ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެޤައުމެއްގެ ޒުވާނުންނެވެ. އެހެންކަމުން ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދެވޭކަން ކަށަވަރުކުރުމަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އެންމެ މުހިއްމު އިންވެސްޓްމެންޓެވެ.
މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހާއި ކުރިމަތިލީއިރު ރާއްޖޭގެ ޒުވާން އާބާދީ މިވަނީ ދަށްވާން ވަނީ ފަށާފައެވެ. 2022ވަނަ އަހަރު ނެރެފައިވާ ކުރިއަށްއޮތް 50 އަހަރަށް އާބާދީއަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކުގެ ޕްރޮޖެކްޝަން ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އާބާދީ އިތުރުވުންވަނީ މަޑުޖެހެން ފަށާފައެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމުގެ ސަބަބުން އާބާދީއަށް އޭގެ ބޮޑު އަސަރެއް ކުރާނެކަމަށް ތަފާސްހިސާބާ ބެހޭ ޤައުމީ މަރުކަޒުން ނެރެފައިވާ ރިޕޯޓުތަކުން ހާމަވެއެވެ. މިއީ ސީދާ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ މައްސަލައެކެވެ.
ތަފާސްހިސަބުތައް ދައްކާގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ އާބާދީ އެންމެ ރަނގަޅަށް ހުރިކަމަށް ދައްކަނީ 1995 ހިސާބުގައެވެ. އޭރު އެވްރެޖްކޮށް އަންހެނަކު 6.4 ކުދިން ވިހާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިނިސްބަތް ދަށްވަމުން އައިސް ކޮންމެ އަންހެނަކު ވިހާ ނިސްބަތް 1.7 އަށްވަނީ 2022ވަނަ އަހަރު ދަށްވެފައެވެ.
މިއާއެކު ރާއްޖޭގައި މިހާރު އޮތް ޒުވާން މަސައްކަތްކުރާ އާބާދީ ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި މުސްކުޅިވުމުން، ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ކުޑަވާނެކަމަށްވަނީ އަންދާޒާކުރެވިފައެވެ. އެއާއެކު ރާއްޖެއަށް ބޭނުންވާ ވަޒީފާތަކަށް ރާއްޖެއިން ބޭރުން މީހުން ގެންނަންޖެހޭ ނިސްބަތް މިހާރަށްވުރެ އިތުރުވާނެއެވެ. އިޤްތިޞާދީ އިތުރު މައްސަލަތަކަށް މިއާއެކު ޤައުމު ހުށައެޅިގެންދާނެއެވެ.
ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސަރުކާރުންވަނީ މީގެ އަހަރެއް ކުރިންވެސް ފާހަގަކުރައްވާފައެވެ. އަދި އާބާދީ މަދުވާން މެދުވެރިވާ މައިގަނޑު މައްސަލައެއްކަމަށް އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމަކީ އިޖުތިމާޢީ މައްސަލަތަކެވެ.
ވަރި ގިނަވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުދިން ގިނައިން ހޯދުމަށް ހުރަސްއަޅާ ސަބަބުތަކުގެ ގޮތުގައި އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކެވެ. މިކަންކަމަށް އަވަސް ހައްލުތަކެއް ހޯދައިދީ ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތަށް ބަދަލު ނުގެނެވިއްޖެނަމަ، ދިވެހީންގެ އާބާދީ ކަންބޮޑުވާ މިންވަރަށް ދަށްވުމަކީ ކައިރީގައި އޮތްކަމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވާގޮތުން، ރާއްޖޭގެ އާބާދީ 515000 އަށްވުރެ ގިނައެވެ. މީގެތެރެއިން 132،493 އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއެވެ. ދުނިޔޭގެ އަބާދީއަކީ މިހާރު ގާތްގަނޑަކަށް 8.3 ބިލިއަން މީހުންނެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީނިސްބަތްވަނީ ގާތްގަނޑަކަށް 1.47 ބިލިއަން މީހުންނާއެކު އަވައްޓެރި އިންޑިއާގައެވެ.
ރާއްޖޭގެ އާބާދީ ކަންބޮޑުވާ މިންވަރަށް ދަށަށްދިއުމުގެ ބިރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ