ނަޝީދު ވިދާޅުވަނީ ދެފަޅީގެ ތަފާތު "ތުނިވެފައިވާ" ކަމަށް

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގަައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރި މެމްބަރުންގެ އަަދަދާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެމްބަރުންގެ އަދަދުގެ ފަރަގު ކުޑަވުމުން ނަޝީދު މިއަދު ނުސީދާ ގޮތެއްގައި އެކަން ފާހަގަކުރައްވައިފި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވި އިރު ނެގި އެންމެ ހިޔާލުތަފާތުވުން ބޮޑު ވޯޓަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ ވޯޓެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ބިލުގެ މުޅި މަގުސަދާ ހިލާފު އިސްލާހެެކެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކުރެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށެވެ.
ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ ބިލުގައިވާ ކަމެއް ނަފީކުރާ އިސްްލާހެއް ހުށަނޭޅޭނެ ކަމަށެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެގޮތަށް ވަކާލާތު ކުރެއްވި އެވެ. އެހެން ނަަމަވެސް ވޯޓުގެ ގަޑީގައި ޝާހިދު އެ އިސްލާހު ހުށަހަޅުއްވަން ރިޔާސަތުން ފުރުސަތު ދެއްވި އެވެ. އެގޮތުން އޭނާ އިސްލާހު ހުށަހަޅުއްވައި ނިންމަވައިލެއްވުމުން އެ އިސްލާހަށް ތާއީދު ކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތެދުވެވަޑައިގެން ހުންނަވަނިކޮށް ވެސް އަފީފު ވާހަކަ ދެއްކެވި އެވެ.
ވޯޓުގެ ގަޑީގައި ނިޒާމާ ބެހޭ ނުކުތާއެއް ނުނެގޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނި ނަމަވެސް އަފީފަށް ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ މަޖިލީހުގެ އެންމެ ދޮށީ މެމްބަރުންގެ ތެރެއިން މެމްބަރަކަށް ވާތީ ދެއްވި ހާއްސަ ފުރުސަތެއް ކަމަށެވެ.
ޝާހިދުގެ ހުށަހެޅުމަށް ވޯޓަށް ނޭހޭނެ ކަމަށް އަފީފު ވިދާޅުވި ނަމަވެސް ނަޝީދު އެ ހުށަހެޅުމަށް ވޯޓަށް އެއްސެވި އެވެ. އެ ހުށަހެޅުން ފާސްކުރީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 31 ،މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވީ ދެ މެމްބަރެކެވެ.
އެ ހުށަހެޅުން ފާސްކުރުމާ އެކު ރިޔާސަތުން ނަޝީދު ވިދާޅުވީ "މި ތުނިވެފައިވާ ވަރު" މިހާރު އެނގޭނެ ކަމަށެވެ.
"މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެ އިޝާރާތްކުރެއްވީ ބެލެވޭ ގޮތުގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވާ މެމްބަރުންނާއި ނުދެއްވާ މެމްބަރުންގެ ދެމެދުގައި އޮތް ތަފާތަށެވެ. މީގެ ކުރިން ނެގި ބައެއް ވޯޓުތަކުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވީ ސަރުކާރުން އެދޭ ގޮތަށް ވޯޓު ދެއްވާ މެމްބަރުންނެވެ.
އޭގެ އެއް ވޯޓަކީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅުމުން ނެގި ވޯޓެވެ. އެފަހަރު ނަޝީދުގެ ސްޓޭންްޑަކީ ގާނޫނު އަސާސީއަށް ބަދަލު ނުގެނައުމެވެ. އެ ފަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނެގި ވޯޓުގައި ސަރުކާރާ އެއްކޮޅަށް 42 ވޯޓު ލިބުނެވެ. އެއީ އެކަމަކު 55 މެމްބަރުންގެ ތެރެއިންނެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވަ އެވެ. އެފަހަރު ނަޝީދާ އެއްކޮޅަށް ސާފުކޮށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ