ސަރުކާރުގެ ޓެކްސީ ޚިދުމަތް ފަށަން އާ ތާރީޚެއް؛ "އޮގަސްޓް ނިމުމުގެ ކުރިން ފެށޭނެ"
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގެ ކުރިން ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. އެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. https://sun.mv/205706 އެ ޚިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ފުރަތަމަ ވިދާޅުވީ، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައެވެ. އޭގެ ފަހުން، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވަނީ އެ ތާރީޚު ލަސްވެފައިވާކަން ހާމަކުރައްވާފައެވެ. މީގަ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އަޅުގަނޑުމެން ސްޓޯރަކަށް ވަދެފައި ޝެލްފަކުން ގަންނަން ލިބޭ ކަހަލަ އެއްޗިއްސެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ އަދި ބޭނުންވާ ހުރިހާ އިކުއިޕްމަންޓުތައް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތައް ވެސް އަންނާނެ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން އޮގަސްޓު ފަހުކޮޅަށް ވުރެ ލަހެއް ނުވާނެ ޓެކްސީ ލައިން ފެށުމެއް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހަމައެކަނި ކާރު ގެނެސްގެން މި ޚިދުމަތް ނުފެށޭ ކަމަށާއި ޚިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް: އެކާރުތަކުގެ ތެރޭގައި މާލޭގެ ކުދި ގޯޅިތަކަށް ވަދެވޭ ކާރުތައް ހިމެނޭ ކަމަށް އަމީން ވަނީ ވިދާޅުވެފައި -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ އެއާއެކު، މި މަހު 10ގައި އެ ޚިދުމަތުގެ ޕްރޮޑަކްޝަން މަސައްކަތް ފެށޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓެކްސީ ލައިންގެ ޚިދުމަތް ސަރުކާރުން ފެށުމުން މިހާރު އެޚިދުމަތް ދޭ އެއްވެސް ޑްރައިވަރަކަށް ދަތިނުވާނެ ކަމަށާއި މިނިސްޓްރީގައި ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަމީން ވަނީ އެ ޚިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ބައްލަވާލައްވާފައެވެ. މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025ގައެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ ޑްރައިވަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި، ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި އެކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ