ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޕީޕީއެމްގެ އެތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނީ ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމިޓީން ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ މައި އޮފީސް ހ. ތެމާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫނަށް ތާއީދުކުރައްވާ ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު އަލީ ރަޝީދު ވިދާޅުވީ މިހާތަނަށް ޕާޓީގެ ފަރާތުން ބައިވެރިވި ހުރިހާ އިންތިހާބެއް ކުރިއަށް ގެންދިޔައީ ޕާޓީގެ އިންތިހާބު ކޮމެޓީއާއި، ބައި އިލެކްޝަން ކޮމެޓީ ގުޅިގެން ކަމަށެވެ.
އަލީ ރަޝީދު ވިދާޅުވީ ޕީޕީއެމްގެ އިންތިހާބީ ކޮމެޓީއަކީ 2013 ވަނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ބޭއްވި ގައުމީ ޖަލްސާގައި އިންތިހާބު ކޮށްފައިވާ ކޮމިޓީއެއް ކަމަށްެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރެއިން އެކޮމިޓީއަށް އިންތާހާބާއި ގުޅޭ ހުރިހާ ކަމެއް ކުރުމުގެ ބާރު ލިބިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމަ މިހާރު ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނީ އަޅުގަނޑުމެން މި ކޮމިޓީން،" އަލީ ރަޝީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާއި ގުޅޭ ހުރިހާ ފޯމެއް ހުށަހަޅަން ޖެހޭނީ ހ. ތެމާގައި ހުންނަ ޕާޓީގެ މައި އޮފީހަށް ކަމަށްވެސް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުވެސް ކައުންސިލް އިންތިހާބަށް 250 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުން އައްޔަންކޮށްފައިވާ ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ކުރާނީ ޕާޓީގެ ރައީސް މައުމޫންގެ ލަފާފުޅުގެ މަތިން ކަމަށެވެ. އިންތިހާބަށް ވާދަކުރާ މީހުންނަށް ޕާޓީގެ ޓިކެޓް ދޫކުރާނީ ޕާޓީގެ ރައީސް މައުމޫން ސޮއި ކުރެއްވުމަށްފަހު ކަމަށާއި، އެހެން އޮފީހަކަށް ހުށަހަޅާ ފޯމްތަކުގެ ޒިންމާ ޕާޓީ އޮފީހުން ނުނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުން މިހެން ބުނެފައިވާއިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަނުން ބުނެފައިވަނީ ކައުންސިލް އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ އެ ފެކްޝަނުން އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލްގެ ބެއްލެވުމުގެ ދަށުން އެކަމަށް ދަރުބާރުގޭގައި ގާއިމުކުރާ އޮފީހެއްގައި ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ކުރާނީ އިންތިހާބާ ބެހޭ ކޮމިޓީން: މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ