން އިނީ އެއްވެސް އެއްޗެއް ނުބުނެ އެވެ. އިރުކޮޅަކު އެހެން އިނދެފައި ބޭރަށް ނުކުމެގެން ދިޔަ އެވެ.
"މަންމާ!" ސާއިރާއަށް ބުނެވުނެވެ.
"ދަރިފުޅު ހާސްނުވެބަލަ. ވިސްނާލަން އޭނައަށް ވަގުތުކޮޅެއް ދީ،" ހަރީރާ ބުންޏެވެ. އެ ވަގުތު ސާއިރާގެ ފޯނަށް މެސެޖެއް އަ އެވެ.
"ކައިވެނީގެ ކަންކަން އަވަސް ކުރަން އަހަރެން ބޭނުން،" މަބުރޫކު ފޮނުވި އެ މެސެޖުގައި އޮތެވެ.
-ނުނިމޭ-
ވާހަކަ: ލޯބީގެ ހާދިސާ - ތޭރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ