އަވަސް އަރުވާލައިގެން އެއްބަސްވުމެއް ހަދަން ނޫޅޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ހަނގުރާމަ ނިމުމަަކަށް ގެނައުމަށް އަވަސްއަރުވާލައިގެން އެއްބަސްވުމެއް ހަދަން ނޫޅުމަށް މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެވިފައިވާ ކަމަށާއި، ވަަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވުމަށްފަހުއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަޝްވަރާ ކުރަމުންދާ އެއްބަސްވުމުގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު 60 ދުވަހަށް އިތުރުކުރުމާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމުގެ ޕްލޭނެއް ހިމެނެއެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބިނާކުރަނިވި" މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް ދެ ފަރާތުން ވެސް ވަގުތު ނަގައި ރަނގަޅު އެއްބަސްވުމެއް ހަދަންޖެހޭ ކަމަށެވެ. ހަފްތާ ބަންދުގައި އީރާނުގެ އޮފިޝަލުން ވެސް މިފަދަ ސިގްނަލްތަކެއް ދީފައިވާއިރު، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ ދެ ފަރާތުން އެއްބަސްވުމަކަށް އައުމާ "ވަރަށް ގާތް އަދި ވަރަށް ދުރު" ކަމަށެވެ. އެއްބަސްވުމުގައި ފަހުން މަޝްވަރާ ކުރަންޖެހޭ ބައެއް މައްސަަލަތައް ދޫކޮށްލާފައިވާ ކަމަށާއި މި އެއްބަސްވުމަކީ އެންމެ ފަހުގެ ހައްލު ނޫން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. އޭގެތެރޭގައި އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި، އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުމާއި، އީރާނުގެ ނިއުކްލިއާ މައްސަލަ ހިމެނެއެވެ. އީރާނާއި އެމެރިކާއިން ބަންދުކޮށްފައި އޮތް ހުރުމުޒް ކަނޑުއޮޅި. ފޮޓޯ/ރޮއިޓާސް ދުނިޔޭގެ ހަކަތައަށް ލުއި ލިބޭނެ ކަމުގެ އުންމީދު އީރާނުގެ އިސް މަސްދަރަކަ ހަވާލާދީ މީގެ ކުރިން ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖިލީހުން އެ އެއްބަސްވުން ފާސްކޮށްފިނަމަ އެންމެ ފަހުގެ ރުހުން ހޯދުމަށް އެންމެ އިސް ލީޑަރު އާޔަތުالله މުޖްތާބާ ޚާމަނާއީއަށް ފޮނުވާނެއެވެ. ނަމަވެސް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައި ވަނީ އެއް މާއްދާއެއް ނުވަތަ ދެ މާއްދާއަކާ ގުޅިގެން ޚިޔާލުތަފާތުވުންތައް އަދިވެސް އެބައޮތް ކަމަށެވެ. މަސްދަރަކާ ހަވާލާދީ ތަސްނީމުން ބުނެފައިވާ ގޮތުގައި އެމެރިކާއިން ހުރަސްތައް އުފައްދަމުން ގެންދާނަމަ އެއްބަސްވުމެއް ނޯންނާނެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ދާއިމީ އެއްބަސްވުމެއް ހަދައިފިނަމަ، އާންމު ވިޔަފާރިތަކަށް ލުޔެއް ލިބުނު ނަމަވެސް ތެލާއި ގަސްކާނާ އަދި ކާބޯތަކެތީގެ އަގު ބޮޑުވެ، ދުނިޔޭގެ ހަކަތައަށް ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް އެތައް ދުވަހެއް ނަގާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިހާރު ހަނގުރާމަ ނިމުނު ނަމަވެސް 2027 ވަނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުއާޓަރުގެ ކުރިން ކަނޑުއޮޅި ކުރިން އޮތް ހާލަތަށް އިއާދަ ނުވާނެ ކަމަށްވެސް އަބޫދާބީ ގައުމީ ތެޔޮ ކުންފުނީގެ ވެރިޔާ މިދިޔަ ހަފްތާ ވިދާޅުވިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ ތެހެރާނުން ހުއްދަ ހޯދުމަށް ފަހު ފާއިތުވި 24 ގަޑިއިރު ތެރޭގައި 33 އުޅަނދު ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމަށެވެ. ހަނގުރާމައިގެ ކުރިން އާންމު ދުވަހެއްގައި 140 އަށް ވުރެ ގިނަ ބޯޓު އެ ކަނޑުއޮޅިން ދަތުރުކުރެއެވެ. މަޝްވަރާކުރަންޖެހޭ މައްސަލަތައް އަދިވެސް އެބަހުރި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ހުށަހަޅާފައިވާ އޮނިގަނޑުން ތިން މަރުހަލާއަކަށް ބަހާލައިގެން މަޝްވަރާތައް ކުރިއަށްދާނެއެވެ. އެ ތިން މަރުހަލާއަކީ ރަސްމީކޮށް ހަނގުރާމަ ނިންމާލުމާއި، ހޮރްމުޒް ކަނޑުއޮޅީގައި އޮތް ދަތިކަން ހައްލުކުރުމާއި، އެއްބަސްވުމެއްގެ ފުޅާ މަޝްވަރާތަކަށް 30 ދުވަހުގެ ވިންޑޯއެއް ލޯންޗުކުރުމުގެ މަރުހަލާއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވި ގޮތުގައި މި ހަފްތާއަކީ މައްސަލަތައް މަދު ހަފްތާއެއް ނަމަވެސް އަދިވެސް މެދުވެރިން މެދުވެރިކޮށް މަޝްވަރާ ކުރަންޖެހޭ މައްސަލަތަކެއް އެބަހުރި ކަމަށެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެެމެރިކާ ގުޅިގެން އީރާނަށް ދޭންފެށި ހަމަލާތަކުގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން އެތައް ބަޔަކު ވަނީ އަވަހާރަވެފައެވެ. ދެ ފަރާތުން ކުރި ހަނގުރާމަ އޭޕްރީލް އަށް ވަނަ ދުވަހުން ފެށިގެން އޮތީ މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ