ދައުރު ދަންމާލާ ވާހަކަދައްކަނީ ދެއްކޭ ވާހަކަ ނޭނގި، އެއީ ނިޒާމު އެފުށް މިފުށަށް ޖެހުން: ޔާމީން

ރިޔާސީ ދައުރު ދަންމާލަން ތާއިދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ދެއްކެވި ވާހަކައަކީ ހަގީގަތް އެނގިވަޑައިނުގެން ދެއްކެވި ވާހަކައެއް ކަމަށާއި އެއީ ނިޒާމު އެފުށް މިފުށަށް ޖެހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ. މެންދުރު ޓީވީގެ ޕްރޮގްރާމެއްގައި މެންބަރު ޖަނާބު ވަނީ ރައީސެއްގެ ވައުދުތައް ފުއްދުމަށްޓަކައި ދައުރު ދަންމާލުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން، ކޮންމެ ރައީސަކަށް ވެސް ދެ ދައުރު ދިނުމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެހުމުން އޭނާ ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށެވެ. އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށާއި ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލާއި އިގުތިސާދު ހިމާޔަތްކޮށް ނެގެހެއްޓުމަކީ ކޮންމެ ސަރުކާރަކަށް ވެސް ލާޒިމުކަމެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު، އެއް ރައީސަކު ވަރަށް ހަރުދަނާ މަސައްކަތްތައް ކުރެއްވި ނަމަވެސް ދެން އަންނަ ރައީސަކު ސިޔާސީ ވާދައިގައި އެ މަސައްކަތްތައް ކުރިއަށްނުގެންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑު ހިތުން ގްރޭޓާ ގުޑް، ރަނގަޅު ކަލެކްޓިވް ފައިދާއަށް ޓަކައި ރާއްޖޭގެ ދައުރު މި ދަންނަވާހެން ދަމާލުމަކީ ވެސް ގޯސްކަމެއް ނޫން، އެ ކަމަކީ މަޝްވަރާކުރެވިދާނެ ކަމެއް، އަޅުގަނޑު ދެކެނީ ހަމަ އެއީ ރަނގަޅު ކަމެއް ކަމަށް،" އޭނާ ވިދާޅުވިއެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު: ދައުރު ދަންމާލުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް އެފަދަ ބަދަލެއް ގެންނަން، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް ބިލެއް ހުށަހަޅަން މަސައްކަތް ކުރަމުންދޭތޯ ސުވާލުކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ. އެކަމަކު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވަނީ ދައުރު ދަންމައިނުލާނެ ކަމަށް ވިދާޅުވެފައެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި އިބްރާހީމް މުހައްމަދުގެ ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީން ވަނީ، އޭނާއަކީ ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅެއްކަން ފާހަގަކުރައްވައިފައެވެ. އަދި، ރައީސްގެ ދައުރު ދަންމާލުމުގެ ވާހަކަތައް އަންނަނީ ވެސް "ގޭގެ ތެރެއިން" ކަމަށް ޔާމީން ވިދާޅުވިއެވެ. "އެކަމަކު މިވަރުގެ ވާހަކަދައްކާއިރު މި މީހުންނަކަށް ނޭނގޭ މި ދެއްކެނީ ކޮން ވާހަކައެއް ކަމެއް، މި ދަންމާލައިގެން މި މީހުން މި އުޅެނީ ދިވެހިރާއްޖޭގައި އަބަދު ތިބެވޭނެ ކަމަށްތޯ؟ މުޅި ދިވެހިރާއްޖޭގައި މި އޮތް ނިޒާމު އެއް ފުށުން އަނެއް ފުށަށް ޖަހާ ވާހަކަ ނޫންތޯ [އެ ދައްކަނީ]،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އަންނަނީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ބިލުގެ މަސައްކަތް ކުރަމުން -- ފޮޓޯ/ ރައީސް އޮފީސް ޔާމީން ވަނީ އެ ވާހަކަ، މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ މީޑިއާ ބިލާ ވެސް ގުޅުވައި، ސަރުކާރުން އެފަދަ ބިލެއް އެކުވާލުމާއި ދައުރު ދަންމާލަން އުޅުން ފަދަ ކަންކަން ކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ. އަދި، އޭގެ ސަބަބަކީ ސަރުކާރަށް އަމާޒުވާ ސުވާލުތަކަށް ޖަވާބުދާރީ ނުވެވުންތޯ ޔާމީން ސުވާލުކުރެއްވިއެވެ. https://sun.mv/211292 ރައީސްގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރަކު ވާހަކަދެއްކެވިއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ ބިލެއްގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެ ބިލުގައި ފެންނަ ނުފެންނަ ވޯޓަށް އެހޭނެ ކަންތައްތަކުގެ ތެރޭގައި ރައީސްގެ ދައުރާއި ރައީސް އިންތިޚާބުކުރާ ގޮތް ހިމެނެއެވެ. އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މިއަދު ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ބިލުގެ ބަހުސްގައި މެންބަރު ފަލާހް ވަނީ މި ސަރުކާރުން ރިޔާސީ ދައުރު ދަންމައިނުލާނެ ކަމަށް ވިދާޅުވެފައެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އެ މުއްދަތަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް އެ ނިންމުމެއް ނުނިންމޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ