ކަރަންޓް ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ

ހުޅުމާލެއިން ރޭ ކަރަންޓް ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ރޭ 10:45 ހާއިރު ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.
''ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން.'' ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި މައްސަލަ ދިމާވުމުން ކުރިމަސައްކަތުގެ ފަހުގެ މައުލޫމާތު ދެމުން ރޭ 12:11 ހާއިރު ސްޓެލްކޯ އިން ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ