ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ވާހަކަ ދައްކަން ފެށުމުން ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދެނީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ވާހަކަ ދައްކަން ފެށުމުން ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދެނީ

މީޑިއާ ނެތިކޮށްލާ ބިލުން ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ މައްސަލައިގެ އަޑު ގަދަވެފައި ވަނިކޮށް، ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނުތަކެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓެންޓު ކްރިއޭޓަރުންނަށް ލޯނު ދިނުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަމަށެވެ. އެކަމުގެ ފަންނީ މަސައްކަތްތައް ނިމުމާ ހަމައަށް ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މި ލޯނު ސްކީމުގެ ތެރޭގައި މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސް އާއި މާކެޓިންއަށް ހާއްސާ ކޮންޓެންޓްގެ ދާއިރާ ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ރޭ ވިދާޅުވި އެވެ. ސަރުކާރުން ވިސްނަނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ލޯނަށް ހުޅުވާލާށެވެ.
މިހާރު ހުށަހަޅާފައި ބިލު އޮތް ގޮތުން ސޯޝަލް މީޑިއާގައި އާންމުން ލިޔާ ޕޯސްޓުތަކާމެދު ފިޔަވަޅު އެޅޭނެ އެވެ. ކޮމިޝަނަށް ވަކިވަކި ފަރުދުންނާ ސުވާލުކޮށް، އެ މީހުންގެ ޑިޖިޓަލް ވަސީލަތްތައް އަތުލުމުގެ ޖާގަ ވެސް ބިލުން ދެ އެވެ.
މިކަމާ ދެކޮޅަށް ނޫސްވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން އަދި އާންމުން ދަނީ އަޑު އުފުލަމުންނެވެ. ބިލާއި ދެކޮޅަށް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗުގައި "ހިޔާލާ ފިކުރު ކަފުނަށް" ނަމުގައި ކުރިއަށް ގެންދިޔަ ފޯރަމުގައި ވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ލުއި ލޯނު ދޭން ސަރުކާރުން ނިންމީ މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލަން މުއިއްޒު ނިންމިތާ ދެތިން ގަޑިއިރުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން އަމިއްލަ އަށް ގާއިމުކުރި ފެންޑާ އުވާލުމަށް ބަހަނާއަކަށް ހެދީ ހުއްދަ ނުހޯދައި "ނޫސްވެރިންގެ ނަމުގައި" ބަޔަކު އެތަނަށް ވަދެ އުސޫލާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނުމެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން ފެންޑާއަށް ޖަމާވާން ފެށީ، މީޑިއާ ނެތިކޮށްލާ ބިލް ފާސްކުރާތީ އެކަމާ ދެކޮޅު ހެދުމަށެވެ. އެތަނުގައި ނޫސްވެރިން ބިލާ ދެކޮޅަށް އަޑުއުފުލި އެވެ.
ނޫސްވެރިން އެތަނުގައި ތިބި ދުވަހެއްގައި ރައީސް އޮފީހުންގެ މިނިސްޓަރު އިބްރާހިމް ހަލީލު އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު، ފެންޑާ އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ވެސް ދެއްކެވި އެވެ. އެތަނުގައި ނޫސްވެރިން ތިބެ، ބައެއް މިނިސްޓަރުންނާ ސުވާލުކޮށް ހެދި އެވެ.
މީޑިއާ ނެތިކޮށްލަން ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ، އެންޑު ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ދިރާސާކުރުން ކުރިއަށް ގެންދާއިރު އެ ބިލް ބޭރުކޮށްލަން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ