ކަޕޫރު އާއިލާއިން ގެނެސްދޭ ރިއަލިޓީ ސީރީސްގެ ޓްރެއިލާ ދައްކާލައިފި
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރު ޚާންދާންގެ މެމްބަރުންނާ އެކު ގެނެސްދޭ ނެޓްފްލިކްސްގެ ރިއަލިޓީ ސީރީސް "ޑައިނިންގް ވިތު ދަ ކަޕޫރްސް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ރިއަލިޓީ ސީރީސް އަކީ މަރުވެފައިވާ ކުރީގެ އެކްޓަރު ރާޖް ކަޕޫރުގެ 100 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ އާއިލާއިން ކުރަން ނިންމި ބައެއް ކަންކަމުގެތެރެއިން ބެލުންތެރިންނަށް ގެނެސްދޭ ސީރީސްއެކެވެ. މި އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާ މި ސީރީސްއިން ކެއުމަކަށް ބެލުންތެރިންނަށް ދައުވަތުދޭއިރު އެއް ގަޑިއިރުވަންދެން އާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ ބަދަހި ގުޅުން ދައްކުވައިދޭނެއެވެ. "ޑައިނިންގް ވިތު ދަ ކަޕޫރްސް"އިން ފެންނާނެ ބައެއް މެމްބަރުން--ފޮޓޯ/ބޮލީވުޑްހަންގާމާ މީގެއިތުރުން ކަޕޫރު އާއިލާގެ މެމްބަރުންގެ ކުޑައިރުގެ ހަނދާންތައް އެކަކު އަނެކަކާ ހިއްސާކޮށް ރާޖް ކަޕޫރާ އެކު ހޭދަކޮށްފައިވާ ދުވަސްތަކުގެ ހަނދާންތައް ވެސް އާކުރުން އޮންނާނެއެވެ. ރާޖް ކަޕޫރުގެ ކާފަ ދަރިފުޅު އަރުމާން ޖެއިންގެ އުފެއްދުމެއް ކަމަށްވާ "ޑައިނިންގް ވިތު ދަ ކަޕޫރްސް"ގެ ޑައިރެކްޓަރަކީ މަޝްހޫރު ވެބް ސީރީސް "ނެވާ ހޭވް އައި އެވާ" އަދި "ދަ ރޮމޭންޓިކްސް" ގެނެސްދިން ސްމްރިތީ މުންދްރާއެވެ. އަރުމާން އަކީ ރާޖް ކަޕޫރުގެ އަންހެން ދަރިފުޅު ރީމާ ޖެއިންގެ ދަރިއެކެވެ. "ޑައިނިންގް ވިތު ދަ ކަޕޫރްސް"ގެ އެޕިސޯޑުތަކުން ފެންނާނެ މުހިއްމު މެމްބަރުންގެތެރޭ ރަންދީރު ކަޕޫރު، ނީތޫ ކަޕޫރު، ރީމާ ޖެއިން، ރަންބީރު ކަޕޫރު، ކަރިސްމާ ކަޕޫރު، ކަރީނާ ކަޕޫރު ޚާން، ސައިފް އަލީ ޚާން، ރިދިމާ ކަޕޫރު، އާދާރު ޖެއިން، އަދި އަގަސްތިޔާ ނަންދާގެ އިތުރުން ނާވްޔާ ނަވޭލީ ނަންދާ ހިމެނެއެވެ. ބޮލީވުޑްގެ ފުރަތަމަ ފިލްމީ އާއިލާ ކަމަށްވާ ރާޖް ކަޕޫރުގެ އާއިލާއިން ވަނީ އެކްޓަރަށް 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިދިޔަ އަހަރުތެރޭ ފިލްމު ފެސްޓިވަލްއެއް ވެސް ބާއްވާފައެވެ. ރާޖް ކަޕޫރުގެ ބައްޕަ އަކީ ހިންދީ ސިނަމާ ވުޖޫދަށް ގެނެސްދިން މީހުންގެތެރޭ ހިމެނޭ ކުރީގެ އެކްޓަރެއް ކަމަށްވާ ޕްރިތުވީރާޖް ކަޕޫރެވެ. ކުރީގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝައްމީ ކަޕޫރާއި ޝަޝީ ކަޕޫރަކީ ވެސް ރާޖް ކަޕޫރާއި އެއްބަނޑު އެއްބަފާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ