ސިއްހީ ދާއިރާގެ ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްްފި

ސިއްހީ ދާއިރާ ތަރައްގީ ކުރުމެގެ ގޮތުން ދެ މަސައްކަތެއް ކުރުމަށް ދެ ފަރާތަކާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ހަވީރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވެފައި ވަނީ ހއ. އިހަވަންދޫ ހެލްތު ސެންޓަރަށް އިތުރުކުރެވޭ ބައި އިމާރާތް ކުރުމަށާއި އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުންނަށް ތަމްރީން ކޯސްތަކެއް ހިންގުމަށެވެ.
އިހަވަންދޫ ހެލްތު ސެންޓަރަށް އިތުރުކުރެވޭ ބައި އިމާރާތްކުރުމަށް ހަވާލުކުރީ ރަޒާ ކޮންޓްރެކްޓިންގް ޕްރައިވެޓް ލިމިޓެޑަށެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ނާޒިމް އެވެ.
އިހަވަންދޫގައި ހިންގާ މަޝްރޫއަށް 1.3 މިލިއަން ރުފިޔާ ހޭދަކުރާއިރު މި މަޝްރޫއު 135 ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.
އަތޮޅު ތެރޭގެ ހެލްތު ފެސިލިޓީ ތަކުގެ އައިޓީ މުއައްޒަފުންނަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ އެއްބަސްވުމުގައިވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ނާޒިމް އެވެ.
މި މަޝްރޫއު ހަވާލުކުރެވުނީ ފޯކަސް ކޮމްޕިއުޓާސް އަށެވެ. 65،000 ރުފިޔާގެ މި މަޝްރޫއު 85 ދުވަސް ތެރޭ ނިންމަން ޖެހޭއިރު މިމަޝްރޫއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ