އިންޑޮނޭޝިއާގެ މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލަން އެއްބަސްވެއްޖެ
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީސް މެންބަރުންނަށް ދޭ ބޮޑެތި އިނާޔަތްތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ އިނާޔަތްތަށް ކަނޑާލަން ސިޔާސީ ޕާޓީތަކުން އެއްބަވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވެއްޖެއެވެ. މަޖިލިސް މެމްބަރުންނަށް މުސާރައާ އެކު ދޭ ބޯހިޔާވަހިކަމުގެ އިނާޔަތްތައް މާ ބޮޑު ކަމަށް ބުނެ މުޒާހަރާކުރަން ފެށީ މިދިޔަ ހަފުތާގައެވެ. ބުރާސްފަތި ދުވަހާ ހަމައަށް މުޒާހަރާ ވަރުގަދަވެ، ހަ މީހުން ވަނީ މަރުވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުންގެ ގެދޮރަށް ހަމަލާދީ އަލިފާން ވެސް ރޯކޮށްފައެވެ. "މަޖިލީހުގައި ތިބި ލީޑަރުން ވަނީ މަޖިލީހުގެ ގިނަ ސިޔާސަތުތަކެއް ބާތިލުކުރާނެ ކަމަށް ވިދާޅުވެފައި، އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތަކާއި ގައުމުން ބޭރަށް ކުރާ މަސައްކަތު ދަތުރުތައް މަޑުޖައްސާލުން ހިމެނޭ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުބިއަންޓޯ ވިދާޅުވިއެވެ. ސުބިއަންޓޯ ވިދާޅުވީ، މުޒާހަރާތައް ކުރިއަށް ގެންދަން ޖެހޭނީ ސުލްހަވެރިކަމާ އެކު ކަމަށާއި އާންމު ވަސީލަތްތައް ހަލާކުކޮށް ނުވަތަ ގެދޮރަށް ހަމަލާދޭނަމަ، ރައްޔިތުން ހިމާޔަތްކުރަން ދައުލަތުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި، ހަމަނުޖެހުން ހިންގާ މީހުންނާއި ލޫޓުވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އަސްކަރިއްޔާއާއި ފުލުހުންނަށް އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވެރިރަށް ޖަކާޓާގައި މުޒާހަރާ ކުރަންފެށީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މަހަކު 50 މިލިއަން ރުޕީއާ (3،075 ޑޮލަރު) ގެ ހައުސިން އެލަވަންސެއް ރައްޔިތުންގެ މަޖިލީހުގެ 580 މެންބަރުންނަށް ލިބޭ ކަމަށް ދާދި ފަހުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެ ގައުމުގެ ގިނަ ރައްޔިތުން އިގުތިސާދީ ދަތިކަމުގެ ތެރޭގައި އުޅެމުން އަންނައިރު މަޖިލީސް މެންބަރުންނަށް އެ އިނާޔަތް ދިނުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. މެންބަރުންނަށް ދޭ ހައުސިން އެލަވަންސަކީ އެ ގައުމުގެ ފަގީރު ސަރަހައްދުތަކުގައި އާންމު ރައްޔިތަކަށް މަހަކު ލިބޭ މުސާރައިގެ ގާތްގަޑަކަށް 20 ގުނަ އިތުރު އަދަދެކެވެ. އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޖިލިސް މެންބަރުންނަށް މަހަކު 100 މިލިއަން ރުޕީއާ (6،150 އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު މުސާރައެއް ދީފައިވާއިރު، އޭގެ ތެރޭގައި ބޮޑު ބޯހިޔާވަހިކަމުގެ އެލަވަންސެއް ވެސް ހިމެނެއެވެ. އިންޑޮނޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގުތިސާދު ކަމަށްވާއިރު، އެ މުސާރަކީ އެ ގައުމުގެ އެވްރެޖް އާމްދަނީ ކަމަށްވާ 3.1 މިލިއަން ރުޕީއާއަށް ވުރެ މާ މަތީ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ