ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދިފާއީ ވަކީލުން މަޝްހޫރުކަން ހޯދުމަށް ތަފާތު އުކުޅުތައް ޝަރީއަތުގެ މަޖިލީހުގައި ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ، އިއްޔެގެ އަޑުއެހުމުގައި ގާޒީ އަމަލު ކުރެއްވި ގޮތަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެން ތައުރީފު ކުރައްވައިފި އެވެ.
ފާއިޒުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔެފައި ވަނީ ޓީވީން ލައިވް ކުރާ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުންތަކުގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ލައިވް ކުރާ އަޑުއެހުންތަކުގައި ފެންނަ ބައެއް ކަންކަން ފެންނަމުންދާ ކަމަށެވެ.
"ލައިވް ކުރާ ޝަރީއަތެއް ނަމަ މަޝްހޫރުކަން ހޯދުމަށް ތަފާތު ޓެކްޓިކް ބޭނުން ކުރުމަކީ ހުރިހާ ތަނެއްގައި ވެސް ވަކީލުން ކުރާ ކަމެކެވެ. މަޝްހޫރުވެގެން ދިޔަ އޯޖޭ ސިމްޕްސަންގެ ޝަރީއަތް ދުނިޔޭގެ ގިނަ ޓީވީތަކުން ލައިވް ކުރި އެވެ. އެ މައްސަލައިގެ ދިފާއީ ވަކީލް މަޝްހޫރުވީ އޭނާގެ ސްމާޓުކަން ދައްކަން ކުރި މަސައްކަތުންނެވެ. ސައުތު އެފްރިކާގެ މަޝްހޫރު ބްލޭޑް ރަނާ އޮސްކާ ޕިސްޓޯރިއަސްގެ ޝަރީއަތަކީ ވެސް ދުނިޔޭގެ ގިނަ މީޑިއާތަކުން ލައިވްކުރި ޝަރީއަތެކެވެ. އެ ޝަރީއަތުން ވެސް ދިފާއީ ވަކީލުން ޓެކްޓިކް ބޭނުންކޮށް މަޝްހޫރުކަން ހޯދި އެވެ،" އެ ޕޯސްޓުގައި ވެއެވެ.
ފާއިޒު ވިދާޅުވީ ރާއްޖޭގައި މިހާރު ލައިވް ކުރެވެމުންދާ ޔާމީނުގެ ޝަރީއަތުގެ އަޑުއެހުންތަކުން ވެސް އެކަންކަން ފާހަގަވާ ކަމަށެވެ.
"ދިފާއީ ވަކީލަކު އޭނާގެ ސްމާޓުކަން ދެއްކުމުގެ ގޮތުން ވާހަކަދެއްކުމުގެ ތެރެއިން ބައެއް ބަސް ގާޒީއަށް ރައްދު ކުރާ މަންޒަރު ފެނެ އެވެ،" ފާއިޒު ވިދާޅުވި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ ޝަރީއަތުގައި މަޖިލިހުގައި އަދަބުތަކާއި ހިފަހައްޓަން ޖެހޭ އުސޫލާއި ހަމަތަކެއް ހުންނަ ކަމަށެވެ.
"އޭގެ ތެރެއިން ގިނަ ކަންކަމަކީ ދުނިޔޭގެ އެހެން ޖުރީސްޑިކްޝަންތައް ފަދައިން ލިޔެފައި ހުންނަ ކަންކަމެއް ނޫނެވެ. ނަމަވެސް ކޯޓުރޫމުތަކަށް ފަރިތަ ވަކީލުން، ރަނގަޅަށް ދަންނާނެ ކަންތައްތަކެވެ. އިއްޔެ ގާޒީ އިޝާރާތް އެކުރްވީ އެކަމަށެވެ،" ފާއިޒު ވިދާޅުވި އެވެ.
އިއްޔެ ގާޒީ ހައިލަމް "އެޅުއްވި ފިޔަވަޅު ރަނގަޅު" ކަމަށާއި ޝަރީއަތުގެ މަޖިލީހުގެ ހަމަތައް ހިފެހެއްޓުމަކީ އިސްކަމެއް ދެއްވައިގެން ފަނޑިޔާރު ކުރައްވާނެ ކަމެއް ކަމަށް ފާއިޒު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީނުގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައި ދިފާއީ ވަކީލު އާދަމް އާސިފް ހުތުބާއެއް ދެއްވާ ރާގަށް ވާހަކަދެއްކެވުމުން ގާޒީ އަހްމަދު ހައިލަމް ވަނީ އެކަން ހުއްޓުވާފަ އެވެ.
ވަކީލް އާދަމް އާސިފް ފުރަތަމަ ބަޔާން ދެއްވަން ފެއްޓެވީ ވަރަށް މަޑުންނެވެ. ނަމަވެސް ބަޔާނުގެ ވަކި ހިސާބަކުން އޭނާގެ އަޑު ބާރުވެ، ރާގު ވެސް ބަދަލުވާން ފެށި އެވެ. ވަކި ހިސާބަކަށް ބަޔާން ދެއްވިތަނާ ގާޒީ ހައިލަމް، ވަކީލް އާސިފް ހުއްޓުވި އެވެ. ހުއްޓުވުމަށް ފަހު ހައިލަމް ވިދާޅުވީ ބަޔާން ރަނގަޅަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކީލް އާސިފަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ވަކީލް އާސިފް ބަޔާން ދެއްވާއިރު ހީވަނީ ހުތުބާއެއް ދެއްވާހެން ކަމަށެވެ.
ގާޒީ އެފަދައިން ވިދާޅުވުމުން ވަކީލް އާސިފް ވިދާޅުވީ އެއީ އޭނާގެ އަޑު ހުންނަވާ ގޮތް ކަމަށެވެ. ނަމަވެސް އެކަން ދޮގު ކުރައްވާ ގާޒީ ހައިލަމް ވިދާޅުވީ އެއީ އަޑު ހުންނަވާ ގޮތް ނޫން ކަމަށާއި އާސިފަކީ ކްރިމިނަލް ކޯޓަށް އަލަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.
"އަޑު އެކަންޏެއް ނޫން. ރާގު ވެސް ތިޔަ ގެންގުޅުއްވާ ގޮތާއި، ޚުތުބާއެއް ވިދާޅުވަނީހެން ވެސް ބައެއް ފަހަރު ހީވާނެ. އެހެން ނޫނީ ޑްރާމާއެއް ކުޅުއްވާހެން ވެސް ހީވާނެ،" ގާޒީ ވިދާޅުވި އެވެ.
ވަކީލު އުޅުއްވީ މަޝްހޫރުކަން ހޯދަން، ގާޒީ އަމަލުކުރެއްވީ ރަނގަޅަށް: ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ