ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސަރަހައްދީ އިސްތިގުލާލު ދަމަހައްޓަން އެހީތެރިވެދޭނެކަމުގެ ޔަގީންކަން ޗައިނާއިން ދީފި އެވެ.
ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދިނީ ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
ޗައިނާ ސަރުކާރުގެ ތަރުޖަމާނު މާއޯ ނިންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރަށްފަހު ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ.
"ރައީސް މުއިއްޒުގެ ދަތުރަށްފަހު، ދެ ގައުމުގެ ދޭތެރޭގައި ގާއިމް ކުރަން މަސައްކަތް ކުރާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަސައްކަތަށް ވަނީ ފާހަގަ ކުރެވޭ ކުރިއެރުމެއް ލިބިފައި. އަދި ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ ކޮންޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން ގުޅުން ވަނީ އިތުރަށް ރަނގަޅުވެފައި،" ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު މުއިއްޒު ޗައިނާއަށް ވަޑައިގަތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މުއިއްޒުގެ ދަތުރުގައި އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާ ގާތް ކުރުމަށްފަހު އިންޑިއާއާ ފެއަށް ދިޔުމަށެވެ. ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވެރި ރަށް މާލެއަށް ވަޑައިގެން، އިންޑިއާއާ ދުރަށްޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.
އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ޗައިނާއާއެކު އޮތް ގުޅުން ވަރުގަދައެއް ނުވި އެވެ. ޗައިނާއިން ހޯދަން ބޭނުންވި އެހީތަކެއް ވެސް އެއިރު ހަމަޖެހިފައެއްނުވެ އެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު މުއިއްޒު ދެން ބެއްލެވީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށެވެ. ގުޅުން ބަދަހި ކުރުމަށްޓަކައި އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވެސް ވަޑައިގަތެވެ. އަދި ގުޅުން ބަދަހި ކުރުމުގެ އެގްރިމެންޓެއްގައި ވެސް އެ ދަތުރުގައި މުއިއްޒު ސޮއި ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ