މެންދުރުފަހުން ފެށިގެން 24 ގަޑިއިރަށް މޫސުން ގޯސްވާނެ

މިއަދުގެ މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ. 
ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ވ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އެ ސަރަހައްދަށް މޫސުން އޮންނާނީ އެ ގޮތަށް ކަމަށް މެޓުން ލަފާކުރެ އެވެ. 
މެޓު އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 
އުތުރާއި މެދުރާއްޖެ ތެރެއަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، އާންމު ގޮތެއްގައި 10 މޭލާއި 20 މޭލާ ދެމެދުގައި އެ ސަރަހައްދަށް ވައި ޖެހުނު ނަމަވެސް ވިލާގަނޑުގައި 35 މޭލާއި 40 މޭލާ ދެމެދަށް ވައި ބާރުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 
އޮފިޝަލް ވިދާޅުވި ގޮތުގައި ވިލާގަނޑުގައި ކަނޑު ވެސް ގަދަވާނެ އެވެ. 
"ދެން އަވަސް އަވަހަށް ވިލާގަނޑު އަންނަންޏާ ކަނޑު ތަންކޮޅެއް ގިނައިރުވަންދެން ގަދަކޮށް އޮވެދާނެ. އެކަހަލަ ގޮތަކަށް މިއުޅެނީ. އެވްރެޖްކޮށް ވަރަށް ގަދައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. 
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު މި ދުވަސްވަރު އާންމު ގޮތެއްގައި ވެސް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އަދި ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ