ޕާކިސްތާނަށް ކުރި ވިއްސާރައިގައި ދެ މިލިއަން މީހުންނަށް އަސަރުކޮށްފި
ޕާކިސްތާނަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުތަކަކަށް ފެންބޮޑުވުމާ ގުޅިގެން ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ގައުމުގެ އިރުމަތީގައި އޮތް ޕަންޖާބް ޕުރޮވިންސަށެވެ. މިއީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާއެވެ. ޕަންޖާބްގައި ފެންބޮޑުވެފައި ވަނީ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން، އިންޑިޔާގައި ގާއިމު ކޮށްފައިވާ ޑޭމްތަކަށް ޖަމާވެ، ބޮޑުވެފައިވާ ފެންގަނޑު ދޫކޮށްލުމާ ގުޅިގެންނެވެ. ޕަންޖާބުގެ އިރުމަތީ ސަރަހައްދުގެ ރައްޔިތުންނަށް ވެސް ވަނީ އާދަޔާ ހިލާފަށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންވެފައެވެ. "މިއީ ޕަންޖާބުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާ. އެކަމުގެ އަސަރު ދެ މިލިއަން މީހުންނަށް ކޮށްފި. މިއީ ތިން ކޯރު، ސުޓްލޭޖް، ޗެނަބް، އަދި ރަވީގެ ފެންގަނޑު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރު،" ޕަންޖާބު ސަރަހައްދުގެ އިސް މިނިސްޓަރު މަރިޔަމް އޯރަންގްޒޭބް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. ކަމާބެހޭ އިދާރާތަކުން އަންނަނީ ފެންބޮޑުވާ ސަރަހައްދުންތަކުން މީހުން ނެރެ، ސްކޫލްތަކާއި، ފުލުހުންނާއި ސަލާމަތީ ވަސީލަތްތައް ރެސްކިއު ކޭމްޕްގެ ގޮތުގައި ބޭނުން ކުރަމުން ކަމަށް ވެސް މަރިޔަމް ވިދާޅުވިއެވެ. ބޯޑަރު ހުރަސްކޮށް ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް އިންޑިއާއިން މިދިޔަ ހަފްތާ ވަނީ ޕާކިސްތާނަށް މައުލޫމާތު ދީފައެވެ. މިއީ މެއި މަހު ދެ ގައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ދެ ގައުމުގެ ދެމެދު ހިނގި ފުރަތަމަ ޑިޕްލޮމެޓިކް ގުޅުމެވެ. ޕާކިސްތާންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ޕަންޖާބާއި، އެ ޕުރޮވިންސް ވަށައިގެންވާ ސަރަހައްދުތަކުގައެވެ. އަދި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ގޮދަނާއި ހަނޑުލުގެ ދަނޑުވެރިކަން ކުރާ ސަރަހައްދެކެވެ. އެ ޕުރޮވިންސުގެ ތެރެއިން ދެމޭ މައި ތިން ކޯރު ކަމުގައިވާ ޖަނާބާއި ސަތުލަޖް އަދި ރާވީއަކީ އެ ސަރަހައްދުގެ ދަނޑުވެރިކަމުގެ ސިނާއަތަށް މުހިންމު ތިން ކޯރެކެވެ. ނަމަވެސް، ކޯރުތަކުގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުން ގޮދަނާއި ހަނޑޫ އަދި ކަފަ ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދެހާސް ބާވީސްވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ވެސް ގައުމުގެ އިރުމައްޗާއި ދެކުނުގެ ދަނޑުތައް ހަލާކުވެ، އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ވަރަށް ކުރިމަތިވިއެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން ޕާކިސްތާންގެ އިތުރުން އިންޑިޔާގެ ގިނަ ސަރަހައްދުތަކެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އިންޑިޔާގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ގައުމުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރްގެ ސަރަހައްދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ