ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ.
މި ބައްދަލުވުންތަކުގައި ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން ހޯދައި ހިޔާލާއި މަޝްވަރާ އެއްކޮށްފައި ވެއެވެ. "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ހިޔާލު އެއްކުރުމަށް ކުރާ ދިރާސާގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ނެކްސިޔާ މޯލްޑިވްސް" އާއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި "ކުރިމަގު ސައްލާ" ބައްދަލުވުންތައް ނިންމާލާފައި ވަނީ، ރޭގެ ނިޔަލަށެވެ. ކުރިމަގު ސައްލާގެ އެންމެފަހުގެ ބައްދަލުވުންތައް ރޭ ބާއްވާފައި ވަނީ މާލޭ ސަރަހައްދުން ހުޅުމާލޭގެ އިތުރަށް، ކ. ހިންމަފުށްޓާއި ހުރާ ގައެވެ. މިއާއެކު، މިހާތަނަށް 189 ރަށުގައި ބައްދަލުވުންތައް ކުރިއަށްގެންގޮސް، 9048 މީހުންގެ ބައިވެރިވުން އެކިގޮތްގޮތުން ހޯދުނު ކަމަށް ނެކްސިއާ މޯލްޑިވްސް އިން ބުނެއެވެ.
ނެކްސިއާ މޯލްޑިވްސް އިން ބުނީ، "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާރު ނިންމާލެވިފައި ވާއިރު، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ގާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި ވަށްމޭޒު ސައްލާތައް ބާއްވަމުން އަންނަ ކަމަށެވެ.
މި ސައްލާތަކުގައި ގައުމީ ތަރައްގީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މައުލޫތަކަށް އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ ހިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިއާ އިން ބުނީ ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން މިހާތަނަށް ބާއްވާފައިވާ ކަމަށެވެ.
ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައްދަލުވުންތައް ނިންމާލާފައިވީ ނަމަވެސް "ވިިލުންތެރި ރާއްޖެ 2045" އަށް ހިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ނެކްސިއާގެ ޕޯޓަލްއިން، ހިޔާލު ހޯދުމުގެ ސަރވޭގައި ބައިވެރިވެ ރައްޔިތުން ދޭން ބޭނުންވާ ހިޔާލާއި މަޝްވަރާ ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލުން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ހުރިހާ އެންމެން ޝާމިލްވުން ހިމެނޭގޮތުންނެވެ.
އެގޮތުން ކުޑަކުދިންނަށްވެސް ގައުމީ ތަރަށްގީގެ ޕްލޭނަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ދިނުމަށް، ނޮވެމްބަރު 4 ވަނަ ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގައި ހަމައެކަނި ޕެއިންޓްގެ ގޮތުގައި ނޫނަސް ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާގޮތް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެއެވެ.
ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ގައުމު ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި އެކު "ވިލުންތެރި ރާއްޖެ 2045" ޤައުމީ ޕްލޭން އެކުލަވާލައި، ކުރިއަށްއޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ހުރިހާ ރަށަކުން 9،000 އަށްވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ވިލުންތެރި ރާއްޖެއަށް މައުލޫމާތު އެއްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ