ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ: ފަލާހު ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ: ފަލާހު

ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ ސަރުކާރުން ހުށަހެޅި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ރިޔާސީ ދައުރު ދިގުދަންމާލަން ވޯޓު ނެގުމުގެ ފުރުސަތު އެ ބިލުން ލިބެ އެވެ.
ނަމަވެސް، ފަލާހު ވިދާޅުވީ މި ސަރުކާރުން އެކަން ކުރަން ނޫޅޭ ކަމަށާއި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.
"ވަރަށް ސާފު މި ބިލު. ވަރަށް ސާފު. މި ބިލެއްގަ ނެތް. ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހުރިއްޔާ ކުޑަކޮށް ވެސް ތާއީދެއް ނުކުރާނެ،" ފަލާހު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ދައުރު ދިގު ދަންމާލުމުގެ ވާހަކަތައް ޕީއެންސީގެ ތެރޭގައި ދެކެވެމުންދާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތެރުނެވެ. އެކަމަށް ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ތާއީދުކޮށްފައިވެ އެވެ.
އެގޮތަށް ވާހަކަދެއްކެވި އެއް މެންބަރަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އެވެ.
"މެންދުރު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަނާބު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށް ޖަނާބު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް، އިނގޭތޯ، ރަނގަޅު ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ ދައުރު މިދަންނަވާހެން ދަމާލުމަކީ ވެސް ގޯސްކަމެއް ނޫން، އިނގޭތޯ. އެކަމަކީ ހަމަ މަޝްވަރާ ކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެއީ ހަމަ ރަނގަޅު ކަމެއް ކަމަށް،" ޖަނާބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ