މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ކުށުގެ ތުހުމަތުތަކުގެ ދައުވާތަކާ އެކު ރާއްޖޭން ބޭރުގައި ފިއްލަވައިގެން ގިނަ ދުވަސްތަކަކަށް އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތުމުން އޭނާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލެ ވަޑައިގެންނެވި އަލީ ވަހީދާ، ގާސިމް މިއަދު ވަނީ އޭނާގެ އުފަން ރަށް ކ. މާމިގިލީގައި ބައްދަލުކުރައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީން އާއްމުކުރި ވީޑިއޯއެއްގައި، އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދާ އެކު މާމިގިލީ އެއާޕޯޓުގައި ހުންނަވައި ވާހަކަދައްކަވަމުން ގާސިމް އަލީ ވަހީދަށް ތައުރީފް ކުރައްވައި ގިނަ ނަސޭހަތްތަކެއް ވެސް ދެއްވި އެވެ.
"އަޅުގަނޑު އަލީ ވަހީދަށް ދަންނަވަން އޮތީ ޅަ އުމުރުގައި ތި ކަހަލަ ކަންކަމާ ދިމާވާނޭ. އަދި ފަހުން ވެސް ދިމާވާނޭ،" ގާސިމް ވިދާޅުވި އެވެ.
"ދުނިޔޭގެ ހަޔާތަކީ އަޕް އެންޑް ޑައުން، ކާޅުއޮތްދުޅަ [ތޮށަލި ދުޅަ]އަށޭ މީހުން ބުނާނެ. ދުނިޔޭގެ ހަޔާތުގައި އިންސާނާ ދަތުރުކުރާނެ އެއް ވަތް މަތިން އަނެއް ވަތް ދަށުން."
އަލީ ވަހީދުގެ ތަޖުރިބާ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ކުރިމަތިވާ ކަންކަމާ މެދު ނާއުއްމީދުވެގެން، މީހާގެ ހަޔާތް ބަރުބާދުވެ، މާޔޫސް ވެގެން ދިޔުމަކީ ވެގެން ވާނެ ގޮތް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ކަންކަމުގައި އަބަދުވެސް ދާން ޖެހޭނީ ކުރިއަށެވެ.
"ވިޔާނުދާ ކަމެއް ވެއްޖެ ނަމަ، ތައުބާވެ އިސްތިޣްފާރުކުރާނީ. ރަނގަޅު ކަންކަމުގައި ދާންވާނީ އަބަދުވެސް ކުރިއަށް،" ގާސިމް ވިދާޅުވި އެވެ.
އަލީ ވަހީދުގެ މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން އޭނާ ވިދާޅުވީ:
ކޮވިޑްގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތްކުރި އެއް މިނިސްޓަރަކީ އަލީ ވަހީދު ކަމަށް
އޭނާއަކީ ވަރަށް ވިސްނުންތެރި، ކަންކަން ބަރާބަރަށް ކުރެވޭ، ވަރަށް ހަރަކާތްތެރި، މުރާލި ބޭފުޅެއް ކަމަށާއި އެއީ މާގިނަ މީހުންގެ ކިބައިގައި ހުންނަ ސިފައެއް ނޫން ކަމަށް ވިދާޅުވި
އެފަދަ މީހުން ކައިރީގައި ހަސަދަވެރިން ގިނަވާނެ ކަމަށާއި އަލީ ވަހީދަށް ވެސް ކުރިމަތިވީ، ހަސަދަވެރިންގެ "އެތިފަހަރެއް" ކަމަށް ވިދާޅުވި
ގާސިމް އަރިހުގައި ހުންނަވައި އަލީ ވަހީދު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން އޭނާގެ އެންމެ ބޮޑު މަދަދުގާރަކީ ގާސިމެވެ. އެގޮތުން އެންމެ ޒުވާން މެމްބަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އިރު ވެސް އަދި އުމުރުން 40 އަހަރު ނުވަނީސް މިނިސްޓަރުކަން ލިބިވަޑައިގަތުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް ވަރަށް ގާތް ރަހުމަތްތެރިން. ... މި އުފާވެރިކަން ލިބުމުން ވެސްް އެންމެ ފުރަތަމަ މަރުހަބާ ކިޔުއްވީ ވެސް ގާސިމް،" އަލީ ވަހީދު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ. ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާ އެކު އޭނާ ވަނީ ފެބްރުއަރީ 2021ގައި ފުރާވަޑައިގެން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
އަލީ ވަހީދު ފުރައިގެން ދިއުމުން ޝަރީއަތް ކުރިއަށް ނުގެންދެވި ދެ އަހަރު ދިގުލައިގެން ގޮސްފައި ވަނިކޮށް، ހެކި ނެތް ކަމަށް ބުނެ، ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައެޅިކަން މިދިޔަ މަހު 14ގައި ޕީޖީ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
އެ އޮފީހުން ބުނިގޮތުގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން މައްސަލަ މުރާޖައާކުރި އެވެ. އަދި އެ މީހުންގެ ހެކިބަހާ ނުލައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ މަގެއް ނެތް ކަމަށާއި އެހެންވެ، މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ މަހުގެ 6ގައި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުނުކުރެވިގެން ކޯޓުން އޮތީ 22 ސެޕްޓެމްބަރު 2022ގައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފަ އެވެ.
ގާސިމް އަލީ ވަހީދަށް: 'ޅަ އުމުރުގައި ތި ކަހަލަ ކަންކަން ދިމާވާނެ، މާޔޫސްވާނެ ކަމެއް ނެތް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ