މެނިންގޮކޯކަލްގެ އިތުރު ކޭހެއް އަދި ނެތް، ކޮންޓެކްޓް ޓްރޭސިން އަދި ނުނިމޭ: އެޗްޕީއޭ
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް, މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަދި އިތުރު ކޭސްއެއް ފާހަގަވެފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ ބަލީގެ ކޭހެއް ފާހަގަވުމުން، ފެށި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް އަދި އިތުރު ކޭސްއެއް ފާހަގަނުވާ ކަމަށާއި، ކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މެނިންގޮކޯކަލް ޖެހުނު މީހާ ދެނެގަނެވުމުން، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ބަލި ޖެހިފައިވާ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެ އޭޖެންސީން ހާމައެއް ނުކުރެއެވެ. އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި އައި މީހެއްގެ ފަރާތުން ވެސް މެނިންގޮކޯކަލް ބަލި ފެނި، ކޮންޓެކްޓް ޓްރޭސިން ހެދިއެވެ. މި އަހަރު މި ބަލީގެ ކޭސްއެއް ފެނުނުއިރު، ހައްޖުގެ އަޅުކަމަށް ފަހު، އަންނަ ހުކުރު ދުވަހު ދިވެހީން އެނބުރި ރާއްޖެ އަންނަން ފަށާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސައުދީ އަރަބިއާއިން އޮންނަނީ ހައްޖަށް ދާ މީހުން މެނިންގޯކޯކަލް ވެކްސިން ޖެހުން ލާޒިމުކޮށްފައެވެ. މެނިންގޯކޯކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ. https://sun.mv/207015މެނިންގޮކޯކަލް މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށަގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ. މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ. އެ ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ. އެހެންވެ, ބަލީގެ އަލާމާތްތައް ފެނުމާއެކު ފަރުވާ ހޯދަން އަވަސްވެގަތުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް ތިމާއާއި ކުޑަކުދިން ވެކްސިން ޖެހުމަށް ވެސް އިސްކަން ދޭން ޖެހެއެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ