އޭސީސީއަށް ލިބެންޖެހޭ 77 މިލިއަންގެ ތެރެއިން ލިބުނީ އެންމެ 49،000 ރުފިޔާ: ކުޑޫ
ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ހޯދަންޖެހޭ 77 މިލިއަން ރުފިޔާގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހޯދުނީ ތެރެއިން އެންމެ 49،000 ރުފިޔާ ކަމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ ދައުލަތުގެ ދަރަނި ދަނީ ރައްޔިތުން ހޮވާ ސަރުކާރުތަކުން ވާރުތަކުރަމުން ކަމަށާއި، އެހެންވެ އެ ދަރަނިތަކަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ، ރައްޔިތުން ޒިންމާވާން ޖެހޭ ދަރަންޏެއް ކަމަށެވެ. "ޚަރަދުކުރާ ގޮތެއް ނުފެނޭ، ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލެއް ވެސް ނެތް، އިވެންޓާއި ޖަލްސާތަކަށް އަޅުގަނޑުމެން ކުރާ ޚަރަދު އެހެން ހުރިހާ ކަމަކަށް ކުރާ ޚަރަދަކަށް ވުރެ ބޮޑު،" ކުޑޫ ވިދާޅުވިއެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުގެ ގެރެންޓީ ދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާ ހިމެނޭހެން ދައުލަތުގެ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި ބޭރުގެ އެކިފަރާތްތަކަށް 42 ބިލިއަން ރުފިޔާ ސަރުކާރުން ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ދަރަންޏަށް ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގައި ސަޕްލަޔާސް ކްރެޑިޓް ނުހިމެނޭތީ ދައުލަތުގެ ދަރަނި ހުރި ސީދާ އަދަދެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު، 2008ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން އުފެއްދި ބައެއް މުއައްސަސާތަކުން އެ އިރެއްގައި އޮންނަ ސަރުކާރެއް ބުނާ ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮރަޕްޝަންގެ މައްސަލަތައް ބަލާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިސާލެއްގެ ގޮތުގައި ކުޑޫ ނެންގެވިއެވެ. "ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގަ ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހޯދަން އެންގި 77 މިލިއަން ރުފިޔާގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް މިއޮތީ 49،000 ރުފިޔާ ލިބިފަ، އެތަނުގެ ރައީސްގެ މުސާރައިގެ ގާތްގަނޑަކަށް އެއްވަރެއް މި އޮތީ ލިބިފަ، މިއީ އަޅުގަނޑުމެން ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން، އެއީ އެ ފައިސާގެ 0.06 އިންސައްތަ،" އެހެންކަމުން އެއްވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭ މުއައްސަސާތައް އޮތުމުގެ ބޭނުމާ މެދު ސުވާލު އުފައްދައި އެ މުއައްސަސާތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވެ، އެ ތަންތަނުގެ މަސައްކަތް ހިނގަމުންދާ ގޮތާ މެދު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭނީ ކިހިނެއްތޯ ކުޑޫ ސުވާލު އުފެއްދެވިއެވެ. އޭގެ އިތުރުން ކުޑޫ ވިދާޅުވީ، ކުދި އާބާދީތައް އޮތް ރަށްރަށުގައި ދެކޮޅުނުޖެހޭ މަޝްރޫއުތައް ހިންގުމަކީ އިގްތިޞާދީގޮތުން ބީރައްޓެހި ކަމެއް ކަމަށާއި، އެއީ އިގްތިޞާދީ ގޮތުން ދެކޮޅުނުޖެހޭ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ވަންނާނެ އެއްޗެއް ނުވަަތަ ފައިސާއެއް ނޯންނާނެތީ ކަމަށެވެ. "އެތައް ސަތޭކަ މިލިއަން ރުފިޔާއިން ލޯނު ނަގައިގެން މާސިންގާ ބޮޑު ފުންމިން ނޭނގޭ ޕްރޮޖެކްޓްތައް ހިންގުމުގެ ބޭނުމެއް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އިދާރާތަކުގެ ޚަރަދު ބޮޑުވާތީ މަޖިލީހުގެ ކޮމިޓީތަކުގައި ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، ސަރުކާރުން އެ ކަންކަން ރަނގަޅުކުރަން އެއްވެސް ކަމެއް ނުކުރާކަމަށާއި، އެގޮތުން އާސަންދަ ރިފޯމްކުރާނެ ކަމަށާއި ސަބްސިޑީ އިސްލާހުކުރާނެ ކަމަށާއި ޑަބަލް ޕެންޝަން އުވާލާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާ ގަބޫލުނުކޮށް ވަޒީފާތައް ހައްދެއްނެތި ދީ މުސާރަތައް ބޮޑުކުރަމުން ގޮސްފައިވާ ކަމަށާއި، ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. "ސަރުކާރަށް ދެ އަހަރު ފުރޭއިރު މި ހުށަހަޅާފައިވާ ބަޖެޓަކީ ސިންދަފާތު ބަޖެޓެކޭ ބުނެވޭނެ ޖާގައެއް ނެތް، މުޅިން ހުރީ އަތުން ފައިސާ ދާނެ ކަންކަން، މިއީ ދަރާ ވިކިފަ އޮތް ގައުމަކަށް ކުރެވޭ ވަރަށް ބޮޑު ޚަރަދެއް، ފައިސާ ލިބޭނެ ކަމެއް ނުކޮށް ވާކަށް ނެތް، ދައުލަތަށް އާމްދަނީއެއް ވަންނާނެ ގޮތެއްވެސް ނެތް،" ކުޑޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ