ހައްޖުގެ އަޅުކަމަށް ދާން ޖެހިލުންވުމެއް ނެތް، ސައުދީން ބޭރުން 1.5 މިލިއަން މީހުން ޖަމާވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒުރޭލުން ފެށި ހަނގުރާމަ މި ވަގުތަށް ހުއްޓާލާފައި އޮތަސް އެ ބިރު ދުނިޔެއިން ފިލައިގެން ނުދެ އެވެ. އެކަމަކު މި އަހަރުގެ ހައްޖުގެ އަޅުކަމަށް  ދަތުރުކުރި މުސްލިމުންނަށް އެއީ ހުރަހަކަށް ނުވި އެވެ.
ސައުދީ އަރަަބިއްޔާގެ ރަސްމީ ފަރާތްތަކުން ބުނީ މި އަހަރު ބޭރު ގައުމުތަކުން ހައްޖަށް ދިޔަ މީހުންގެ އަދަދު 1.5 މިލިއަނަށް ވުރެ މަތި ކަމަށާއި މިއީ މިދިއަ އަހަރަށް ވުރެ ވެސް އިތުރު އަދަދެއް ކަމަށެވެ.
ހަނގުރާމައިގައި އީރާނުން ސައުދީ އާއި ޔުއޭއީ އަދި ގަތަރަށް ދިން ހަމަލާތަކާ އެކު އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއެރި އެވެ. ނަމަވެސް މެދުއިިރުމަތީގެ މައި އެއާލައިންތަކުން ކުރި މަސައްކަތާ އެކު ދަތުރުތަކަށް އަލުން ވަނީ ދިރުން ގެނެސްދީފަ އެވެ.
"ހައްޖުގެ އަޅުކަމަށް ސައުދީއަށް އައި މީހުން އަދަދު ވަނީ 1,518,153އަށް އަރާފައި،" ސައުދީގެ އިސް އޮފިޝަލަކު، އިއްޔެ ވިދާޅުވި އެވެ.
މި އަދަދު މިއަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މިދިއަ އަހަރު ސައުދީން ބޭރުން ހައްޖަށް ދިޔަ މީހުންގެ އަދަދު އުޅުނީ 1،506،576 ގަ އެވެ. ސައުދީ އަރަބިއްޔާއިން ހައްޖަށް ދިޔަ މީހުންނާ އެކު މިދިއަ އަހަރު 1.6 މިލިއަަން މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރި އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. މިހާރު ގިނަ ހައްޖުވެރިން ތިބީ މިނާގަ އެވެ. މިރޭ އަރަފާތު ބިމަށް މީހުން ޖަމާވާން ފަށާނެ އެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ފާޑެލް ބުނީ މެދު އިރުމަތީގެ ހަނގުރާމަ އާއި އެ ސަރަހައްދަށް ދަތުރުނުކުރަން އެމެރިކާއިން އެދިފައި އޮތަސް އޭނާގެ ހިތުގައި އެއްވެސް ބިރެއް ނެތް ކަމަށެވެ.
އެމެރިކާގެ ހާރިޖީ އޮފީހުން މިިދިއަ މަހު އެދުނީ އެމެރިކާގެ އެއްވެސް ރައްޔިތަކު މިފަހަރުގެ ހައްޖަށް ނުދިއުމަށެވެ.
"ހަނގުރާމަ ކުރިއަށް ދިޔަސް އަހަރެންގެ ނެތް ހައްޖަށް ނައުމުގެ ނިޔަތެއް،" ހަމައެކަނި ނަމުގެ އެއްބައި ބޭނުންކުރަން އެދި، އޭއެފްޕީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
"އަހަރެމެން މިތިބީ ދުނިޔޭގެ އެންމެ އަމާން ބިމުގައި ކަމާ މެދު ޝައްކެއް ނެތް،" ކީރިތި ގުރުއާނުގައި އަންގަވާފައި އޮތް ބައެއް ބަސްފުޅުތަކަށް އިޝާރަތްކޮށް އޭނާ ބުންޏެވެ.
1- މިނާ
ހައްޖު މަހުގެ 8 ވަނަ ދުވަސް
ހައްޖުވެރިން މިނާގެ ފޭލިގެތަކަށް ޖަމާވެ އެވެ. މިނާ އޮންނަނީ މައްކާއާ ގާތްގަނޑަކަށް 8 ކިލޯމީޓަރު ދުރުގަ އެވެ. 
2- އަރަފާތު
ހައްޖު މަހުގެ 9 ވަނަ ދުވަސް، ހައްޖު ދުވަސް
މިނާއާ ގާތްގަނޑަކަށް 14 ކިލޯމީޓަރު ދުރުގައި އޮންނަ އަރަފާތު ބިމަށް ހައްޖުވެރިން ދަތުރުކުރެ އެވެ. މުޅި ހައްޖު ދުވަސް ހޭދަކުރާނީ އަރަފާތު ބިމުގައި، އަޅުކަން ކުރުމާއި ދުއާކުރުމާއި ޤުރުއާން ކިޔެވުމުގަ އެވެ. އެނބުރި ދަތުރަށް ފަށާނީ އިރުއޮއްސުމުންނެވެ.
3- މުޒުދަލިފަ
ހައްޖު މަހުގެ 9 ވަނަ ދުވަހުގެ ރޭ
މިރޭ ހައްޖުވެރިން ރޭ ކުރާނީ މުޒުދަލިފާގަ އެވެ. މިއީ އަރަފާތު ބިމާއި މިނާއާ ދެމެދު އޮންނަ ސަރަހައްދެކެވެ. ޖަމްރާއަށް ހިލަ އުކަން ހިލަ ހޮވާނީ މުޒުދަލިފާއިންނެވެ.
4 - މިނާ
ހައްޖު މަހުގެ 10 ވަނަ ދުވަސް، އީދު ދުވަސް
ފަތިސްވުމާ އެކު ހައްޖުވެރިން މުޒުދަލިފާއިން ފައިބައިގެން މިނާއަށް ދާނެ އެވެ. މި ދުވަހު ހިލަ އުކާނީ ހަމައެކަނި ޖަމަރަތުލް އަގަބާއަށެވެ.
5 - މިނާ
ހައްޖު މަހުގެ 11 ،12 ،13، ހިލަ އުކުން
މިނާގައި ހުންނަ ތިން ޖަމްރާއަށް މި ތިން ދުވަހު ހިލަ އުކުން ކުރިއަށް ދާނެ އެވެ. ކޮންމެ ޖަމްރާއަކަށް އުކާނީ ހަތް ހިލަ އެވެ. އެހެންކަމުން އެއީ ޖުމްލަ 21 ހިލަކޮޅެވެ.
6 - އެނބުރި މައްކާއަށް
ހައްޖު މަހުގެ 13 ވަނަ ދުވަހު ހިލަ އުކާފައި ހައްޖުވެރިން މައްކާއަށް މިސްރާބު ޖަހަ އެވެ. މިއީ ހައްޖު ނިންމައި، މައްކާއިން ފުރަން ތައްޔާރުވުމެވެ. މައްކާއަށް އެނބުރި ގޮސް ކުރާ އެންމެ މުހިންމު އެއް ކަމަކީ ވަދާއީ ތޮވާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ