ގިނަގިނައިން އާލް އިމްރާން ސޫރަތް ކިޔެވުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ފައިދާކުރާނެ ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ
 
އާލް ޢިމްރާން ސޫރަތަކީ މަދަނީ ސޫރަތެކެވެ. 200 އާޔަތް މި ސޫރަތުގައި ވެއެވެ. މުސްހަފުގައި ސޫރަތްތަކުގެ ތަރްތީބަށް ބަލާއިރު އެއީ 3 ވަނަ ސޫރަތެވެ. އެއީ ޤުރުއާނުގައި އެންމެ ދިގު ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. އާލް ޢިމްރާން ސޫރަތް ބާވައިލެއްވުނީ އަންފާލް ސޫރަތް ބާވައިލެއްވުމަށް ފަހުގައެވެ. މި ސޫރަތް ފައްޓަވާފައިވަނީ 'الم' މިފަދައިންނެވެ. 
އާލް ޢިމްރާން ސޫރަތައް މިނަން ދެވުނު ސަބަބު 
އާލް ޢިމްރާން ސޫރަތައް މިނަން ދެވުނު ސަބަބަކީ ޢިމްރާންގެފާނާ އެކަލޭގެފާނުގެ އަހްލުންގެ ވާހަކަ މި ސޫރަތުގައި ބަޔާން ކުރައްވާފައިވާތީއެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެ ސޫރަތައް ނަން ދެއްވަން ޞަޙާބީންނަށް އިޝާރާތް ކުރެއްވިއެވެ. 
ފާހަގަކޮށްލަންޖެހޭ ކަމަކީ ޤުރުއާނުގެ ބައެއް ސޫރަތްތަކަށް ނަން ދެއްވަނީ އެ ސޫރަތުގައި ހިމެނޭ ވާހަކަތަކާއި ޙާދިސާތަކަށް ރިޢާޔަތްކޮށެވެ. އެގޮތުން ސޫރަތުލް ބަޤަރާއަށް ބަލާލާއިރު އެ ސޫރަތުގައި ގެރީގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ބަގަރާ މިނަން ދެވުނެވެ. މީގެ އިތުރުން ޢިމްރާން އަކީ މަރްޔަމްގެފާނުގެ ބައްޕާފުޅެވެ. މަރްޔަމްގެފާނަކީ ޢީސާ ޢަލައިހިއްސަލާމްގެ މަންމާފުޅެވެ. އާލް ޢިމްރާން ސޫރަތުގައި ﷲ ތައާލާގެ ގުދްރަތް ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން މަރްޔަމްގެފާނު ފިރިހެނަކާ ނުލައި އާލާސްވެއިންނެވުމުގެ ގުދްރަތް ﷲ ތަޢާލާ އަށް ލިބިގެންވާކަން ބަޔާންކުރައްވާފައިވެއެވެ. އަދި ޢީސާ ޢަލައިހިއްސަލާމްގެ ވާހަކަވެސް ބަޔާންކޮށްދެއްވާފައިވެއެވެ. އާލް ޢިމްރާން ސޫރަތައް ދެވިފައިވާ އެހެން ނަންނަމުގެ ތެރޭގައި އައްޒަހްރާ ހިމެނެއެވެ. 
ސޫރަތް ބާވައިލެއްވުނު ސަބަބު: 
ވާހިދީ އެކަލޭގެފާނުގެ މި ސޫރަތުގެ އަސްބާބު ނުޒޫލް(ސޫރަތް ބާވައިލެއްވުނު ސަބަބު) ބަޔާން ކުރައްވަމުން ވިދާޅުވެފައިވެއެވެ. އާލް ޢިމްރާން ސޫރަތުގެ 84 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ ‎﴿٨٤﴾‏ 
މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّه އަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް إيمان ވެއްޖައީމުއެވެ. އަދި، إبراهيم ގެފާނާއި، إسماعيل ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسى ގެފާނާއި، عيسى ގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ. (84)"
އެއީ ހިޖުރަކުރި ދެވަނަ އަހަރުގައި ނަޖުރާން ޤަބީލާގެ ވަފުދުގެ ސަބަބުން ބާވައިލެއްވި ސޫރަތެއް ކަމަށެވެ. ނަމަވެސް އެހެން ޢިލްމުވެރިން ވިދާޅުވެފައިވަނީ ހިޖުރަކުރުމުގެ ތިންވަނަ އަހަރުގެ ޝައްވާލު މަހު އުހުދު ހަނގުރާމައިގެ ސަބަބުން ސޫރަތުލް ޢިމްރާން، ސޫރަތުލް އަންފާލަށްފަހު ބާވައިލެއްވީ ކަމަށެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރީން އާލް ޢިމްރާން ސޫރަތުގެ 121 ވަަނަ އާޔަތަށް ބުރަވެވަޑައިގަންނަވައެވެ. 
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ‎﴿١٢١﴾‏ 
މާނައީ: "(أُحد ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركز ތަކަށް مؤمن ން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهل ވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (121)" 
މީގެ އިތުރުން އާލް ޢިމްރާން ސޫރަތުގެ 144 ވަނަ އާޔަތްވެސް ނަންގަވައެވެ. 
(وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ)
މާނައީ: "رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ." މި އާޔަތްތަކުން ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އުހުދު ހަނގުރާމަ ތެރޭގައި ބާވައިލެއްވުނު ކަމަށެވެ. ނަމަވެސް އިމާމް ގުރްތުބީ ވިދާޅުވަނީ އާލް ޢިމްރާން ސޫރަތުގެ ފުރަތަމަ އާޔަތް ބާވައިލެއްވުނީ ނަޖުރާން ޤަބީލާގެ ވަފުދުގެ ސަބަބުން ކަމަށެވެ. އެކަމަށް ދަލީލު ނަންގަވަނީ އާލް ޢިމްރާން ސޫރަތުގެ 121 ވަަނަ އާޔަތެވެ. 
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ‎﴿١٢١﴾‏ 
މާނައީ: "(أُحد ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركز ތަކަށް مؤمن ން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهل ވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (121)" 
އާލް ޢިމްރާން ސޫރަތުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ޙަދީޘެއް
اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه، اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ؛ فإنَّهما يأتيانِ يَومَ القيامةِ كأنَّهما غَمامَتانِ أو غَيايَتانِ أو فِرقانِ من طَيرٍ صَوافَّ تُحاجَّانِ عن صاحِبِهما، اقْرَؤُوا البَقَرةَ؛ فإنَّ أخذَها بَرَكةٌ، وتَرْكَها حَسرَةٌ، ولا تَستطيعُها البَطَلَةُ.
https://www.dorar.net/hadith/sharh/75534 
މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ. އަދި ތިޔަބައިމީހުން ޒަހްރަވާއިން (މާނައީ: ދެނޫރު) ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެ ވިލާގަނޑު ފަދައިން ނުވަތަ ދެ ހިޔާވެއްސެއް ފަދައިން ނުވަތަ ފިޔަތައް ފަތުރާލައިގެންވާ ދޫނީގެ ދެ ޖަމާޢަތެއް ފަދައިން، އޭގެ އަހުލުވެރިން ދިފާޢުކުރަމުން އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލްގެ އަހުލުވެރީންނަށް (އެސޫރަތުގެ އާޔަތްތައް ކިޔަވާ، އެއާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރުމަށް) ކުޅަދާނަކަމެއް ނުވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ