ހޯރަފުށީ ދާއިރާގެ ހުކުމް؛ އަންނަ އެޕްރީލް މަހުގެ ހަތަރެއްގައި!
ރައީސްގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެން، ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަކޮށް، މުއައްސަސާތައް ހަމަޔަކަށް އެޅި، ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިނގައިގަންނާނެ ކަމަށް ގަބޫލުކުރެވުނެވެ. އަދި ވަކިން ހާއްސަކޮށް ތަރައްގީގައި ރާއްޖެ އާ އުސްމިން ތަކަކަށް ދާނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު ހިތާމަ ހުއްޓެވެ؛ ތަޖުރިބާކުރަން މިއަދު ޖެހުނީ ކޮންމެ ކަމެއްގައި ވެސް ސަރުކާރު ކޮޅު ނަގައިގެން ހިންގަމުން ގެންދާ ބާރުތަކާއި މުއައްސަސާތަކެއްގެ ނިންމުންތަކެވެ. ތަރައްގީގެ ދުވެލި މަޑުވެ ހޯރަފުށި ދާއިރާ ހިމެނޭހެން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުސްތަގުބަލަށް ހިޔަނި އެޅުނީ އެވެ. ލޮލަށް ފެންނަ ތަރައްގީ މަދުވެ ލޮލަށް ނުފެންނަ ތަރައްގީ ގިނަވީ އެވެ.ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފަސް އަހަރުތެރޭ ހއ. ހޯރަފުށި ދާއިރާއަކީ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާފައިވާ ދާއިރާއެކެވެ. އެގޮތުން ވައިގެ މަގުން ހޯރަފުށި ވެރިރަށާއި ގުޅުވާލި ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ފާހަގަކޮށްލެވެ އެވެ. އަދި ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފެށުނެވެ. ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށި އެވެ. ރަށުގައި އެޅި އެއާޕޯޓާއެކު ދާއިރާގެ އަދި މުޅި އުތުރުގެ އެތައް ބައެއްގެ ޖީބަށް ބުރަވެފައިއޮތް ތަކުލީފަށް ނިމުމެއް ގެނުވި އެވެ. ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ "ބޮޓްލިން ޕްލާންޓު ފެކްޓްރީއެއް" ހަދަން މުޅިން އާ އިމާރާތެއް އިމާރާތްކޮށް އެތަނަށް ބޭނުންވާ ސާމާނު ހޯދައިދީ ފެނަކަ އަށް އެމަސައްކަތް އަމަލީ ގޮތުން ހިންގަން ހަވާލުކުރި އެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބޭތިއްބުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް އެއް މުޅިން އަލަށް އިމާރާތްކޮށް ނިންމާ ދެއްކި އެވެ. މިފަދަ ކިތަންމެ ތަރައްގީގެ މަޝްރޫއުތަކެކެވެ. ހަމަ އެގޮތުން އެ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ އުލިގަމާއި ހޯރަފުއްޓާ ތުރާކުނުގައި ބާވެ ބޭނުންނުކުރެވޭ ފެންވަރުގެ އެތައް އިމާރާތެއް އާ ކުރުމުގެ މަސައްކަތާއި، ކުޅިވަރުކުޅެވޭނެ ތަންތަނާއި އައުޓް ޑޯ ޖިމްތައް ވަނީ ގާއިމުކޮށްފަ އެވެ. ތަރައްގީގެ މަޝްރޫއުތައް ހޯރަފުށި ދާއިރާގައި ހިންގާލެއް ގިނަވެ އެއިރު ރައްޔިތުން މަޖިލީހުގެ ބައެއް އެހެން ދާއިރާތަކުގެ މެންބަރުވެސް އެ ވާހަކަ ތަޅުމުގައި ދެއްކެވި އެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއީ ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގައި ހުރި "މަދު މީހަކު" ފިޔަވާ މުޅި ދާއިރާގެ ރައްޔިތުންގެ ދުލުން މިހާރު އިވޭ އަޑެވެ. ލިބޭ ޗުއްޓީއެއްގައި ވެސް ދާއިރާ އަށް އައުން މަދު މީހަކަށް ފަހަރުގައި ރައްޔިތުންގެ މި އަޑު ނުއިވި ދާނެ އެވެ. ނިމުނު މަޖިލިސް އިންތިހާބު ދުވަސްވަރު ހޯރަފުށި ދާއިރާއިން އިވުނީ ސަރުކާރުން ދައްކާ މީހާއަށް ވޯޓު ދިނުމުން ދާއިރާ ތަރައްގީ ވާނެ ވާހަކަ އެވެ. ރަށަށް އުންމީދާއި ދިރުން ލިބޭނެ ވާހަކަ އެވެ. ސަރުކާރުން ދައްކާ މީހާ ހޮވުމުން ކަންކަންވާ ފަސޭހަ ވާނެ ވާހަކަ އެވެ. ރައްޔިތުންގެ އަޑު އިއްވަން ފަސޭހަ ވާނެ ވާހަކަ އެވެ. ނަމަވެސް މިއަދު ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން ދާއިރާ އަށް ލިބުނު މޮޅެއް ނެތެވެ. ހޯރަފުށި ފެނަކަ އޮފީހުން 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ. އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަނީ މުޅިން ވެސް ނާއުންމީދީ ސަޕްރައިޒްތަކުގެ ވާހަކަ އެވެ. ނިމުނު ދެ އިންތިހާބަށް ވީ ވައުދުތައް ނުފުއްދާ ރައްޔިތުންގެ ބޯކާލަން އުޅުމަށް ވުރެ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ނިކަމެތި ކަމާއި އިގްތިސޯދީ ހާލަތު ހަގީގަތުގައި މާ ގޯހެވެ. ވަޒީފާ ނެތިފައި އޮތް ޒުވާން އާބާދީއެއް ހޯރަފުށި ދާއިރާގައި އެބައޮތެވެ. ޑްރަގް ނަގައިގެން މަގުމައްޗަށް ބޮޑު ޖީލެއް އޮތީ ވެއްޓިފަ އެވެ. އެތައް ބައިވަރު ކުދިންނެއް ކޮންމެ އަހަރަކު ސްކޫލުތައް ނިންމައިގެން ނުކުމެގެން އަންނަ އިރު، ކުރާނެ ކަމެއް ނެތެވެ. މިއަދު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް "ފޮށިތަންމައްޗަށް ވުރެން ބަރު" ވެއްޖެ އެވެ.ދައުލަތުގެ ވެރިން ހަނދާންކުރަން ޖެހެ އެވެ؛ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިހާބުތަކުގައި ރައްޔިތުން ލާ ވޯޓަކީ ސީދާ ރައްޔިތުން އިއްވާ ހުކުމެވެ. ރައްޔިތުން ވޯޓުލާންވީ ކުލައަކަށް ނޫނީ ފިކުރަކަށް ނޫނެވެ. ގާބިލްކަމަށް ގަބޫލު ކުރެވޭ މީހުންނަށެވެ. ތަރައްގީއާއި ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދޭނެ ބަޔަކަށެވެ. އެގޮތުން އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ހޯރަފުށީ ދާއިރާއިން ވެސް "ސިޔާސީންނަށް" ހުކުމް އިއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ