ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 8) - ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެނބުރި އެ ކްލަބާ ނުގުޅޭނެ ކަމަށާއި، އޭނާ އެމެރިކާގެ ކޯޗުގެ ގޮތުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް ބުނެފި އެވެ.
ސަތާރަ އަހަރު ތެރޭ ޓޮޓެންހަމް ހޮޓްސްޕާސް އަށް ފުރަތަމަ ތަށި ހޯދައިދިން ކޯޗު، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ މަގާމުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އޭގެ ފަހުން ޓޮޓެންހަމް އިން އަންނަނީ އަންނަ ސީޒަނަށް އެ ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓޮޓެންހަމް އިން ޝޯޓްލިސްޓް ކުރާ ކޯޗުގެ ތެރޭގައި ކުރީގެ ކޯޗު ޕޮޗެޓީނޯ ވެސް ހިމެނެ އެވެ.
އެކަމަކު ޕޮޗެޓީނޯ 53، ވަނީ އޭނާ އެނބުރި ޓޮޓެންހަމް އަށް ނުދާނެ ކަމަށް ބުނެފަ އެވެ.
"އެއީ ހަގީގަތެއް ނޫން. އަހަރެން ޓޮޓެންހަމް ދޫކޮށްލި ފަހުން ކިތަންމެ ފަހަރަކު އަހަރެން ނަން ޝޯޓްލިސްޓް ކޮށްފިއޭ ކިޔާ. އެކަމަކު އެއީ ވާނެ ކަމެއް ނޫން" ޕޮޗެޓީނޯ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި ފަހުން ވާނެ ގޮތެއް މި ވަގުތު ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު، މި ވަގުތު ފޯކަސް ހުރީ އެމެރިކާ ޓީމާ އެކު ކުރިއަށް ދިޔުމަށް ކަމަށާއި އަދި އެ ޓީމާއެކު ހުރީ ހިތްހަމަ ޖެހިގެން ކަމަށްވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.
އެމެރިކާއާ ޕޮޗެޓީނޯ ހަވާލުވި ފަހުން ކުޅުނު ފަސް މެޗުން އެ ޓީމު މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެއާ އެކު، ކުރިން ސައުތެމްޓަން އާއި ޗެލްސީ އަށް ވެސްް އިރުޝާދުދިން ކޯޗު ޕޮޗެޓީނޯ އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމަކު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގައި އެ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާނީ ޕޮޗެޓީނޯ ކަމަށްބުނެ އޭގެ ޔަގީންކަން އޭނާ އަށް އަރުވާފަ އެވެ.
ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަަނަ އަހަރު ސްޕެއިނުގެ އެސްޕަންޔޯލް އިންނެވެ. އެ ޓީމަށް ތިން އަހަރު އިރުޝާދު ދިނުމަށް ފަހު، ޕޮޗެޓީނޯ، 2013 ވަނަ އަހަރު ވަނީ އިނގިރޭސި ކްލަބް، ސައުތެމްޓަނާ ހަވާލުވެފަ އެވެ. އެ ޓީމުގައި އެއް އަހަރު ކުރި ރަނގަޅު މަސައްކަތާ އެކު، 2014 ވަނަ އަހަރު ޓޮޓެންހަމް އަށް ގެންދިޔަ އެވެ.
ކޯޗިން ކެރިއަރުގައި މިހާތަނަށް ޕޮޗެޓީނޯ އެންމެ ރަނގަޅު މަސައްކަތެއް ކުރީ ޓޮޓެންހަމްގައި ހޭދަކުރި ފަސް އަހަރުގަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޓޮޓެންހަމަށް ކޯޗުކޮށްދިންއިރު، އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ޓީމަކަށް ހަދައި، ރަނގަޅު ސްކޮޑެއް އެކުލަވާލި އެވެ.
ޕޮޗެޓީނޯ އެނބުރި ޓޮޓެންހަމް އަށް ނުދާނެ ޕޮޗެޓީނޯ އެނބުރި ޓޮޓެންހަމް އަށް ނުދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ