އެމްޑީޕީއަކަށް ދެން މަޖިލީހުގެ އިތުރު މެންބަރުންނެއް ނުހޯދޭނެ: ގާސިމް

އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމްޑީޕީއަށް ނުގެންދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ "ދެން އިތުރަކަށް އެމްޑީޕީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުހޯއްދެވޭނެ" ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި )އިތުރަކަށް( މެންބަރުންނެއް ނުވެސް ހޯދޭނެ،" މެންބަރުން ހޯދުމުގައި އެމްޑީޕީ އަދި ވެސް މެކްހަށް ޖަހާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް އަމާޒު ކުރައްވައި ގާސިމް ވިދާޅުވީ ތަޅުލެވުމެއްގެ ތެރޭގައި، ބަންދުވުމެއްގެ ތެރޭގައި ތިއްބަވައިގެން ގައުމު ހަލާކުކޮށް ނުލުމަށެވެ. އަދި ވިދާޅުވީ ރަނގަޅަށް ވިސްނާވަޑައިގަތުމަށާއި އެއްވެސް މެންބަރަކު އެމްޑީޕީއާ ގުޅިވަޑައިނުގަތުމަށެވެ. އެމްޑީޕީގެ ފިކުރާއި ވިސްނުން ރަނގަޅު ނޫން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވެވި އެވެ.
"ގައުމުގެ އެޑްމިނިސްޓްރޭޝަނަށް އެހީވުމާއި ދާއިރާއަށް އެހީވުމުގެ ނަމުގައި މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައް ދިޔަ ނުދޭށޭ. އެ މަސްއޫލިއްޔަތު )މަޖިލީހުގެ މަސްއޫލިއްޔަތު(. ގާނޫނު އަސާސީން ރައްޔިތުންނާ ހަވާލުކޮށްފައިވާ މެންބަރުންގެ އަތުގައި އެބައޮތް ހުރިހާ ބާރެއް. މިގައުމު މިދަނީ ފަނާވެގެން ފުނޑުނޑުވެގެން ގައުމުގެ މިނިވަންކަން ގެއްލޭ ދުވަސް... އަޅުގަނޑު ހަމަ އަސަރާއެކު މިދަންނަވަނީ މާ ދުރަކު ނެތޭ )އެދުވަސް(،" ގާސިމް ވިދާޅުވި އެވެ. " އަޅުގަނޑުމެންގެ ދީނާއި މިއްލަތާ މަޒުހަބާ އުސޫލުތައް ކާބަފައިން ގެނެސްދިން މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ދުވަސް މިދަނީ ފެނިގެން. މާތްވެގެންވާ އިސްލާމްދީން ބީވެގެން ގޮސް މިތާނގައި ބުދުފައްޅިތައް އަޅާ ހިސާބަށް ދާކަށް އަޅުގަނޑު ނޭދެން،"
ގާސިމް ވިދާޅުވީ މެންބަރުން ކޮންމެ ޕާޓީއެއްގައި ތިއްބެވި ނަމަވެސް ގާނޫނު އަސާސީގައިވާ ގޮތަށް އަމަލު ކުރަން އާދަކުރައްވަން މެންބަރުން ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތންގެ މަޖިލީހުގެ އިއްޒަތްތެރިން މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ވެވަޑައިގަންނަވާށޭ އޭރުންނޭ ތިބޭފުޅުންގެ ދާއިރާތަކުން ތިބޭފުޅުން ހޮވާނީ މިއަދު ރާއްޖޭ ލޮބުވެތި ރައްޔިތުންނަކީ މީގެ ކުރީގައި ތިބި ކަހަލަ ބައެއެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާށޭ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ