ޓައިޓޭނިކް ފެތި އަޑިއަށް ދިއައީއެވެ. އެކަމަކު އަދިވެސް ފެންނަން އެބައޮތެވެ. އިންޞާފު މިހާރު ވީތަނެއް ނުއެނގޭކަމަށް ގިނަބައަކު އެބުނަނީ އިންޞާފަށް ލޯބިކޮށް ޢަމަލުކުރާ މީހުންގެ ޢަދަދު ބޮޑުތަނުންނެވެ. ވީމާ ވިސްނައިގެން ހުންނަންވީ ތިމާއަށް އިންބާފް ލިބޭނެ ކަމަކަށް ނޫނެވެ. ނުލިބޭނެ ކަމަށެވެ. ލިބިއްޖެނަމަ އެއީ ލެއްވެވި ބޮޑު ރަޙްމަތެއްކަން ޤަބޫލުކޮށް ޝުކުރުވެރިވާން ޖެހޭނެއެވެ.
އިންޞާފަކީ ތިމާއަށް އެންމެ ފައިދާހުރި ގޮތްކަމުގައި މީހުން ދެކެންފެށި ޒަމާނެއް ބުނަން އުނދަގުލެވެ. އަހުރެން ބުނާނީ އެއީ އާދަމްގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ފެށިފައިވާ ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އާދަމްގެފާނުގެ ދެދަރިކަލުންގެ މެދުގައި މައްސަލަ ޖެހި ލޭއޮހޮރުވުމަކަށް ނުދިއައީހެވެ. ވީމާ އެހައިކުރިންސުރެ ދުނިޔޭގައި އޮންނަ ނުބައި އާދައެއް މިހައިތަނަށް އަންނައިރު ފެތުރިފައި އޮންނާނެ މިންވަރަށް ވިސްނާށެވެ!
ޒަވާޖީ ޙަޔާތް ތިބާ ވޭތިކުރަމުން ގެންދަނީ ވަރަށް ލޯބިން، ވަރަށް ތެދުވެރި، ވަފާތެރިކަމާއިއެކުގައި ކަމަށްވެފައި އަދި ތިބާ އަދާކުރަންޖެހޭ ދައުރު ވަރަށް ފުރިހަމައަށް އަދާކުރަމުން ދަނިކޮށްވެސް ބައެއް ފަހަރު ހިތްދަތިވާންޖެހޭ ކަންކަން މެދުވެރިވެއެވެ. މިބުނި ފަދައިން ތިބާގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރަމުން ދަނިކޮށްވެސް ބައެއް ފަހަރު މައްސަލަތައް އެބަޖެހެއެވެ. އަދި ތިބާގެ އެއްވެސް ކުށެއް ނުވަތަ އިހްމާލެއް ނެތި ކައިވެނި ރޫޅޭތަންވެސް އެބަ އައުދެއެވެ. މިހާލަތުގައި ބައެއް މީހުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ.
"އަހަރެންނަށް މިގޮތް މެދުވެރިވީ ކީއްވެގެންހެއްޔެވެ؟ އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ. މިވެނި މީހަކު މާގޯސްކޮށް އުޅެމުންގެންދާއިރުވެސް އޭނާގެ ޙަޔާތް މާއުފާވެރިއެވެ؟ އޭނާ އުޅެނީ މާއުފަލުންނެވެ. އޭނާ އެހައި ގޯސްއިރުވެސް އޭނާގެ ބައިވެރިޔާ އޭނާއަށް ހާދަ ހެވެވެ!"
ދުނިޔަވީ ގޮތަކުން ބަލައިފިނަމަ މިފަދަ ސުވާލުތަކާއި ޝަކުވާތައް ހިތުގައި އުފެދޭނެއެވެ. ނަމަވެސް މުސްލިމެއްގެ ހައިޞިއްޔަތުން ބަލައިފިނަމަ މިއީ ކުރެވިގެންވާނެ ޝަކުވާތަކެއް ނޫނެވެ. އެހެނީ ﷲ ތައާލާ އިމްތިޙާންތައް ކުރިމަތިކުރައްވަވަނީ ހަމައެކަނި އެމީހަކު ކުށެއް ކޮށްގެނެއް ނޫނެވެ. އަދި ކުށެއް ކުރެވުމަކީ އެމީހަކަށް ވަގުތުން އެކަމުގެ ކޯފާ ފޮނުއްވަވާނެ ކަމެއްކަމަށް އަމިއްލައަށް ނިންމައިގެން ނުވާނެއެވެ. އެކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެގޮތަށް ކޯފާ ފޮނުއްވަވާނަމަ މީސްތަކުންނަށް އަބަދުހެން އުޅެންޖެހޭނީ ކޯފާއިން ސަލާމަތްނުވެވިގެން ނޫންހެއްޔެވެ؟
ކަންބޮޑުނުވާށެވެ! ދުނިޔޭގައި ހުންނައިރު އަހުރެމެންނަށް ﷲ ތަޢާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ އަހުރެމެން އެންމެން ދެކެދެނެވޮޑިގެންވެއެވެ. ހުރިހާ އެންމެން ކުރާ ހުރިހާ ކަމެއްވެސް ދެކެދެނެވޮޑިގެންވެއެވެ. ވަޤުތު ޖެހުމުން އެކަމަކަށް ޙައްޤު ޖަޒާ ކޮންމެ މީހަކަށވެސް ދެއްވަވާނެތެވެ. އެކަމުން ސަލާމަތްވެ ހުރެވޭނެ ހަމައެކަކުވެސް ނެތެވެ. އަދި އިސްތިސްނާވާނެ މީހަކުވެސް ނުހުންނާނެއެވެ.
ބުނަން ހެއްޔެވެ؟ ކައިވެނި ރޫޅީ އެކަނިވެރިވާން ޖެހުމުން ގާތުގައި ނުހުންނާއީ ކައިވެނިކުރި ބައިވެރިޔާއެވެ! ﷲ ތަޢާލާ ތިބާއާއެކު އެންމެ ގާތުގައި ވޮޑިގެންވެއެވެ! ލައްވަވާ ރަޙްމަތުން ހިތްފުރޭނެކަން ޔަޤީންކޮށްގެން ދުޢާކުރުންމަތީގައި ޘާބިތުވެ ހުންނަ މީހާ ނިކަމެތި ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނި ރޫޅީ އެކަނިވެރިވާން ޖެހުމުން ގާތުގައި ނުހުންނާއީ ކައިވެނިކުރި ބައިވެރިޔާއެވެ! ﷲ ތަޢާލާ ތިބާއާއެކު ވޮޑިގެންވެއެވެ! ލައްވަވާ ރަޙްމަތުން ހިތްފުރޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ