އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ ކޭބަލް ނެޓްވޯކް މަރާމާތު ކުރުމަށް މިއަދު ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލާފައި ވާތީ ގިނަ ބަޔަކު ދަތުރު ގޮސްފި އެވެ.
އައްޑޫގެ ގެތަކަށް ފެނަކައިން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން 16:00 އަށް ކަރަންޓު ކަނޑާލާނެކަން އަންގާ ނޯޓިސް ވެސް ފޮނުވާފައެވެ.
އެރަށުން ސީއެންއެމްއާ ވާހަކަ ދެއްކި މީހަކު ބުނީ، ރަށުގައި ކަރަންޓު ނެތުމުން މިއަދު ގިނަ ބަޔަކު ދިޔައީ ދަތުރުކަމަށެވެ.
"ކަރަންޓު ކަނޑާލާނެ ކަން އަންގާފަ އޮތީ. ދެން ކަރަންޓު ނެތިއްޔާ ނުއެއްތިބޭނެތާ. ގިނަ ބަޔަކުވީ މިއަދު ދަތުރުގޮސް،" އެމީހާ ބުންޏެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުގެ ބަހެއް ނުލިބެ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލް ނެޓްވޯކް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ވަނީ އެ ނެޓްވޯކްގެ މައްސަލައެއް ދިމާވެ އައްޑޫގެ ގިނަ ހިސާބުތަކުން އަށް ގަޑިއިރު ވަރަށް ކަރަންޓް ކެނޑިފަ އެވެ.
އެގޮތުން ހަވީރު ކަރަންޓު ކެނޑުން ގޮތަށް ދަންވަރު ދޭއް ޖަހަން އުޅެނިކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުނުއިރު ހޫނުވާތީ ގިނަ އަންހެންވެރިންނާއި ކުޑަކުދިން ކުނާ އަޅައިގެން މަގުމަތީ ކައިބޮއެ ނިދަން ތިއްބެވެ.
ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނުގެ އިންޖީނަކަށް ދިމާވި މައްސަލައާ ގުޅިގެން ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އިންޖީނިއަރުންގެ ޓީމެއް ވެސް އެކޮޅަށް ފޮނުވާފައެވެ.
ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލުމުން އައްޑޫގެ ގިނަ ބަޔަކު ޕިކްނިކް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ