އިންޑިއާއިން މި މަހު 3 ވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލުމުން ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށްޓަކައި، އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން މި މަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދު ބޮޑުކޮށްފި އެވެ.
ތެޔޮ ވިއްކާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވެރިރަށް ނިއުދިއްލީގައި ޕެޓްރޯލް ލިޓަރަކުން 0.87 ރޫޕީސް ބޮޑުވެ، މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 99.51 ރޫޕީސްގަ އެވެ. އަދި ޑީސަލް ލިޓަރަކުން 0.91 ރޫޕީސް ބޮޑުވެ، ޑީސަލް ލިޓަރެއްގެ އަގު ވަނީ 92.49 ރޫޕީސްއަށް އުފުލިފަ އެވެ.
މި ބަދަލާ އެކު މި މަހުގެ ތެރޭގައި ޖުމްލަ 5 ރޫޕީސްއާ ގާތްކުރާ މިންވަރަކަށް ތެލުގެ އަގު ވަނީ ބޮޑުވެފަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ގެނައި ބަދަލަކީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ތެލުގެ އަގަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ބޭނުންކުރާ އިންޑިއާއިން، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުނު ނަމަވެސް، ރީޓެއިލްކޮށް ތެޔޮ ވިއްކާ އަގު ބޮޑުކުރުން އޮތީ މަޑުޖައްސާލާފަ އެވެ.
އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ތެލުގެ އަގު ބޮޑުކުރުން ލަސްކުރީ ބައެއް ސްޓޭޓްތަކުގެ މުހިންމު އިންތިހާބުތައް ނިމެންދެނެވެ. ތެޔޮ ވިއްކާ ކުންފުނިތަކުން މިހާރު އަގުތައް ބޮޑުކުރަމުން ދަނީ 2022 ވަނަ އަހަރުގެ ބޮޑެތި އިންތިހާބުތަކަށް ފަހު ވެސް އަމަލުކުރި އުސޫލުން، މަޑުމަޑުން ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އަގުތަކަށް މި ބަދަލު ގެނައި ނަމަވެސް، ތެޔޮ ސާފުކުރާ ކުންފުނިތަކުން ބުނަނީ އަދިވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ބާރަތު ޕެޓްރޯލިއަމްގެ ޗެއާމަން ވިދާޅުވި ގޮތުގައި، އަދިވެސް ޑީސަލް ލިޓަރަކުން 25 އާއި 30 ރޫޕީސްއާ ދެމެދުގެ އަދަދަކުން އަދި ޕެޓްރޯލް ލިޓަރަކުން 10 އާއި 14 ރޫޕީސްއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏަށް ގެއްލުންވެ އެވެ.
އިންޑިއާގެ އޮއިލް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ތެޔޮ ސާފުކުރާ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. އިންޑިއަން އޮއިލް ކޯޕަރޭޝަނާއި ބާރަތު ޕެޓްރޯލިއަމް އަދި ހިންދުސްތާން ޕެޓްރޯލިއަމް ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ގައުމުގެ %90އަށް ވުރެ ގިނަ ތެޔޮ ސްޓޭޝަންތައް ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ