އޮކްޓޫބަރުގައި ތެރަޕީއަށް 17.7 މިލިއަން ޚަރަދުކުރި، ގިނައީ 18 އަހަރުން ދަށުގެ ކުދިން
މިދިޔަ އޮކްޓޫބަރު މަހުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 17.7 މިލިއަން ރުފިޔާއަށް ޚަރަދުކުރިކަން އެ އެޖެންސީގެ ހިސާބުތަކުން ދައްކައިފިއެވެ. މިއަދު އެންސްޕާއިން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން މިދިޔަ މަހު ޚަރަދުކުރީ، ބިހޭވިއާ ތެރަޕީއަށެވެ. އެ ބާވަތުގެ ތެރަޕީއަށް 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޮކިއުޕޭޝަނަލް ތެރަޕީއަށް މިދިޔަ މަހު ވަނީ، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ދެން އެންމެ ގިނައިން މިދިޔަ މަހު ހޭދަކޮށްފައި ވަނީ، ސްޕީޗް ތެރަޕީއަށެވެ. އެފަދަ ތެރަޕީތަކަށް 283 މީހުންނަށް 3.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. https://x.com/NSPAmaldives/status/1990766613868720160 އޭގެއިތުރަށް، އެޑިއުކޭޝަނަލް ތެރަޕީއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އެޑިއުކޭޝަނަލް ތެރަޕީއަށް 2.5 މިލިއަން މިލިއަން ޚަރަދުވިއިރު، އާލީ އިންޓަވެންޝަންއަށް 2.1 މިލިއަން ރުފިޔާ އެންސްޕާއިން ޚަރަދުކުރިއެވެ. އަދި، ސައިކޯ ތެރަޕީއަށް މިދިޔަ މަހު، އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ މަހު އެންމެ މަދުން އެންސްޕާއިން ޚަރަދުކުރީ، ފިޒިއޯ ތެރަޕީއަށެވެ. އެ ބާވަތުގެ ތެރަޕީއަށް 226،236 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެންސްޕާއިން މިދިޔަ މަހު، ތެރަޕިއުޓިކް ފަރުވާ 532 މީހުންނަށް ވަނީ ހަމަޖައްސައިދީފައެވެ. އޭގެތެރޭގައި އެންމެ ގިނައީ، 18 އަހަރުން ދަށުގެ 512 މީހުން ކުދިން ހިމެނޭއިރު، 18 އަހަރާ 62 އަހަރާ ދެމެދުގެ 20 މީހުން ހިމެނެއެވެ. އެންސްޕާގެ ހިސާބުތަކުން އެނގޭ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،832 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ