ރާއްޖެ ބަލިކޮށް ފިލިޕީންސަށް ބޮޑު އުންމީދެއް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގު ކާމިޔާބުކޮށް ފިލިޕީންސަށް ބޮޑު އުންމީދެއް ލިބިއްޖެއެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މިމެޗު ފިލިޕީންސް ކާމިޔާބުކުރީ 2-0 އިންނެވެ. ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މިމެޗު ފަށައިގެން ފިލިޕީންސް ޓީމުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ދިވެހި ޓީމަށް ޕްރެޝަރުކޮށްފައެވެ. ފިލިޕީންސްއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ކޯނަރަކުން ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންދްރޯ ރެޔެސްއެވެ. ފުރަތަމަ ހާފްގައި ދިވެހި ޓީމަށް މާރަނގަޅު ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތް ވަނީ ނުވެފައެވެ. ދިވެހި ޓީމުން ދެވަނަ ކެޕްޓަން ސަމޫހްގެ ބަދަލުގައި ޤައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް ޒުވާން ޑިފެންޑަރު ޠާއިފް ގާސިމް އަދި ރިޒުވާންގެ ބަދަލުގައި ހަސަން ރާއިފް (ހަންނަ) ކުޅެން އެރުވިއެވެ. މި ހާފުގައި ދިވެހި ޓީމުން ވަނީ ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. މިމެޗުގައި ރާއްޖޭގެ ކޯޗު ވަނީ ދެވަނަ ހާފްގެ ފަހު ކޮޅު ޒުވާން މިޑްފިލްޑަރ އީތަން އިބްރާހިމް ޒަކީ ކުޅެންނެރެފައެވެ. މިއީ އުމުރުން 17 އަހަރުގެ އީތަން ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފިލިޕީންސް ވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. ރާއްޖެއަށް ކުރިއަށްދެން އޮތީ ޓިމޯ ލެސްޓޭއާ ދެކޮޅަށް އަންނަ މާޗު މަހު ކުޅެން އޮތް މެެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ