ފުވައްމުލަކު ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ނަމަވެސް، ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހެދުމުން ފުވައްމުލަކު ސިޓީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަން ނިންމައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރަށު ރައްޔިތުން ބޭނުން ކުރުމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ޔަގީންކުރަން ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"ރައްކާތެރި ބޯފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ވެސް ޒިންމާއަކަށްވީ ހިނދު ފެނަކައިން ފުވައްމުލަކުގެ ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށާއި، އަދި މި ޓެސްޓުތައް ގަވާއިދުން މެދުނުކެނޑި ހެދުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން ވަނީ ނިންމާފައި،" އެ ކައުންސިލުން ބުންޏެވެ.
ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ފެނަކައަށް އަންގައިފަ އެވެ. އެ އެތޯރިޓީ އިން އެންގި ކަންކަން ފުރިހަމަނުކޮށް ރައްޔިތުންނަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން، ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފުޅީގައި ފެން ބަންދުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގަކަށްވާއިރު، ފުވައްމުލައް ރައޔްިތުން އެކަމުން މަހުރޫމްވަމުންދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެ ސިޓީއަށް ދޫކުރާ ފެނަކީ ބޭނުން ކުރަން ރައްކާތެރި ފެންކަން ޔަގީންކޮށްދިނުމަށާއި ފެން ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް މައްސަލައެއް ހުށަހަޅަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހި އެ ރަށުން ފެން އެއްކޮށް ކަނޑާލިތާ ދެ ދުވަސް ފަހުން އަލުން ފެނުގެ ހިދުމަތް ދޭން ފެށި އެވެ. އެކަމަކު މިހާރު ދޫކުރަމުން އަންނަ ފެނުގައި ވެސް ކިލަނބުކަމެއް ހުންނަ ކަމަށް ރައްޔިތުން ބުނެ އެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.
ފުވައްމުލަކު ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހަދާތީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަނީ ފުވައްމުލަކު ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހަދާތީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ