ގޫގުލް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއަށް އަމިއްލައަށް ނެގެން އޮތް ފައިދާ ގެއްލޭނެ: ފައްޔާޒު ގޫގުލް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއަށް އަމިއްލައަށް ނެގެން އޮތް ފައިދާ ގެއްލޭނެ: ފައްޔާޒު

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއު އާއެކު ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ގޫގުލް އާއި ދިވެހި ސަރުކާރުން ރޭ ކުރި އިއުލާނުތަކުގައިވާ ގޮތުގައި، "ދިވަރު" ނަން ދެވިފައިވާ މި ކަނޑުއަޑީގެ ކޭބަލް ސިސްޓަމުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅައިލާނެ އެވެ.
ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޫގުލް އިން މި މަޝްރޫއު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އޭރު އެކަމަށް އެއްބަސް ނުވީ ކުރީ ސަރުކާރުން ރާއްޖެ އަކީ ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ގެންގުޅުނު ސިޔާސަތަށް މި މަޝްރޫއުން ހުރަސް އެޅޭތީ ކަމަށެވެ.
"މިހާރު ހަމަ އެ މަޝްރޫއު ކުރިއަށް މިގެންދަނީ ތަފުސީލެއް ހާމަކުރުމެއްނެތި. މި މަޝްރޫއުއަކީ ރާއްޖެއަށް މި ދާއިރާއިން ލިބެން އޮތް ވާދަވެރި ފައިދާ އާއި މުސްތަގުބަލުގައި ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ސިނާއަތަށް އޮތް ރިސްކެއް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ބޭރުގެ ބަޔަކަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލި، ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަށް ހުޅުވުނު ދޮރެއް ބަންދުވެގެން ގޮސްފައިވާ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
"މި މަޝްރޫއުގެ ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ. އެއްބަސްވީ ކޮން ކަމަކަށް ކަން. ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ކޮން ބަޔަކަށް ކަން. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ،" މިދިޔަ ސަރުކާރުން އަމިއްލަ ސަބްމެރިން ކޭބަލެއް އެޅުމުގައި އިސްވެ އުޅުއްވި ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން އިންވެސްޓުކޮށްގެން ރާއްޖެއަށް ގެނައި ސަބްމެރިން ކޭބަލް އަކީ ފްރާންސުގެ މާސޭއިން ފެށިގެން ސިންގަޕޫރާ ހަމައަށް ދެމިގެންދާ 'އައިއޭއެކްސް-އައިއީއެކްސް' ކޭބަލްއަކީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުނިން އަޅާ އެންމަ ޒަމާނީ ފެންވަރުގެ ކަނޑައުޑިން ދަތުރުކުރާ ކޭބަލުގެ ގޮތްޕެކެވެ.
އެ ކޭބަލް އިން ރާއްޖެއަށް އެއްގަންކުރި ބަޔަށް ކީ '-އައިއޭއެކްސް-އޯސީއެމް' އެވެ. ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ސަރުކާރުގެ އަމާޒު ހުރީ އެ ކޭބަލް ބޭނުންކޮށްގެން އައިސީޓީ އެކްސްޕޯޓް އިންޑަސްޓްރީއެއް ބިނާކޮށް، އެއީ ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓު ހިއްސާވާ ވަރުގެ ސިނާއަތަކަށް ހެދުމަށް ކަމަށެވެ.
އަދި، ރާއްޖެ އަކީ އެފްރިކާ، އަދި މެދުއިރުމައްޗާއި އޭޝިއާ އަދި އޮސްޓްރޭލިއާ އާއި ގުޅުވާލަދޭ ހަބަށް ހެދުމަށް ވެސް އޭރު އަމާޒު ހިފިކަން ފައްޔާޒު މިރޭ ފާހަގަކުރައްވާފައިވެ އެވެ.
އޯސީއެމް-އައިއޭއެކްސް ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް ކޭބަލް ލޭންޑިން ސައިޓާ ގުޅާލީ އޯގަސްޓް، 2023 ގަ އެވެ. މި ސަބްމެރިން ކޭބަލް އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏަށް ވިއްކާލަން އުޅޭ ކަމަށް މިދިޔަ އަހަރު އަޑުފެތުރުމުން އެކަން ދޮގުކޮށްފައިވެ އެވެ.
ގޫގުލް އިން ރޭ އިއުލާންކުރި ކޭބަލް އަށް ދީފައި ވަނީ ދިވެހި ނަމެކެވެ. ދިވަރަކީ އިހުގެ ދިވެހި ރިޔަލު އޮޑިދޯނިފަހަރުގެ ފަން ރިޔަލުގެ ބޭރުން އޮންނަ ވަލެވެ. މިއީ އިހުގެ ދިވެހި މާލިމީންގެ ހުނަރާއި، ހިތްވަރާއި، ތަޖުރިބާ ރަމްޒުކޮށްދޭ ކަމެއް ކަމަށް ގޫގުލްގެ ރަސްމީ ބްލޮގުގައި، އެ ކުންފުނީގެ ގްލޯބަލް ނެޓްވާކިން އެންޑް އިންފްރާސްޓްރަކްޗާގެ ވައިސް ޕްރެޒިޑެންޓު، ބިކާޝް ކޯލޭ ލިޔެފައި ވެ އެވެ.
ގޫގުލްއިން ބުނީ މިއީ އެ ކުންފުނީގެ "އޮސްޓްރޭލިއާ ކަނެކްޓް އިނީޝިއޭޓިވް" އިތުރަށް ފުޅާކޮށް، އިންޑިއާ ކަނޑައުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ ކަމަަށެވެ.
އެ ގޮތުން، ކޭބަލް އިންވެސްޓުމަންޓުގެ އިތުރުން ކަނެކްޓިވިޓީ ހަބެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް ގޫގުލްއިން ބުންޏެވެ. އަދި ރާއްޖެ އާއި ކްރިސްމަސް އައިލެންޑަކީ މެދުއިރުމައްޗާއި އެފްރިކާ އާއި އޯޝޭނިއާ އަދި ދެކުނު އޭޝިއާގެ ކަނެކްޓިވީޓީ ރަނގަޅުކުރަން ގުދުރަތީ ގޮތުން ރަނގަޅު ލޮކޭޝަނެއްގައި އޮތް ދެ ތަން ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ