ރެނދު ނުލާނެކަމަށް ބުނި އެފްޑީސީ ފުލެޓުތަކުގައި ރެނދުލަނީ: "ނުރައްކަލެއް ނެތް"
މީގެކުރިން ރެނދު ނުލާނެ ކަމަށް ބުނެފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފުލެޓުގެ ބައެއް ތަންތަނުގައި ރެނދުލާން ފަށާފައިވާއިރު އެއީ އަލަށް މަސައްކަތް ނިންމާ އިމާރާތްތަކުން ފެންނާނެ ފަދަ ކުދިކުދި ރެނދުތަކެއް ކަމަށާއި، އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. އެފްޑީސީން އިމާރާތްކުރި ބައެއް ޓަވަރުތަކުގައި މީހުން މިހާރު އުޅެން ފަށާފައިވާއިރު ރެނދުލުމުގެ ބައެއް މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އަލަށް އިމާރާތްކޮށް ބޭނުންކުރަން ފަށާއިރު އެ އިމާރާތްތަކުގައި ކުދިކުދި ރެނދުލުން ފަދަ މައްސަލަތައް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް މުޅި އިމާރާތަށް ބަލާނަމަ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮންޓްރެކްޓަރުންގެ [ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑް] ޑީއެލްޕީގެ ދަށުން ފުރިހަމައަށް ކަވަރު ކުރެވޭނެ ކުދިކުދި ފިކްސްތަކެއް. ކޮންމެ އާ އިމާރާތެއްގެ މަސައްކަތް ނިމުމުން ވެސް ކުދިކުދި ފަޅައިގެން ދިއުމާއި އެ ނޫންވެސް މައްސަލަތައް ހުންނާނެ. ސްޓްރަކްޗަރަލް ގޮތުން ބަލާއިރު އެއްވެސް ނުރައްކަލެއް ނެތް، އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް މި މައްސަލައާ ގުޅޭގޮތުން އެފްޑީސީގެ ހެޑް އޮފް އިންޖިނިއަރިން، ޗީފް ޑިވެލޮޕްމެންޓް އޮފިސަރު ހަސަން މާނި އުމަރު ވިދާޅުވި ގޮތުގައި އެއީ 'އެޖް، ޕްލާސްޓާ' އަދި 'ފިނިޝިން ކްރޭކް' އެކެވެ. ހަމްދާން ވެސް ވިދާޅުވި ފަދައިން އެއީ އާ އިމާރާތްތަކުގެ މަސައްކަތް ނިމުމުން ފެންނާނެ ފަދަ ކުދިކުދި ރެނދުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ފިނިހޫނުމިން ބަދަލުވުން ފަދަ ގުދުރަތީ ސަބަބުތައް ދިމާވުމުން ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މާނީ ވިދާޅުވި ގޮތުގައި ވީހާވެސް އަވަހަކަށް އެފަދަ ތަންތަން މަރާމާތު ކުރާނެއެވެ. https://sun.mv/196554 މީގެ ކުރިން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން އަޅާ ފުލެޓުތަކުގެ ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ހިންގާފައި ހުރި ހައުސިން ސްކީމްތަކުގައި ރާނާފައިވާ އިމާރާތްތަކުން ރެނދުލުން ފަދަ މައްސަލަތައް ހުރި ނަމަވެސް، އެ ޓަވަރުތަކުން އެފަދަ މައްސަލައެއް ދިމާނުވެ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ތަންތަނަށް ވާނެ ކަމުގެ ޔަގީންކަން ހަމްދާން އޭރު ދެއްވިއެވެ. ހަމްދާން ވިދާޅުވީ، ޓަވަރުތަކުގެ މަސައްކަތް ނިންމާ ހަވާލުކުރުމަށް ފަހު ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ޓަވަރުތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯ އެ ކުންފުނިން ބަލައިދޭނެ ކަމަށެވެ. އަދި، މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ހަމްދާން އެރުވިއެވެ. މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭ ތަންތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ