ފައިނަލެއްގައި ދީމާ ބަލިކުރުމުގެ ޓާގެޓް ރަފާ އަށް ހާސިލްވެއްޖެ ފައިނަލެއްގައި ދީމާ ބަލިކުރުމުގެ ޓާގެޓް ރަފާ އަށް ހާސިލްވެއްޖެ

މި ފަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދިއިރު، ގައުމީ ޓީޓީ ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމް، ފައިނަލެއްގައި ފާތިމަތު ދީމާ އަލީ ބަލިކުރުމުގެ ޓާގެޓް ހާސިލްކޮށްފި އެވެ.
މީގެ ކުރިން، އެންމެ ފަހުން، ފަސް އަހަރު ވެސް ދީމާ ގައުމީ ތަށި އުފުލާލީ ފައިނަލުގައި ރަފާގެ މައްޗަށް ކުރިހޯދައިގެންނެވެ. އެކަމަކު، ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި މިއަދު ކުރިއަށްދިޔަ ފައިނަލުގައި، ދީމާގެ މައްޗަށް ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. ރަފާގެ ފަރާތުން ތަފާތު ރޫހެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ، 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މި މެޗުގެ އެކި ސެޓުތަކުގައި ދީމާ ހިތްވަރުކޮށް މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރި ނަމަވެސް ރަފާ ވަނީ ހިތްވަރު ދައްކައި މޮޅު ކުޅުމަކާ އެކު މި ކާމިޔާބީ ހޯދައިފަ އެވެ.
މިއީ، ރަފާ، ގައުމީ ތަށި ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ރަފާ ވަނީ 2017 އާއި 2018 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިނގިރޭސިވިލާތުގައި އެމްބީބީއެސް ކިޔަވަމުން އަންނަ ރަފާ، ބްރޭކުގައި ޓީޓީ ޕްރެކްޓިސް ކުރަމުން އައިސް ރަނގަޅު ލެވަލެއްގައި ކުޅެ، އަލުން މި ވަނީ ގައުމީ ތަށި ހޯދައިފަ އެވެ.
"ވަރަށް ރަނގަޅު، ވަރަށް ގުޑް ފޯމްގައި ހުރީ މިއަދު މެޗު ކުޅުނުއިރު، ދެން، އަނެއް، މިހާރު ކިޔަވަންށާ އެކީގައި (ޔޫކޭގައި) އުޅެނީ، ސޯ އެ ތާގައި ލެވަލް ކޮންސިސްޓެންޓްކޮށް، ހިފެހެއްޓޭތޯ ރަފާ މަަސައްކަތްކުރަނީ ދެން، ވަރަށް ބޮޑު ގޯލް އެއް. އަސްލު ރަފާގެ ގޯލް އެއް އެއީ ދީމާ ބަލިކުރުމަކީ ފައިނަލެއްގައި. ވަރަށް އުފާވެއްޖެ މި ފަހަރު އެކަން ކުރެވުނީމަ،" ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ރަފާ ބުންޏެވެ.
"ދެން، އަސްލު، އަނެއްހެން ޓެކްނީކް އަށް ވޯކް ކުރުމުގެ ބަދަލުގައި އިންނަނީ މެންޓަލީ މެޗަށް ޕްރެޕެއާވާން. މި ފަހަރު ހަމަ މެންޓަލީ ވަރަށް ރަނގަޅަށް ޕްރެޕެއާ ވެވުން ހަަމަ. އެހެން މެޗުތައް މަތިން ހަނދާންކޮށް އެ އެއްޗެހި އެނަަލައިޒްކޮށް ވަރަށް ރަނގަޅަށް މި ފަހަރު ކުޅެވުނު. ވަރަށް ގުޑް ރިޒަލްޓަކާ އެކު މި ނިންމާލެވުނީ،"
ރަފާ މި ވަނީ ގައުމީ ޗެމްޕިއަންކަން ހޯދަމުން އައި ދެ ކުޅުންތެރިއެއްގެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ. މީގެ ކުރިން،، 2017 ވަނަ އަހަރު ރަފާ، ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން 13 އަހަރު އެ މުބާރާތް ކާމިޔާބުކުރި މުއީނާ މުހައްމަދުގެ ރެކޯޑް ނިމުމަކަށް ގެނެސްފަ އެވެ. މި ފަހަރު ރަފާ މި ވަނީ ދީމާގެ ރެކޯޑް ކުރިއަށްގެންދިޔަ ނުދީ ކާމިޔާބު ހޯދައިފަ އެވެ.
"ރަފާގެ އަބަދުވެސް ޓާގެޓަކީ ބައިނަލްއަގުވާމީ މުބާރާތްތަކުން ގިނަ ވަނަތައް ރާއްޖެ އަށް ހޯދައިދިނުން. ދެން މިހާރުގެ ލެވަލް އަށް ވުރެ މަތީ ލެވަލް އަކަށް ދެވޭތޯ މަސައްކަތް ކުރާނީ. ރާއްޖޭގެ ޓީޓީ، ބައިނަލްއަގުވާމީ ފެންވަރުގައި ފެނޭތޯ (ކާމިޔާބު ހޯދައިގެން ކުރިއަށްދިއުން) ރަފާގެ އުންމީދަކީ،" ކުރިމަގާ މެދު ދެކޭގޮތާ ބެހޭގޮތުން ރަފާ ބުންޏެވެ.
މި ފަހަރުގެ ގައުމި މުބާރާތުގައި، ރަފާ ވަނީ މިކްސް ޑަބަލްސް ބައިން މޫސާ މުންސިފް އަހުމަދުއާ އެއް ޕެއާ އަކަށް ކުޅެ، ރަން މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ރަފާ އާއި މިންހާ މަހުޖޫބު ސުޖާއުގެ ޕެއާ އަށް ލިބުނީ ރިހި މެޑަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ