ފޭރެނީ ގޮޅީގައި ތިބެ، ޖޭމަރަކުން ހުއްޓުވޭއިރު ނުހުއްޓުވަނީ ކީއްވެ؟

ކޮނުނު ވަރަކަށް ފަސް ގިނަވާނޭ ބުނާފަދައިން ބަލައިފާސްކުރާ ހަމަ ކޮންމެ ފަހަރަކުހެން ރާއްޖޭގެ ޖަލުތަކުން ފޯނު ފެނުމަކީ އާއްމު ކަމެކެވެ. އާއްމު މީހަކަށް އެއްޗެއް ވެއްދޭނެ އެއްވެސް ފުރުސަތެއް ނެތް ޖަލުތަކުގައި ފޯނު މަދެއް ނުވެއެވެ. އެ ވައްދާ ގޮތާއި ވައްދަދޭ މީހުންނާއި އެ މީހުން އެކަން ކޮށްދޭ ސަބަބަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ޖަލުތައް ބަލައި ފާސްކޮށް, ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ މާފުށީ ޖަލުން, އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑުތަކެއް ހޯދައިފައެެވެ. މިއަދު ބަލައި ފާސްކުރިޔަސް, ނޫނީ މާދަމާ ކުރިޔަސް ހަމަ މިހާ ވަރަކަށް އެ އެއްޗެހި ހޯދޭނެކަން އެއީ އެންމެންނަށް އެނގޭ ކަމެކެވެ. https://www.sun.mv/211297 ޖަލަށް ފޯނު ވެއްދުން އާއްމުވުމުވެފައިވާއިރު މީގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ގައިދީން ކުރާ ކަމަކީ ފޯނުން ސޯޝަލް މީޑިއާ ބެލުމާއި ގޭމް ކުޅުމެއް ނޫނެވެ. އެ މީހުން ކުރަނީ އެއަށް ވުރެ ނުރައްކާތެރި ކަމެކެވެ. އެއީ، ސްކޭމް ކޯލްތައް ކޮށްގެން, މީހުން އުމުރު ދުވަހުން އެއްކޮށްފައި ހުންނަ ފައިސާ, މަކަރާއި ހީލަތުން ފޭރުމެވެ. ރާއްޖޭގައި ވަރަށް ވެސް ސްކޭމް ގިނައެވެ. އެތައް މިލިއަން ރުފިޔާއެއް މީހުންގެ އަތުން އެބަ ފޭރެއެވެ. ފުލުހުން މީގެ ކުރިން ބުނިގޮތުގައި ސްކޭމުތައް ހިންގާ ކޯލްތަކުގެ 90 ޕަސެންޓް ކުރަނީ ޖަލުތަކުންނެވެ. ބޮޑެތި ކުށް ސާބިތުވެ ޖަލަށްލުމުން, ދައުލަތުގެ ހަރަދުން ކައިބޮއެ ހަދައިގެން ތިބެ ބައެއް ގައިދީންގެ ކަމަކީ މަކަރާއި ހީލަތުން މީހުން އެކިއެކި މަޅީގައި ޖައްސައިގެން ފޭރުމެވެ. ޖަލަށް ފޯނު ވެއްދުން އާއްމުވުމުން ނުރައްކާ ބޮޑީ އެހެންވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޖަލު ބަލައި ފާސްކުރީ ވެސް އެކަހަލަ ސްކޭމް ކޯލްތައް ޖަލު ތެރެއިން ހިންގާތީ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. ހަމައެހެންމެ ކަރެކްޝަންސްއިން ވެސް ވަނީ މިކަން ހިނގާ ކަމަށް އެއްބަސްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެމުން ކަރެކްޝަންސްއިން ބުނީ, މާފުށީ ޖަލުން ގައިދީން ސްކޭމް ކުރުމަށްޓަކައި ކުރާ ފޯންކޯލްތައް ދެނެގަނެ، ހުއްޓުވުމަށްޓަކައި ހަރުކުރި އެންޓެނާއިން ޖަލުގެ އިތުރު ގޮޅިތަކަށް ރޭންޖު ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މީގެ ކުރިން ހޯމް މިނިސްޓްރީން ވެސް ވަނީ، އޮޅުވާލައިގެން ފައިސާ ހޯދަން އެންމެ ގިނަ ސްކޭމް ކޯލް ކުރަނީ ޖަލުން ކަމަށް ބުނެފައެވެ. މާފުށި ޖަލު: ----މިކަން ނުހުއްޓެނީ ކީއްވެ؟ ޖަލުގެ އުސޫލުތައް ހުންނަގޮތުން ގައިދީއަކު ވެސް ޖަލުގެ ތެރެއަށް ވައްދަނީ ވަރަށް ބޮޑަށް ބަލައި ފާސްކޮށްފައެވެ. ޒަމާނީ މެޝިންތައް މެދުވެރިކޮށް ސްކޭންކުރުމުގެ އިތުރުން ގައިގައި އަތްލައިގެންނާއި ހަމަ ލޮލުން ވެސް އެތައް ފަހަރަކު ބަލައި ފާސްކޮށްގެންނެވެ. އަދި، ޖަލުތަކުގައި ޑިއުޓީކުރާ އޮފިސަރުންނަށް ވެސް ގައިދީން ބަންދުކޮށްފައި ތިބޭ ހިސާބަށް ވަދެވެނީ މެޝީންތައް މެދުވެރިކޮށް ޖަލަށް ވައްދަން މަނާއެއްޗެއް ނެތްކަން ޔަގީން ކުރުމަށް ފަހުގައެވެ. އެއީ އުސޫލު އޮންނަ ގޮތެވެ. ނަމަވެސް، އެ ގޮތަށް އެކަންނުވާކަމުގެ ހެއްކަކީ ޖަލުން ފެންނަ ފޯނު މަދު ނުވުމެވެ. "މިއީ ހަމަ ގުޅިގެން ކުރާ ކަމެއް ވީމާ ނުހުއްޓޭނެ. ޗެކް ކުރަން ތިބޭ މީހުންނާ ވެސް ގުޅިގެން މިކަން ކުރަނީ. މިއީ ވަރަށް ބޮޑު ވިޔަފާރިއެއް އަސްލު," ޖަލު އޮފިސަރުންގެ ކަންކަން އެނގޭ ބޭފުޅަކާ ސުވާލުކުރުމުން އޭނާ ދިން ސާފު ޖަވާބަކީ މިއީއެވެ. އޭނާގެ ބޮޑު ތުހުމަތަކީ ފޯނު ވައްދައިދިނުމުގެ ފަހަތުގައި ތިބެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި އެ މީހުންގެ ވެރިންކަމެވެ. އެކި ބްރޭންޑްގެ ފޯނު ވައްދައި ދެނީ އެކި އަގުތަކަށް ކަމަށާއި މިއީ ބައެއް އޮފިސަރުން ވަރަށް ބޮޑު ނަފައެއް ހޯދާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ. "ކާއެއްޗެހި ވައްދާއިރު ވެސް ފޯނު އެއްޗެހި ވައްދާ. އެހެން ގޮސް ވެއްދޭނެ ގޮތްގޮތް ހުރޭ ބައިވަރު," އޭނާ އިތުރަށް ކިޔައިދިނެވެ. https://www.sun.mv/195313 މި ތުހުމަތަށް ބާރު ލިބޭ ހެކިތަކެއް މީގެ ކުރިން ހާމަ ކުރެއްވީ އެ ބޭފުޅަކު ހަވާލުވެ ހުންނެވި މިނިސްޓްރީއެއްގެ ދަށުން ކަރެކްޝަނަލް ސާވިސް ހިންގާ, ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 ޖަލު އޮފިސަރުން ހިމެނޭ ކަމަށް ވިދާޅުވީ, މިދިޔަ ޖޫން މަހު ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެ ޖަލު އޮފިސަރުންގެ ފޮޓޯއާއެކު ވަނަވަރު ވެސް ހާމަ ކުރެއްވެވިއެވެ. އަދި ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ. ދެން އޮތް ސުވާލަކީ މިކަން ނުހުއްޓުވެނީ ކީއްވެގެންތޯއެވެ؟ އެ ސުވާލަށް އޮތް ޖަވާބަކީ އަނެއްކާ ވެސް ބޮޑު ތުހުމަތެކެވެ. މި ބޮޑު ޖަރީމާ ހިންގުމުގެ ފަހަތުގައި ޖަލު ބަލަހައްޓަން ހަވާލުވެ އިސްކޮށް ތިބި ބަޔަކު ތިބިކަމުގެ ތުހުމަތެވެ. މިއީ އެ މީހުން ބޮޑު އާމްދަނީއެއް ހޯދާ ވިޔަފާރިއެއްކަމުގެ ތުހުމަތެވެ. "ގިނަގިނައިން ބަލައިފާސްކޮށް ފޯނާއި މަސްތުވާތަކެތި އަތުލައި ގަނެވޭ ވަރަކަށް އެ މީހުންނަށް ފައިދާ ބޮޑު ވާނެ. އެއީ އަނެއްކާ ވެސް ފޯނު ވައްދަ ދީގެން ފައިސާ ހޯދޭނެތީ," ތަހުގީގީ އިދާރާއެއްގެ އިސްވެރިއަކު މި ކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވިއެވެ. ހައްލު އެނގޭ, ނުކުރަން ދައްކަނީ ހުސް ބަހަނާ؟ ކޮންމެ ގޮތެއް ވިޔަސް ބަލައިފާސްކުރުން ކިތަންމެ ހަރުދަނާކުރަން އުޅުނަސް ޖަލަށް ފޯނު ވައްދާ މިންވަރު މަދުނުވާކަމުގެ ހެކި މި އޮތީ ފެންނާށެވެ. އިންސާނުން ބައިވެރިކޮށްގެން ކުރާ ކަންކަމުގައި އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އޮޅުވާލަން ބޭނުންވާ މީހުން އެކަން ކުރާނެއެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރަން ވަރަށް އެދެވޭ, ފަސޭހަ ހައްލެއް އެބައޮތެވެ. އެއީ، ފޯނަށް ރޭންޖު ނުލިބޭ ގޮތް ހެދުމަށް ޖޭމަރުތަކެއް ހަރުކުރުމެވެ. https://sun.mv/170497 ގޫގުލްގައި ދިވެހިބަހުން ޖޭމަރު ޖަހައި ސާޗް ކޮށްލުމުން އެތައް ޚަބަރެއްގެ ލިންކް އެބަ އާދެއެވެ. އޭގެ ތެރެއިން ގިނަ ޚަބަރުތަކުގައި ހުރީ މާފުށީ ޖަލު ސަރަހައްދުގައި ޖޭމަރު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޚަބަރުތައް ޝާއިރު ކުރިތާ އެތައް އަހަރެއް ވަނީއެވެ. ނަމަވެސް، އެ ކަމެއްނުވެއެވެ. ހަމައެހެންމެ މީގެ ކުރިން ޖަލުތަކާ ހަވާލުވެ ތިއްބެވި ބޭފުޅުން ޖޭމަރު ހަރުކުރުމުގެ ވާހަކަދެއްކެވުމަށް ފަހު, ފަހުން އެއީ ކުރަން ރަނގަޅު ނޫން ކަމެއް ކަމަށް ވިދާޅުވެފައި އެބަހުއްޓެވެ. އެގޮތުން މީގެ ކުރިން ވެސް, ޖަލުގައި ޖޭމަރުތައް ހަރުކުރި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުފެންނަކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވަނީ ޖޭމަރުގެ ސަބަބުން ޖަލު ވަށައިގެން ދިރިއުޅޭ އާންމު ރައްޔިތުންނަށާއި، ކައިރި ރަށްތަކާއި ރިސޯޓުތަކަށް ނެޓްވޯކް ޖޭމްވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެފަހަރު އެކަންވީ ގޮތަކީ ޗައިނާ ކުންފުންޏެއް މެދުވެރިކޮށް ޖަލުގައި ހަރުކުރި ޖޭމަރެއްގެ ރޭންޖު ވަރުގަދަކަމުން ޖަލު ސަރަހައްދުން ބޭރަށް ވެސް ނެޓްވޯކް މައްސަލަ ދިމާވުމެވެ. އެކަމަކު، އެ ދާއިރާގެ ފަންނީ ބޭފުޅުންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ ޒަމާނެއްގައި އެ ދައްކާ ވާހަކައަކީ އެއްވެސް ގޮތަކަށް ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. "ޖޭމަރު ހުންނާނެ އެކިވަރުގެ, ބޭނުން ހިސާބަކަށް ދޫކޮށްފައި ހުންނަ ފްރެކުއެންސީ ބްލޮކްކުރެވޭ ގޮތަށް. ނެޓްވޯކް މި ހުންނަނީ އެއް ސެލްއާއި އަނެއް ސެލްއާ ގުޅިފައި. ހަމައެކަނި ޖަލުގެ ވަކި ޕޮއިންޓަކަށް ރޭންޖު ކެނޑޭ ގޮތަށް ޖޭމަރު ހަރު ކުރެވޭނެ. އެ ކަހަލަ އެތައް ޖޭމަރެއް އެބަހުރި ލިބެން," ފްރެކުއެންސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ. ހަމައެހެންމެ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ އެހީތެރިކަން ހޯދައިގެން ވަކި ސަރަހައްދަކަށް ފޯނުން މުއާސަލާތު ނުކުރެވޭނެ ގޮތް ހެދުމަކީ ވެސް މި ޒަމާނުގައި ފަސޭހައިން ކުރެވެން ހުރި ކަންކަމެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޖަލުގައި ބޭނުން ކުރާ ފޯނުތަކުން ރޭންޖު ކަނޑެމުގެ ސަބަބުން ޖަލު އޮފިސަރުން ކޮމިއުނިކޭޓް ކުރުމަށް ބޭނުން ކުރާ ވޯކީޓޯކީފަދަ ވަސީލަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އެހެންކަމުން ހަމައެކަނި ގައިދީންނަށް ޚާއްސަކޮށްގެން ޖޭމަރުތައް ހަރުކޮށް، މި މައްސަލަ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާފުށި ޖަލު -- ފޮޓޯ/ވީނިއުސްމި ފަސޭހަ މުހިންމު ހައްލު ނުގެނެސް އެއް ވާހަކައަކަށް ފަހު އަނެއް ވާހަކައެއް ދައްކާއިރު މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ނުކުރާ ކަމެއް ވެސް ނޫނެވެ. މިފަދަ ކަންކަން ހައްލުކުރަން އިނގިރޭސިވިލާތުގެ ޕްރިޒަން ސާވިސްއިން ބޭނުންކުރަނީ އިންޓަނޭޝަނަލް މޯބައިލް ސަބްސްކްރައިބާ އައިޑެންޓިޓީ ޑިވައިސްތައް ކަމަށްވާ އައިއެމްއެސްއައި-ކެޗާސްއެވެ. އެ ޓެކްނޮލޮޖީގެ އެހީގައި 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖަލުތަކުން 20،000 އަށްވުރެ ގިނަ ފޯނާއި ސިމް ކާޑު އަތުލައިގެންފައެވެ. ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އިންވެސްޓްކުރަމުން އަންނަނީ ކޮންޓްރޯލް އެކްސެސް ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރާ "ފޯން ބްލޮކިން ޓެކްނޮލޮޖީ"އަށެވެ. ނަމޫނާ ގައުމެއް ކަމަށްވާ, ސިންގަޕޫރުން މިކަމުގައި ވެސް ގެންގުޅެނީ ހަރުކަށި ޒީރޯ ޓޮލަރެންސް ޕޮލިސީއެކެވެ. އެ ގައުމުގެ ޖަލުތަކުގައި ސީސީޓީވީ ސަވައިލެންސްއާއި އެޑްވާންސް ބޮޑީ ސްކޭނާ އަދި ޖަލަށް ޒިޔާރަތް ކުރާ މީހުން މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ހިމެނޭ "ސްމާޓް ޕްރިޒަން" ސިސްޓަމެއްވަނީ ގާއިމުކޮށްފައެވެ. އެ ގައުމުގައި ގައިދީއެއްގެ އަތުން ފޯނެއް ފެނިއްޖެ ނަމަ، ޖަލު ހުކުމް އިތުރުކުރުމާ އެކު ހަށިގަނޑުގައި ޖަހައި އަދަބު ދެއެވެ. އަވައްޓެރި އިންޑިއާއަށް ބަލާއިރު އެ ގައުމުގެ ގިނަ ޖަލުތަކަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަންތަން ކަމަށްވާއިރު, ސްމަގުލް ކުރުމަށް އޮންނަނީ ފަސޭހަވެފައެވެ. އެހެންވެ، ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް އިންޑިއާގެ އެކި ޖަލުތަކުގައި ވަރުގަދަ ސިގްނަލް ޖޭމަރުތަކެއް ހަރުކޮށްފައިވެއެވެ. ޖޭމަރު ހަރުނުކުރާ ސަބަބާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްއާއި ހޯމް މިނިސްޓްރީގެ ބަހެއް މި ރިޕޯޓަށް ހޯދާލުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް، އަދި ވަކި ޖަވާބެއް ލިބޭގޮތެއް ނުވެއެވެ. ޓެކްސް ފައިސާއިން ކައިބޮއެ ހަދައިގެން ޖަލުގައި ތިބެ ކުށެއް ނެތް ރައްޔިތުން, އުމުރު ދުވަހުން އެއް ކުރާ ފައިސާ ފޭރުމަށް ސްކޭމް ހިންގާއިރު މިއީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ހައްލުކުރަން ޖެހޭ ކަމެކެވެ. ޖޭމަރެއް ހަރުކޮށްގެން ޖަލަށް ރޭންޖު ނުލިބޭ ގޮތް ހެދުމުން، ފޯނު ވެއްދުމުގެ ވިޔަފާރި ހުއްޓޭނެތީ އެކަން ނުކޮށް ބާއްވައިގެން ނުވާނެއެވެ. މިއީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ