އެމްޑީޕީއާއެކު ސަރުކާރު މަޝްވަރާކުރާ ކަމަށް މައުމޫން ވިދާޅެއް ނުވޭ: ޕީޕީއެމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ހޯދޭނެ ގޮތަކާމެދު އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ ނޫސްވެރިންނަށް ވިދާޅުނުވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ހޯދޭނެ ގޮތަކާމެދު އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރައީސް މައުމޫނު އިންޑިއާގެ ނޫސްވެރިންނަށް ވިދާޅުވިކަމަށް ބުނެ އެމްޑީޕީން ރޭ ނެރުނު ބަޔާނެއް ދޮގުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިންޑީއާގެ ވެރިރަށް ނިއުދިއްލީގައި ދީނީ ތަގުރީރެއް ދެއްވުމަށްފަހު ބޭއްވި ސުވާލާއި ޖަވާބު ވަގުތުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެތާނގައި ތިބި ނޫސްވެރިން އެމަނިކުފާނާއި ސުވާލު ކުރެއްވި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމްކޯޓުން ބަލަމުންގެންދާ ކަމަށާއި ސުޕްރީމް ކޯޓުން ޖިނާއީ ކޯޓުގެ ހުކުމް ބާތިލް ނުކުރާނަމަ ޖިނާއީ ކޯޓުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ ހުކުމަށް ލުޔެއް ހޯދޭނެ ގޮތެއް އޮތްތޯ ބެލުމަށް ސަރުކާރާއެކު މަޝްވަރާކުރަން އެމްޑީޕީއަށް ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ.
"އެއްވެސް ހާލެއްގައި އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.
އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ދައުވަތަކަށް އިންޑިޔާގެ ނިއުދިއްލީ އަށް ވަޑައިގެން ރައީސް މައުމޫން ތަގުރީރުކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރޭ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ހޯދޭނެ ގޮތަކާ މެދު އެމްޑީޕީއާއެކު މަޝްވަރާކުރަމުންދާ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށާއި އެއީ އިތުރުފުޅެއް ކަމަށެވެ. އަދި އެމްޑީޕީން ސަރުކާރާއެކު މަޝްވަރާކުރަން އެއްބަސްނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ