ބަންގްލަދޭޝް އިން 22 އަހަރަށް ފަހު އިންޑިއާ ބަލިކޮށްފި ބަންގްލަދޭޝް އިން 22 އަހަރަށް ފަހު އިންޑިއާ ބަލިކޮށްފި

ޑާކާ، ބަންގްލަދޭޝް (ނޮވެމްބަރު 18) - އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ބަންގްލަދޭޝް އިން 1-0 އިން މޮޅުވެ، 22 އަހަރު ތެރޭ އިންޑިއާ އަތުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
މި މެޗުގެ ކުރިން އިންޑިއާ އަތުން ބަންގްލަދޭޝަށް އެންމެ ފަހުން މޮޅެއް ލިބިފައިވަނީ، 2003 ވަނަ އަހަރު ކުޅުނު ސާފް ގޯލްޑް ކަޕްގެ ސެމީ ފައިނަލުގަ އެވެ. އެ ފަހަރު ބަންގްލަދޭޝް މޮޅުވީ ގޯލްޑަން ގޯލެއް ޖަހައިގެންނެވެ. އޭގެ ފަހުން ކުޅުނު 10 މެޗުން ވެސް ބަންގްލަދޭޝަށް އިންޑިއާ އަތުން މޮޅެއް ހޯދިފައިނުވެ އެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝަށް ހަމައެކަނި ލަނޑު ޖަހައިދިނީ، މެޗުގެ 11 ވަނަ މިނިޓްގައި ރަކީބް ހުސެއިން ދިން ބޯޅައަކުން ޝެއިހް މޮރްސަލީން އެވެ. ބަންގްލަދޭޝް އިން ވަނީ މެޗުގެ އެހާ ކުރީކޮޅުގައި ލަނޑެއް ޖެހުމަށް ފަހު ވެސް މެޗުގެ ބާކީ ބައިގައި ޑިފެންސްކޮށް މި ލީޑުހިފަހައްޓައިފަ އެވެ.
އިންޑިއާ ފުޓްބޯޅަ ދަށް ފޯމެއްގައި ކުރިއަށްދާއިރު، ބަންގްލަދޭޝް އަތްދަށުވެ، އެ ޓީމު މި ވަނީ ކޮލިފައިން ތާވަލުގެ ފުލުގައި ނިންމަން ޖެހުމުގެ ފުރުސަތު ބޮޑުވެފަ އެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ގަތަރުގައި އޮތް އޭޝިއަން ކަޕަށް ކޮލިފައިވި އިންޑިއާ އަށް 2027 ވަނަ އަަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، އިންޑިއާ މި ވަގުތު އޮތީ ކޮލިފައިން ގްރޫޕް ސީގެ ފުލުގަ އެވެ. ކުޅުނު ފަސް މެޗުން އެ ޓީމަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އަދި މޮޅެއް ނުހޯދެ އެވެ. މި ގްރޫޕްގެ ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ފަސް މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ސާފްގެ ގައުމުތުކުގެ ނަތީޖާ އަށް ބަލާއިރު، ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި ފިލިޕީންސް އަތުން 2-0 އިން ބަލިވެފަ އެވެ. ޔަމަން އަތުން 7-1 އިން ބޫޓާން ބަލިވިއިރު، ތައިލެންޑުން ސްރީ ލަންކާ ބަލިކުރީ 4-0 އިންނެވެ. ސީރިއާ އިން 5-0 އިން ޕާކިސްތާން ބަލިކުރިއިރު، މެލޭޝިއާ އިން ނޭޕާލް ބަލިކުރީ 1-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ