ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ކިބައިގަ އުނިކަން ހުއްޓަސް ރަނގަޅު ސިފަތައް ގިނަނަމަ އެކަމަށް ބެލުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ނުކުޅެދުންތެރިކަން ހުންނަ މީހަކާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅެއް ލިބިދާނެތަ؟  
މިސުވާލުގެ ޖަވާބަކަށް މިގެނެސްދެނީ ދެ އަންހެނެއްގެ ތަޖުރިބާއެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!  
އަޅުގަނޑަކީވެސް ނުކުޅެދުންތެރިކަން ހުރި ފިރިއަކާއިއެކު ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. އޭނާއަށް އެޙާލަތު ކުރިމަތިވީ އަޅުގަނޑުމެންގެ ކައިވެނީގެ ވަރަށް ކުރީކޮޅު ގަދަ ހުމެއް އައިސްފައެވެ. އެއިރު ކުއްޖަކުވެސް ނުލިބެއެވެ.  
އެހެންވެ އެކުވެރިންވެސް ޢާއިލާގެ ބައެއް މީހުންވެސް އޭނާގެ ގާތުން ވަރިވާން ޚިޔާލުދިނެވެ. ނަމަވެސް އަޅުގަނޑު އެކަމަށް އިންކާރުކުރީމެވެ. އަޅުގަނޑަށް ވިސްނުނީ ގަދަވެ ސަލާމަތުން ހުރި ފިރިމީހާއަށް ހަމަ ކުއްލިއަކަށް އެފަދަ ޙާލަތެއް ކުރިމަތިވިފަދައިން އަޅުގަނޑަށްވެސް ކަމެއް ކުރިމަތިވެދާނެ ކަމަށެވެ. 
ކޮންމެއަކަސް ކައިވެންޏަށް މިހާރު 12 އަހަރު ފުރިއްޖެއެވެ. އެކުގައި ކައިވެނިކުރި ގިނަ އެކުވެރިންގެ ކައިވެނި ރޫޅި ބައެއް އެކުވެރިން 3 ވަނަ ކައިވެނިވެސް ކޮށްފިއެވެ. އިން ޝާ ﷲ އަޅުގަނޑުމެން ދެމީހުންގެ މެދަކު އެބާވަތުގެ އެއްވެސް މައްސަލައެއް ނެތެވެ. ލޯބީގެ ގުޅުމަށްބަލާއިރު ބުނަން ޖެހޭނީ ކައިވެނިކުރިއިރު އޮތް ލޯބި އަދިވެސް ހަމަ އެގޮތުގައި ދެމިއޮތް ކަމަށެވެ.  
އެހެންވެ އަޅުގަނޑު ބޭނުންވީ ދިރިއުޅުމުގައި އަޅުގަނޑަށް މިކުރެވުނު ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލާށެވެ. ކޮންމެހެން ވަކިމީހަކު ވަކިމީހަކާއިއެކު ދިރިއުޅެން ބުނާކަށްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އެއީ ދިރިއުޅުމުގައި ބައިވެރިޔާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ ތެދުވެރިކަމާއި އަޅައިލުމާއި އެހީތެރިކަން ކަމަށްވާއިރު ކިތަންމެ ފުރިހަމަ ބައިވެރިއެއްގެ ކިބައިން ނަމަވެސް އެކަންކަން ނުލިބޭނަމަ އޮތީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟  
މިވާހަކަކޮޅު ޙިއްޞާކުރި ކިޔުންތެރިޔާ ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ބުނަމެވެ. ކިޔުންތެރިޔާގެ ވިސްނުން ވަރަށް ރަނގަޅެވެ. އަދި ފިރިމީހާއަށް އެފަދަ ޙާލެއް ޖެހުމުންވެސް އެކުގައި އުޅެން ތިއަކުރި މަސައްކަތަށްވެސް ތަޢްރީފް ޙައްޤެވެ. އެހެންކަމުން އިތުރަށް ހިތްވަރުދިނުމުގެ ގޮތުން ތިއަ ފަދަ ތަޖުރިބާއެއް ކޮށްފައިވާ އެހެން އަންހެނެއްގެ ވާހަކަވެސް ޙިއްޞާކޮށްލާނަމެވެ.  
ދީނާއަށް ވަޒީފާއަށް ދާން އެއްދުވަހަކު ގެއިން ނުކުމެވުނީ ގަޑިޖެހެން ވަރަށް ކައިރިވެފައި ހުއްޓައެވެ. ޓެކްސީއެއް ނުލިބިގެން ހުއްޓައި އައި ކާރެއް މަޑުކޮށްލުމުން ދީނާ ކާރަށް އެރިއެވެ. އަދި އަދި އޮފީހަށް ވަރަށް އަވަހަށް ގެންގޮސްދިނުމަށް އެދުނެވެ. މުހިންމު މީޓިންގއެއް ވަރަށް އަވަހަށް އެބައޮތްކަމަށާއި ގަދިއެއް ނުދެވިއްޖެނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ.  
އޭނާ ވަރަށް ބާރަށް ކާރު ދުއްވިއެވެ. ނަމަވެސް ދަތުރުކުރީ ދީނާ ޢާންމުކޮށް ދަތުރުނުކުރާ މަގުތަކަކުންނެވެ. އެހެންކަމުން ދީނާ ސުވާލުކުރުމުން އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ކާރު މަޑުކުރަން ބުނުމުން މަޑެއްވެސް ނުކުރިއެވެ. ބާރުސްޕީޑްގައި ކާރު ދުއްވީއެވެ. ލަނޑެއް ލިބުނީ ކަމަށް ހީކޮށް ދީނާ ވަރަށް ބިރުގަތެވެ.  
ފުލުހުންނަށް ގުޅަން ބެލިއިރު ފޯނު އޮތީ ބެޓެރި ޗާޖުހުސްވެގެން ނިވިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮތީ ކާރުން ފުނަމައިލުމެވެ. އެކަންކުރާނެ ހިތްވަރެއް ދީނާއަކަށް ނުލިބުނެވެ. ގޮތް ހުސްވެފައި އިންދާ ކާރު މަޑުކުރީ ދީނާގެ އޮފީސްކުރިމައްޗަށެވެ. މަޑުކުރުމާއިއެކު އޭނާއަށް ޝުކުރުވެސް އަދާނުކޮށް ކާރުން ފުންމާލައިގެން ދީނާ ދުވެދިއައީއެވެ.  
ދީނާ މެންދުރު އޮފީސް ނިންމާފައި ނުކުތްއިރު އެޑަރައިވަރު މާބޮނޑިއެއް ހިފައިގެން ދީނާގެ އިންތިޒާރުގައި ހުއްޓެވެ. މާބޮނޑިއާއިއެކު ކުޑަ ނޯޓެއް ދިނެވެ. "ކަލެއަށް ޖަވާބު ނުދެވުނީ އަހަރެންނަކީ މަންމަނަކަށްވާތީއެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކެއެވެ. އަހަރެން ކޮންމެ ދުވަހަކުވެސް ކެލޭ އޮފީހަށް ގެނެސް ގެންގޮސްދޭނަމެވެ."  
ދީނާ އެކަން ޤަބޫލުކުރިއެވެ. ދުވަސްކޮޅަކުން ދެމީހުން ދެލޯބިވެރިންނަށް ބަދަލުވިއެވެ. މަންމަނަކަށްވީތީ މައިންބަފައިންގެ ނުރުހުމާއިއެކުގައިވެސް ދީނާ އޭނާ އާއި ކައިވެނިކުރިއެވެ. މިހާރު ކައިވެންޏަށް 5 އަހަރެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދީނާ ބުނަނީ އޭނާ ދިރިއުޅެނީ ވަރަށް އުފަލުގައި ކަމަށާއި ފިރިމީހާއަށް ވާހަކަ ނުދެއްކުނު ނަމަވެސް ފިރިމީހާގެ ހެޔޮކަންބޮޑުކަމުން އޭނާއަށް ވާހަކަ ނުދެއްކާކަން އޭނާއަށް އިޙްޞާޞްވެސް ނުކުރެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ