ރައީސްގެ ރިޔާސީ ދައުރު ދިގު ނުކުރާނެ: ފަލާހު

ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.ރިފަރެންޑަމް ބިލް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެ ބިލު އޮތްގޮތުން، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ މަރުހަލާ މިހާރަށް ވުރެ ކުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހަރަދުކުޑަވާނެ ކަމެއް ކަމަށެވެ."ކުރު ކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެެހެންވީމާ ދިވެހި ރައްޔިތުންނަށް މިއަދު ސާފުވާނެ އެމްޑީޕީއަކީ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ޒައްޒެއްގެ މިންވަަރަށް ވެސް [ބޭނުންވާ] ބައެއް ނޫންކަން،" ފަލާހު ވިދާޅުވި އެވެ.ރިފަރެންޑަމް ބިލު ފާސްކުރަން އެމްޑީޕީގެ މެމްބަރުން ވޯޓު ނުދޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވުމުން، ފަލާހް ވިދާޅުވީ އެއީ އިންތިހާބުތަކަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމާ ދެކޮޅަށް ކުރާ ކަމެއް ކަމަށެވެ.މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރުން ހަ މަސް އުނިވާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އެއީ މީގެ ކުރިން ސަރުކާރުން ނުވަތަ ބަންޑާރަނައިބު އޮފީހުން ހާމަކުރި މައުލޫމާތެއް ނޫނެވެ. އެހެންކަމުން، މިކަމުގެ ތެދު ދޮގެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ