ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސަސްޕެންޑް ކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއް ވަކިގޮތަކަށް ނިމެންދެން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭގޮތަށް ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސަސްޕެންޑްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހަސީން މިއަދު ވިދާޅުވީ ސަސްޕެންޑް ކޮށްފައިވާ ކަން އަންގައި ސުޕްރީމް ކޯޓުން އޭނާ އަށް ލިޔުމެއް ފޮނުވާފައިވާ ކަމަށެވެ. އެ ލިޔުމުގައި ވާގޮތުން އޭނާ ސަސްޕެންޑް ކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ތިލަފަތް ޕްރޮގްރާމްގައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން ކަމަށް ހަސީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި އޭނާ ސަސްޕެންޓްކޮށްފައި ވަނީ އެމްޑީޕީގެ 170 އަށް ވުރެ ގިނަ މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ބައިވެރިވެރިވުމުގެ އިތުރަށް މުޒާހަރާގައި ހައްޔަރު ކުރާ ގިނަ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ބައެއް ކޯޓުތަކުން ހިންގާ ބައެއް އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ހުރުމަތް ގެއްލޭ ކަމަށާއި އެހެންކަމުން ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމަށްޓަކައި ބިނާކުރަނިވި ގޮތެއްގައި އެ ޕްރޮގްރާމްގައި ޚިޔާލު ފާޅުކޮށްފައިވާނެ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
"ރާއްޖޭގެ ޝަރުއީ ބައެއް ކޯޓުތަކުން ހިންގާ ބައެއް އަމަލުތަލުތަކުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ހުރުމަތް ގެއްލޭ. ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމަށްޓަކައި ބިނާކުރަނިވި ގޮތެއްގައި ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ޚިޔާލު ފާޅުކޮށްފައިވާނެ،" ހަސީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިޔަވަޅު އެޅިޔަސް ހައިރާންވެވަޑައި ނުގަންނަވާ ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާގައި ވަރަށް ގިނަ މައްސަލަތަކެއް ހުރިކަމަށް ބޭރުގެ ފަރާތްތަކުން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި ސަސްޕެންޑް ކުރުމުން އެއީ އޭނާގެ ހައްގެއް ނިގުޅައި ގަތުން ކަމަށްވާތީ އެ މައްސަލަ ވަރަށް އަވަހަށް ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ