އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް އިސްތިއުފާދެއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ފަޔާޒް އެ މަގާމަށް އައްޔަންކުރީ، މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ޑިސެމްބަރުގައި ވަޑައިގެންނެވުމަށް ފަހު، މިދިޔަ ޖެނުއަރީގަ އެވެ.
ނަމަވެސް، ފަޔާޒް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ތަފްސީލް - މައުރޫފް އިއްޔެ މަގާމުން އިސްތިއުފާ ދެއްވީ، އަންނަ މަހު 18ގައި އޭނާ ރިޓަޔާކުރައްވާނެކަން ކުރިން އިއުލާންކުރައްވާފައި ވަނިކޮށެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މައުރޫފް އިސްތިއުފާ ދެއްވީ އެ ގޮތަށް އަމަލުކުރަން ޕީސީބީން އެންގުމުންނެވެ.
މައުރޫފްގެ އިސްތިއުފާ ދެއްވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ.
ފާހަގަ ކުރެވޭ - މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ