އިންގްލިޝް ޕްރިމިއަރ ލީގުގެ ނޮޓިންގހަމް ފޮރެސްޓަށް ކުޅެމުންދިޔަ އެލިއަޓް އެންޑަރސަން ރިކޯޑް ޓްރާންސްފަރއެއްގެ ދަށުން އެލީގުގެ މެންޗެސްޓަރ ސިޓީއާއި ގުޅީއްޖެއެވެ.
މިޓްރާންސްފަރގެ މާލީ ތަފްސީލް ދެޓީމުން ކުރެ އެއްވެސް ޓީމަކުން އާންމު ކޮށްފައި ނުވި ނަމަވެސް އިނގިރޭސި މީޑިއާތަކުން ބުނާގޮތުގައި މިވިޔަފާރީގެ އަގު 116 މިލިއަން ޕައުންޑް ނުވަތަ 153 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އެހެން ވެއްޖެނަމަ މިވެގެންދާނީ މިހާތަނަށް އިނގިރޭސި ކުޅުންތެރިޔަކަށް ހެދިގެންދިޔަ އެންމެ އަގުބޮޑު ޓްރާންސްފަރ އަށެވެ. މީގެކުރިން މިރިކޯޑް އޮންނަނީ ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުންދިޔަ ޖޫޑް ބެލިންގހަމް ސްޕެނިޝް ލަލީގާގެ ރެއާލް މެދްރިޑަށް ގެންދިއުމަށްޓަކައި ހެދި 115 މިލިއަން ޕައުންޑްގެ ޓްރާންސްފަރއެވެ.
މީގެއިތުރުން މިވިޔަފާރި ވެގެންގޮސްފައިވަނީ ސިޓީއިންވެސް މިހާތަނަށް ހެދި އެންމެ އަގުބޮޑު ޓްރާންސްފަރއަށެވެ. މީގެކުރިން އެޓީމުން އެންމެ އަގުބޮޑުކޮށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރު އެސްޓަންވިލާއަށް ކުޅެމުންދިޔަ ޖެކް ގްރީލިޝްއެވެ. އެއީ 100 މިލިއަން ޕައުންޑްގެ ވިޔަފާރިއެކެވެ.
ނިއުކާސްލް ޔުނައިޓެޑްގެ އެކަޑަމީއިން ފުޓްބޯޅަ ކުޅުމުގެ ތެރެއަށް އައިސްފައިވާ އެންޑަރސަން ފޮރެސްޓާއި ގުޅިފައިވަނީ 2024 ވަނަ އަހަރު 35 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިހާތަނަށް އޭނާވަނީ ފޮރެސްޓަށް 92 މެޗު ކުޅެދީ 6 ލަނޑު ޖަހާ 11 އެސިސްޓް ކޮށްފައެވެ.
އޭނާވަނީ ނިމިދިޔަ ސީޒަންގައި ފޮރެސްޓްގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކާ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލަންޑް ޓީމުންވެސް ޖާގަ ހޯދައިފައެވެ.
އެންޑަރސަން ސިޓީ އާއި ގުޅިފައިވާއިރު އެޓީމުގައި މިހާރުވެސް މެދުތެރެއަށް ކުޅޭ ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި ރޮޑްރީ، ނީކޯ ގޮންޒާލޭސް، މަޓިއޯ ކޮވަސިޗް، ޓިޖާނީ ރެއިންޑަރސް، މެތިއުސް ނޫނޭޒް، ރަޔަން ޗާކީ އަދި ފިލް ފޯޑެން ހިމެނެއެވެ. ނަމަވެސް އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ ޓީމުގެ ކެޕްޓަން ބެނާޑޯ ސިލްވަރވަނީ ނިމިދިޔަ ސީޒަނާއިއެކު އެޓީމު ދޫކޮށް ގޮސްފައެވެ.
ނިމިދިޔަ ސީޒަންގައި އާސެނަލްގެ ފަހަތުން ޕްރިމިއަރ ލީގުގެ ދެވަނަ ހޯދި ސިޓީއިން އާ ސީޒަން ފަށާނީ އެޓީމުގެ ބެންޗުގައި ކާމިޔާބު 10 އަހަރު ހޭދަކުރި ކޯޗު ޕެޕް ގާޑިއޯލާގެ ބަދަލުގައި އާކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުންނެވެ.
އެންޑަރސަން ސިޓީއަަށް: އިނގިރޭސިވިލާތުގެ އެންމެ އަގުބޮޑު ޓްރާންސްފަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ