އެއާ އެމްބިއުލާންސްގެ ހިދުމަތް ތައިލޭންޑާއި ޔޫއޭއީއަށް ފުޅާކޮށްފި

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން މޯލްޑިވިއަން އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނަސީރެވެ.
އައިލެންޑު އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ސޮއިކުރެއްވިއިރު އެންސްޕާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހީނާ ވަލީދެވެ.
މި އެއްބަސްވުން އެކުލަވައިލެވުމާއެކު، އެއަރ އެމްބިއުލާންސް ހިދުމަތް މެދުވެރިކޮށް ތައިލޭންޑް އަދި ދުބާއީއަށް ދިވެހިން ފޮނުވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ތައިލޭންޑް އަދި ދުބާޢީއަށް ބޭސްފަރުވާ ހޯދުމަށް ފޮނުވަން ޖެހޭ ހާލަތެއްގައި ދިވެހިންނަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެއެވެ.
މި ހިދުމަތް ދިނުމުގައި ކަމާއި ބެހޭ ފަރާތްތަކުން އެފަދަ ހާލަތެއް އޮތްތޯ ބަލައި ޔަޤީން ކުރާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މިއީ ރާއްޖޭން ބޭރުގެ ގައުމަކަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ދޭން ފެށިއިރު އެ ހިދުމަތް އަދި ދެމުން އަންނަނީ މާލެއަށް އެކަންޏެވެ.
މިހާތަނަށް 1800 އަށްވުރެ ގިނަ ބަލި މީހުންނަށް އެއާ އެމްބިއުލާންސްގެ ހިދުމަތްވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ